ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ޢައްޔަން ކުރައްވާފައި ހުންނަވާ އެމަނިކުފާނުގެ ޚާއްޞަ މަންދޫބު މިޒް މާތާ ސަންތޯސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއަށް މިވަގުތު ދިމާވެފައިވާ އިޖުތިމާޢީ ބައެއް މައްސަލަތަކާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދިވެހރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު، މިޒް މާތާ ސަންތޯސްއަށް ދެއްވިއެވެ. މިގޮތުން "ޚާއްޞަ ރައްކާތެރިކަން ބޭނުންވާ ފަރާތްތއް ހިމާޔަތްކުރުމާބެހޭ ޤައުމީ މަޖިލިސް" ގެ ނަމުގައި އަންހެނުންނާއި، ކުޑަކުދިންނާއި، ދުވަސްވީ މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރެއްވުމަށް ސަރުކާރުން އުފައްދަވާފައިވާ މަޖިލީހާބެހޭ މަޢުލޫމާތު އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ އެރުވިއެވެ.

ކުޑަކުދިންނަށް ކުރެވޭ އަނިޔާތައް ހުއްޓުވައި، އެކުދިންގެ ޙައްޤުތައް ހިމާޔަތް ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ، އ.ދ. ގެ ޚާއްޞަ މަންދޫބަށް ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި މިޒް މާތާ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، ޔުނިސެފުގައި ޚިދުމަތް ކުރެއްވިއިރު ކުރެއްވި މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވަމުން، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ދާއިރާގައި ރައީސުލްޖުމްހޫރިއްޔާއަކީ، ވަރަށް ތަޖުރިބާކާރު ބޭފުޅަކަށްވާތީ އެކަމާ ވަރަށް އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، މި ދާއިރާއިން އ.ދ.ގެ އެއްބާރުލުން ރާއްޖެއަށް ކެނޑިނޭޅި ލިބިގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.