ބޭރުން ކިތަންމެ އެހީއެއް ލިބުނު ކަމަށްވީނަމަވެސް، އެ އެހީތައް ދެމެހެއްޓެނިވި ގޮތަކަށް ބޭނުންކުރެވޭނެ ސިޔާސަތުތަކާއި ރޭވުންތައް ރާވަން އެބަޖެހޭ ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އައްޑޫސިޓީގެ ހިތަދޫ އަދި ފުވައްމުލަކުގައި ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކުގައި އިކޯ ޓުއަރިޒަމް ކުރިއަރުވައި، ކުޅިތައް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމާއި އަދި އެ ރަށްރަށުގެ ފެންހިންދާ ނިޒާމް ފަރުމާކޮށް، ރަނގަޅު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހެނދުނު ޓްރޭޑަރޒް ހޮޓެލްގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، އެ ކުރާ ކަމެއްގެ ފައިދާއެއް ދެމިއޮންނާނީ، ދެމެހެއްޓެނިވި އިޤްތިޞާދީ މާޙައުލެއް އުފެއްދިގެންކަން ފާހަގަކުރައްވަމުން، އަޅުގަނޑުމެންގެ ތިމާވެށި މިއަދު މުހިންމުވެފައިވާ ސަބަބުތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުން ބޭރުގެ ކުންފުނިތަކަށް މިއަދު ބޮޑު އަގެއްގައި މި ވިއްކަނީ ތިމާވެށި ކަމަށާއި، އެނޫން އެހެން އެއްވެސް އެއްޗެއް ނޫން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އެހެންވީމާ، ތިމާވެށި ސަލާމަތްނުކޮށް، އަޅުގަނޑުމެން ސަލާމަތް ކުރަންވީ އެއްޗެއް ނެތް ކަމަށާއި، ތިމާވެށި ހަލާކުވެގެންދިޔައީމާ، ދެން އެ އިޢާދައެއް ނުކުރެވޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މާތްﷲ މި ޤައުމަށް ދެއްވާފައިވާ އަގުހުރި ނިޢުމަތްތައް ސަލާމަތް ކުރުމުގައި، އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް އެބަ ވާންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ތިމާވެށި ޙިމާޔަތްކޮށް، ތިމާވެށްޓާ ގުޅިގެން ހިންގޭ މަޝްރޫޢުތައް ހިންގުމުގައި، އެންމެން އެކަތިގަނޑަކަށްވެ، އެކައްޗެއް ކިޔަން އެބަޖެހޭ ކަމަށާއި، ރަށުގެ ތަރައްޤީއަށްޓަކައި ނުވަތަ އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަމެއްގައި، ކިތަންމެ ޚިޔާލު ތަފާތުވީ ކަމުގައިވިޔަސް، އެކަމުގެ ގެއްލުން ޙަޤީޤަތުގައި ލިބޭނީ، ނިކަމެތި ރައްޔިތުންނަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ތިމާވެށި ޙިމާޔަތް ކުރެއްވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، މިނިސްޓަރަށާއި، އެ ވުޒާރާގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެމިނިސްޓްރީން އެކުރައްވާ މަސައްކަތްޕުޅުތަކަކީ، ނަމޫނާ މަސައްކަތްޕުޅުތަކެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓްރީއެއް ސިޔާސީވެގެން ނުވާނެ ކަމަށާއި، މިނިސްޓްރީތައް ވާންޖެހޭނީ، ނަތީޖާ ޙާޞިލުކުރާ އަދި އިޤްތިޞާދީ ކާމިޔާބީތައްވެސް ޙާޞިލުކުރާ ތަންތަނަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.