ކޮޅުނބުގައި ތިއްބަވާ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުގެ އެމްބެސެޑަރުން ހިމެނިވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު މުލީއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، އީ.ޔޫގެ ވަފުދާއެކު މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށާއި އިންސާނީ ޙައްޤުތައް ރައްކާތެރިކުރެއްވުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ޔޫރަޕުގެ އެކުވެރި ޤައުމުތަކުގެ އެހީތެރިކަމާއެކު މި މަސައްކަތް އިތުރަށް ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓެވުމަށާއި އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.