ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ)ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ މިޒް ލީން ކޭ. ކްރިސްޓިއަންސެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިޒް ކްރިސްޓިއަންސެން، ޔޫ.އެން.އެފް.ޕީ.އޭގެ ޑިރެކްޓަރގެ މަޤާމުގައި ހުންނަވައިގެން، އެކި ގޮތްގޮތުން ދެއްވި އެއްބާރުލެއްވުމަށާއި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެކަމަނާއަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސާސްކަފްގެ ލަޑުދަނޑިތައް ޙާޞިލްކުރުމުގައި، ވަކިން ޚާއްޞަކޮށް، އަންހެނުންގެ ތަރައްޤީއާއި ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމުގައި ހޯދިފައިވާ ކާމިޔާބުތަކާއި، މިކަމަށް ހުރި ގޮންޖެހުންތަކާބެހޭ މަޢްލޫމާތު މިޒް ކްރިސްޓިއަންސެނަށް ދެއްވިއެވެ. އަދި މިކަމުގައި ޔޫ.އެން.އެފް.ޕީ.އޭ.ގެ އެހީތެރިކަން ހޯއްދެވިދާނެ އިތުރުގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިޒް ކްރިސްޓިއަންސެންގެ ވާހަކަފުޅުގައި، ޔޫ.އެން.އެފް.ޕީ.އޭ.ގެ ފަރާތުން ރާއްޖެއަށް އަބަދުވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި އަންހެނުންނަށާއި އިންސާނީ ޙައްޤުތަކަށް ޚާއްޞަ ކުރެވިގެން ސަރުކާރުގައި ވަކި މިނިސްޓްރީއެއް ހުންނަކަން ފާހަގަކުރައްވައި، އެއީ މިފަދަ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ ފަރާތުން އެޅުއްވި ވަރަށް ރަނގަޅު ބާރެއް ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.