ރާއްޖޭގެ އެންމެބޮޑު މުއްސަނދިކަމަކީ އަދި އެންމެބޮޑު ރައުސްމާލަކީ، އަޅުގަނޑުމެންގެ ދަރިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑުއަތޮޅު އަތޮޅު މަދްރަސާގައި އޭ ލެވެލަށް ކިޔަވައިދިނުން އިފްތިތާޙު ކުރެއްވުމަށް، މިރޭ އެ މަދްރަސާގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭ ލެވެލަށް ކިޔަވައިދިނުން އިފްތިތާޙުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީގައި އަޅުގަނޑުމެންގެ ދަރިން އަދާކުރަންޖެހޭ ދައުރުގެ މައްޗަށް ބައްލަވައިލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޤައުމުގެ ތަރައްޤީގެ މައިގަނޑު މަސައްކަތް ކުރަންޖެހޭނީ، އަދި އެ ތަރައްޤީ ހިންގާ ބަޔަކަށްވާންޖެހޭނީވެސް އަޅުގަނޑުމެންގެ ދަރިންނެވެ. އެހެންވީމާ، އެ ދެވެންހުރި އެންމެމަތީ ފެންވަރުގެ ތަޢުލީމެއް، ކޮންމެ ކުއްޖަކަށްވެސް ދޭންޖެހޭ ކަމަށާއި، އެ ތަޢުލީމުވެސް ދިނުމަށްޓަކައި ކުއްޖާގެ ޞިއްޙަތު ރަނގަޅު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަތީ ޘާނަވީ ތަޢުލީމު ތަޢާރުފް ކުރެއްވުމުގެ މަޤްޞަދަކީ، ކުދިންނަށް މަތީ ފެންވަރުގެ ތަޢުލީމެއް ދެއްވުމާއި، މުސްތަޤްބަލުގައި ކޮންމެ ކުއްޖަކީވެސް މަތީ ޘާނަވީ ނިމިފައި ހުރި ކުއްޖަކަށް ހެއްދެވުން ކަމުގައި ވިދާޅުވިއެވެ. އައްޑޫސިޓީއަކީ ތަޢުލީމަށް ލޯބިކުރައްވާ ރައްޔިތަކު ދިރިއުޅުއްވާ ސިޓީއެއް ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވަމުން، އައްޑޫސިޓީގެ ސްކޫލްތަކުގެ ތަޢުލީމީ ފެންވަރު، ޤައުމީ ނިސްބަތުން ރަނގަޅުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އައްޑުއަތޮޅު އަތޮޅު މަދްރަސާގައި އޭ ލެވެލަށް ކިޔަވައިދިނުމުގެ ފުރްޞަތު ހުޅުވިގެންދިޔުމާއެކު، އޭ ލެވެލް ތަޢުލީމު ހޯދަން މާލެދާ ކުދިންގެ ޢަދަދު މަދުވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދިޔަ އަހަރު އޯ ލެވެލް އިމްތިޙާނު ނިންމި ކުދިންގެ ތެރެއިން، މިއަހަރު އޭ ލެވެލަށް ކިޔެވުމުގެ ފުރްޞަތު ލިބުނު ކުދިންގެ ޢަދަދު، ނިސްބަތުން މަދުކަން ފާހަގަކުރައްވަމުން، އެ ޢަދަދު އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތަޢުލީމީ އެކި މަރްޙަލާތައް ނިންމައި ނުކުންނަ ޒުވާނުންނަށް އެކިއެކި މަސައްކަތް ފެށޭނެ ފުރްޞަތު ހޯދައިދޭން އެބަޖެހޭ ކަމަށާއި، ރަށްރަށުން އޭ ލެވެލް ނިންމައިގެން ނުކުންނަ ކުދިންނަށްވެސް، އެރަށްރަށުގައި އެކިއެކި މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށްދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމަކީ ތަރައްޤީގެ ބިންގާކަން ފާހަގަކުރައްވަމުން، ތަރައްޤީވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، އިންސާނީ ވަސީލަތް ކުރިއެރުވުން ކަމުގައި ވިދާޅުވިއެވެ. އަދި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަކީ، ކޮންމެ ކުއްޖަކަށް ލިބިފައިވާ ސިކުނޑީގެ ކުޅަދާނަކަމާއި، އެކުއްޖަކަށް ޤުދްރަތީގޮތުން ލިބިފައި ހުރި ކުޅަދާނަ ކަމެއް، އެންމެ ފުރިހަމައަށް ޙާޞިލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުންކަން ބަޔާންކުރެއްވިއެވެ. އަދި އިންސާނީ ވަސީލަތް ބިނާކުރުމުގައި، ކުއްޖާގެ އެންމެ ޅަފަތުން ފެށިގެން ކުއްޖާގެ ހަށިގަނޑާއި ސިކުނޑި ތަރައްޤީ ކުރުމަށް ސަމާލުކަންދީގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.