މިތުރު ޤުރުއާން ކްލާހުން ހިންގި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1 ފުރިހަމަކޮށް، އެންމެމަތީ ދަރަޖައިގައާއި، މަތީދަރަޖައިގައި ފާސްވެފައިވާ ލޯފަން ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ބައްދަލުކުރައްވައި އެކުދިންނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންވެސް މަތީތަޢުލީމާއި ތަމްރީން ހޯދުމަށް ނައިބު ރައީސް ހިތްވަރު ދެއްވިއެވެ.

ތަފާތު ދަތިތަކާއެކުވެސް، މިފަދަ މަތީވަނަތަކެއް އެދަރިވަރުން ހޯދީތީ، މުޅި ދިވެހި ޤައުމުވެސް އެކުދިންނަށްޓަކައި އުފާކޮށް، އެކުދިންގެ ކާމިޔާބީގައި ބައިވެރިވެ އަދި އެކުދިންނަށް މަރުޙަބާ ކިޔައި، ޝުކުރުއަދާކުރާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެކުދިންނަށް ކިޔަވައިދެއްވައި، މިހާހިސާބަށް ގެނައުމުގައި، ބުރަ މަސައްކަތްތަކެއް ކޮށްދެއްވި މިތުރު ޤުރުއާން ކްލާހުގެ ޤުރުއާން މުދައްރިސް އަލްފާޟިލާ ސީމާ ޢަބްދުލްކަރީމަށްވެސް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

އެހެން ދަރިވަރުންނާއެކު މިކޯހުގައި ބައިވެރިވި ލޯފަން 6 ދަރިވަރުންގެ ތެރެއިން 5 ދަރިވަރުންނަށް ހައި ޑިސްޓިންކްޝަން ލިބިފައިވެއެވެ. އަދި 1 ދަރިވަރަކަށް ޑިސްޓިންކްޝަން ލިބިފައިވެއެވެ. މި 6 ދަރިވަރުންނަކީ ޤުރްއާނާބެހޭ މަރުކަޒުގެ ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1 ފުރިހަމަކޮށް ފާސްވި ފުރަތަމަ ލޯފަން ދަރިވަރުން ކަމުގައި އެމަރުކަޒުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިކުދިންނަށް ނަތީޖާ ޙަވާލުކޮށްދެއްވުމަށްފަހު، ނައިބު ރައީސް ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވެފައިވާ ކުދިންނާއި، ތަފާތު ހުނަރުތައް ހުންނަ ކުދިންނަށް އެކުދިންގެ ހުނަރުތައް ތަރައްޤީ ކުރުމަށް އެހީތެރިވެދިނުމަކީ، މި ސަރުކާރުން ވަރަށް އަހަންމިއްޔަތު ދެއްވާ ކަމެއް ކަމުގައެވެ. އަދި ވަސީލަތްތައް ތަނަވަސްވީ މިންވަރަކުން އެހީތެރިވެދެއްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި މިކަން މިގޮތަށް ކުރުމަކީ، ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި، އިންސާނީ ޙައްޤެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ކުދިންނަށް ކުރިއަށް ދިޔުމުގެ ތަފާތު މަގުތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތުދެއްވައި، މިފަދަ ބައެއް ކަންތައްތަކާ ބެހޭގޮތުން އެކުދިންނާ މަޝްވަރާ ކުރެއްވިއެވެ.

ބްލައިންޑް އެސޯސިއޭޝަނުން، ވަކިން ޚާއްޞަކޮށް، އެ އެސޯސިއޭޝަންގެ ރައީސް މުޙަންމަދު މާޒިން، ލޯފަން ކުދިންނަށް އެހީތެރިވުމަށްޓަކައި ކުރައްވާ ބުރަ މަސައްކަތަށް ތަޢުރީފު ކުރައްވަމުން، ކުރިމަގުގައި މިފަދަ ގިނަ ތަފާތު ޕްރޮގްރާމްތަކުގައި އެކުދިން ބައިވެރިވުމަށް އިތުރަށް ނައިބު ރައީސް ހިތްވަރު ދެއްވިއެވެ. އަދި މިތުރު ޤުރުއާން ކްލާހުން މިފަދަ ޕްރޮގްރާމްތައް ހިންގަވައި ކުރިއަށް ގެންގޮސް ދެއްވާތީ، މިތުރު ޤުރުއާން ކްލާހުގެ ކޯޑިނޭޓަރ އަލްފާޟިލާ މަރްޔަމް ޙަބްލާއަށާއި އެތަނުގެ އިސްފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޚާއްސައެހީއަށް ބޭނުންވެފައިވާ ކުދިންނާއި މީހުންނަށް މިސަރުކާރުން، ޚާއްސަކޮށް، ނައިބު ރައީސް ބަހައްޓަވާ ގާތް ކަމަށްޓަކައި މިކުދިން ޝުކުރު ދެންނެވިއެވެ.