ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ޚަރަދު ކުރަން މިޖެހެނީ ތެލަށް ކަމަށާއި، ސަރުކާރުގެ ބަޖެޓުން ގާތްގަޑަކަށް ފައްސަތޭކަ މިލިއަންރުފިޔާ ކޮންމެ އަހަރަކު ތެލުގެ ސަބްސިޑީޒަށް ޚަރަދުކުރަން ޖެހުމަކީ ރާއްޖެއަށް ކެތްކުރެވޭވަރުގެ ކަމެއްނޫން ކަމަށް ވިދާޅުވެ، މިކަމާ ދޭތެރޭގައި ވަރަށް ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން އިންތިޒާމް ކުރައްވައިގެން ހިންގަވާ ފަހިއަލި ޕްރޮގްރާމް އިފްތިތާޙް ކުރެއްވުމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތެލުގެ ޚަރަދު ކުޑަކުރުމަށްޓަކައި ކަރަންޓު ޚަރަދު ކުޑަކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، ކަރަންޓުގެ ޚަރަދު ކުޑަކުރުމަށްޓަކައި އަޅުގަނޑުމެންގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިއަދު މިފެށިގެން ދިޔަ ފެހިއަލި ޕްރޮގްރާމަކީ މިގޮތުން ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް ހިންގޭ ޕްރޮގްރާމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަހިއަލި ޕްރޮގްރާމަށް ޗައިނާގެ ހިލޭ އެހީގެ ގޮތުގައި 250،000 ލެޑް ލައިޓު ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދެއްވިކަމަށްޓަކައި ޗައިނާ ސަރުކާރަށް، ޚާއްޞަކޮށް، ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ލައިޓުތައް ހަރުކުރުމުގެ ސަބަބުން ސަރުކާރުން ކުރައްވާ ޚަރަދުގެ ތެރެއިން އަހަރަކު 85 މިލިއަން ރުފިޔާ ކުޑަވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ޗައިނާގެ ސަރުކާރުން ލިބުނު ހޮޅިބުރިތައް ސަރުކާރުގެ ހުރިހާ ޢިމާރާތްތަކެއްގައި ހަރުކުރެއްވުމަށް ގަސްދު ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ހޮޅިބުރިތައް ފުރަތަމަ ހަރުކުރައްވަނީ ސަރުކާރުގެ ހުރިހާ އޮފީސްތަކެއްގައި ކަމަށާއި، މިގޮތުން ރައީސް އޮފީހުގެ ހޮޅިބުރިތައް މިއަދު ބަދަލުކުރައްވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ހޮޅިބުރިތައް އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ލިބުމުގެ ފުރްޞަތުވެސް އެބައޮތް ކަމަށާއި، ބަނދަރުމަތީގައި ހުންނަ ހޮޅިބުރިތައްވެސް މި ޕްރޮގްރާމުގެ ދަށުން ލެޑް ލައިޓްސްއަށް ބަދަލުކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމަކީ ހަމައެކަނި މާލެއަށް ނޫނީ ސަރުކާރަށް ކަނޑައެޅިފައި އޮތް ޕްރޮގްރާމެއް ނޫން ކަމަށާއި، މިއީ، ރާއްޖޭގެ ހުރިހާ ރަށަކުންވެސް ބައިވެރިވެގެން ބޮޑު ސްކޭލެއްގައި ހިންގޭ މިފަދަ އެންމެ ފުރަތަމަ އެއް ޕްރޮގްރާމް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރަށްވުރެ އިޤްތިޞާދު ކުޑަކުރެވޭ ގޮތަކަށް ކަރަންޓް އުފައްދަންޖެހޭ ކަމަށާއި، އެންމެ ފަސޭހައިން ރާއްޖޭގައި ކަރަންޓް އުފެއްދެން އަންނަނީ އިރުގެ އަވި ބޭނުންކޮށްގެން ކަމުގައިވެސް ވިދާޅުވިއެވެ.