ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ވާރލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ގާލާގައި ބައިވެރިވެވަޑައިގެންފިއެވެ. މިޙަފްލާ އޮތީ ޕެރެޑައިޒް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައެވެ.

ރޭ ބޭއްވި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، ދުނިޔޭގެ ފެންވަރުގެ ފަތުރުވެރި މަންޒިލަކަށް ހައްދަވައިދެއްވީތީ، މިދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއަހަރުގެ ވާރލްޑް ޓްރެވެލް އެވޯޑްސް ޙާޞިލް ކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ.