އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ އޮސްކާ ފެނާންޑެޒް ޓްރެންކޯ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާ ބެހޭގޮތުންނާއި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިއަހަރު ރާއްޖޭގައި މިބޭއްވޭ އިންތިޚާބަކީ ދެފުށް ފެންނަ، މިނިވަން އަދި އިންޞާފުވެރި އިންތިޚާބަކަށް ހެއްދެވުމަށްޓަކައި، އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެނާންޑެޒް ޓްރެންކޯގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި ރާއްޖޭގައި މަލްޓި-ޕާރޓީ ޑިމޮކްރެޓިކް ސިސްޓަމެއް ޤާއިމުކޮށް، މި ރޮނގުން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިދިޔަ އަހަރުގެ ފެބްރުއަރީމަހު ރާއްޖޭގެ ވެރިކަން ބަދަލުވުމާ ގުޅިގެން، ރާއްޖޭގައި ހަމަޖެހުން ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ފިޔަވަޅުތަކަށް ތަޢުރީފު ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ބޭނުންވާ ކަންކަމުގައި، އ.ދ. ގެ އެހީތެރިކަން އަބަދުވެސް ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އ.ދ. އިން ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިނިވަން އިންތިޚާބެއް ބޭއްވުމަށާއި، އެހެން ފަރާތްތަކާއެކު މަޝްވަރާ ކުރެވޭނެ އަމާން މާޙައުލެއް ޤާއިމްކޮށް، ރާއްޖޭގެ ޑިމޮކްރަސީ އިޞްލާޙު ކުރުމަށާއި، ސަރުކާރުގެ މުއައްސަސާތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.