ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ދެކުނު އޭޝިޔާ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ހުއާން މިރަންޑާ، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއަށް އިޤްތިޞާދީ ގޮތުން ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު، މިސްޓަރ ހުއާން މިރަންޑާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިވަގުތު ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ތެލަށްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމަށްޓަކައިވެސް ތެލުގެ ޚަރަދު ކުޑަކުރެވޭނެ އާ ހޯދުންތައް ހޯދަންޖެހޭ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އޭ.ޑީ.ބީ.ގެ އެހީގައި ރާއްޖޭގައި މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރިނިއުބަލް އެނަރޖީ ޕްރޮޖެކްޓްގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

މިސްޓަރ ހުއާން މިރަންޑާގެ ވާހަކަފުޅުގައި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ހަރުދަނާ ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އޭ.ޑީ.ބީ އިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.