ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އައްޑޫސިޓީ ހުޅުމީދޫގެ މަގުތައް ހެދުމުގެ މަޝްރޫޢު މިއަދު ހަވީރު ފަށްޓަވައި ދެއްވައިފިއެވެ.

މަގުތައް ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އައްޑުއަތޮޅުގެ ބޮޑެތި ރަށްރަށުގެ މަގުތައް ހެދުމަކީ، އަތޮޅުގެ ތަރައްޤީއަށްޓަކައިވެސް ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ހުޅުމީދޫގައި ތަރައްޤީގެ އިތުރު މަޝްރޫއުތައް ހިންގެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްރަށުގައި މި ހެދޭ މަގުތަކުގެ ސަބަބުން އެރަށްރަށުގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، ޢާންމު ދިރިއުޅުމަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ އުންމީދަކީ، ތަރައްޤީގެ މިފަދަ މަޝްރޫޢުތައް އެއްވެސް މެދުކެނޑުމެއްނެތި، ވީހާވެސް ބާރު މިނެއްގައި ކުރިއަށް ގެންދެވުން ކަމުގައި ވިދާޅުވިއެވެ.

ހުޅުމީދޫގެ މަގުތައް ހެދުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައި ދެއްވުމަށްފަހު، ހުޅުދޫގައި އެސް.ޓީ.އޯ.ގެ ފަރާތުން ހައްދަވާފައިވާ ފާރމަސީ ހުޅުއްވައިދެއްވިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވާ ބޭސް، އާސަންދައިގެ ދަށުން، އެ ފިހާރައިން ހިލޭ ލިބެން ހުންނާނެކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ފާރމަސީއެއް އެރަށުގައި ހުޅުއްވައި ދެއްވި ކަމަށްޓަކައި އެސް.ޓީ.އޯ.އަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.