ސަރުކާރުން މިއަދު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޤައުމުގެ މުހިންމު ކަންކަމުގެ މުގޫ، ދިވެހި ރައްޔިތުންގެ އަތުން ބީވެެގެން ދިޔަ ނުދެއްވައި، ސިޔާސީ ގޮތުންނާއި ރޭވުންތެރިކަމުގެ ގޮތުން މުހިންމު ޚާރިޖީ ގުޅުންތައް ޤާއިމުކުރައްވައި ދެމެހެއްޓެވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސިފައިންގެ އޮފިސަރ ކެންޑިޑޭޓް ކޯހުން ފާސްވި ދަރިވަރުންނަށް ކަނޑި ހަވާލުކޮށްދެއްވުމާއި، މި ކޯހުން ވަނަ ހޯދި ދަރިވަރުންނަށް އިނާމު ދެއްވުމަށްޓަކައި މިއަދު ހަވީރު ގިރިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުންނެވެ. އެ ގުޅުންތަކުގެ ތެރެއިން ދިވެހިރާއްޖެއާއި އެކުވެރިކަމުގެ ޤައުމުތަކުގެ މަޞްލަޙަތު ހިފެހެއްޓެވޭ ސިޔާސަތެއް ޤާއިމުކުރައްވައި ދެމެހެއްޓެވުމަކީވެސް، އިސްކަންދެއްވާ ކަމެއް ކަމަށާއި މާތްﷲގެ އިރާދަފުޅާއެކު، މިކަމުގައި ދިވެހިރާއްޖެއަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތީ އެންމެ މަތީ މަޞްލަޙަތުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ވިސްނަންޖެހޭ އެންމެ މުހިންމު އަނެއް ކަމަކީ، އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް ކުރިއެރުވުމާއި، ރާއްޖޭގެ އިޤްތިޞާދީ މުހިންމު ޞިނާޢަތްތައް ހަލުވިކަމާއި ހަރުދަނާކަމާއި ރޭވުންތެރިކަމާއެކު، ކުރިއެރުވުން ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ހިނގައްޖެނަމަ، މިނިވަންކަމާއި އަމިއްލަވަންތަކަމުގެ ވާހަކައަކީ، މާނައެއް ހުރި ވާހަކައަކަށް ނުވާނެކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ހުރަސްއެޅުމަށް އެއްވެސް ބަޔަކު މަސައްކަތްކުރާނަމަ، އެއީ އަޅުގަނޑުމެން ކަންބޮޑުވާނެ ކަމެއް ކަމަށާއި، ޤައުމުގެ މަޞްލަޙަތަށް އުނިކަން އަންނާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤާނޫނު ތަންފީޒުކުރުމާއި ޤައުމީ ސަލާމަތަކީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ ޒިންމާއެއް ނޫންކަމާއި އެއ،ީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއްކަން ހަނދާންކޮށްދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށާއި ޤައުމީ މަޞްލަޙަތަށް ބުރޫއަރާ އެއްވެސް ކަމެއް ނުކުރުމަށް ކޮންމެ ރައްޔިތެއްގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، މިފަދަ ކަންތައްތަކަށް ސަލާމަތީ ބާރުތަކުން ސަމާލުކަންދީ، ފާރަވެރިވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެެވެ.

މިއަދު ކޮމިޝަން ކުރެވުނު އޮފިސަރުންނާ ރައީސުލްޖުމްހޫރިއްޔާ މުޚާޠަބު ކުރައްވަމުން، ކޮމިޝަން ކުރެވުނު ކޮންމެ އޮފިސަރަކީވެސް ޤައުމުގެ ދިފާޢީ ނިޒާމު ހަރުދަނާކޮށް، ރާވައި ހިންގައި ބެލެހެއްޓުމަށް ލިބިފައިވާ ވަސީލަތްތަކުގެ ޗޭނަށް އިތުރުވެގެންދާ ބޮޅެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކޮންމެ އޮފިސަރަކީވެސް އެޗޭނުގެ ބަލިކަށި ގުޅުމަކަށް ނުވެ، އެ ޗޭނުގެ ވަރުގަދަކަން އިތުރުކޮށްދޭ ބާރަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.