ނޮޅިވަރަންފަރުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 60 ހައުސިންގ ޔުނިޓްގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު އަޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެރަށަށް މިއަދު ކުރެއްވި ދަތުރުފުޅުގައި، މި 60 ހައުސިންގ ޔުނިޓްގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު، އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ނޮޅިވަރަންފަރަކީ އެއްފަސްކުރުމުގެ ގޮތުން އެހެން ރަށްރަށުގެ އާބާދީ އެރަށަށް ބަދަލުކުރެވޭ ރަށެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މިހާރު ތިން ރަށެއްގެ އާބާދީ އެރަށަށް ގެނެވިފައިވާ ކަމަށާއި، އޭގެތެރެއިން ގެދޮރުނެތި، ވަރަށް ނިކަމެތިކޮށް 52 ޢާއިލާއެއް އުޅެމުންދާތާ ގިނަދުވަސްތަކެއްވެފައި ވުމާއެކު، މި ބިންގާއެޅުނު 60 ޔުނިޓްގެ ތެރެއިން އެންމެ ފުރަތަމަ ގެދޮރު ދޫކުރެވޭނީ، މި 52 ޢާއިލާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނޮޅިވަރަންފަރަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ މައްޗަށް ބައްލަވައިލައްވަމުން، އެރަށުގައި ހުރި މިސްކިތުގެ ދަތިކަމާއެކު، އިރާދަކުރެއްވިއްޔާ، މިއަހަރު އެރަށުގައި ސަރުކާރުގެ ޚަރަދުގައި މިސްކިތެއް ޢިމާރާތް ކުރެވޭނެކަން ހާމަކުރެއްވިއެވެ. މީގެއިތުރުން، ނަރުދަމާގެ ނިޒާމާއި، ބަނދަރު ހެދުމުގެ މަސައްކަތް ރާއްވަވަމުން އެބަ ގެންދަވާ ކަމަށާއި، މި މަޝްރޫޢު ރޭވެމުންދަނީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ލޯނެއްގެ ދަށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމާބެހޭ އެއްބަސްވުންތައް އެއްބަސްވެވި، އިރާދަކުރެއްވިއްޔާ، ރަށުގެ ނަރުދަމާގެ މަސައްކަތާއި، ބަނދަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނޮޅިވަރަންފަރަކީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އާބާދުކުރެވޭ ރަށަކަށްވުމާ އެކީގައި، އެހެން ރަށްރަށުން އެރަށަށް ބަދަލުވާ ރައްޔިތުންނާއި އަދި ނޮޅިވަރަންފަރުގެ ރައްޔިތުންނާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮންނަން ޖެހޭނެކަން ފާހަގަކުރައްވަމުން، އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކީގައި، ރައްޔިތުން މަސައްކަތް ކުރައްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށަކީ އެންމެންނަށްވެސް ހިތްފަސޭހަ ރަށެއް ކަމަށް ހެއްދެވުމަށާއި، ސިޔާސީ އެކިއެކި ފިކުރުގެ ތަފާތު ހުރިކަމުގައިވީނަމަވެސް، އެ ތަފާތުތަކަށްވުރެ ބޮޑަށް، ރަށުގެ ތަރައްޤީއަށް ސަމާލުކަން ދެއްވައިގެން، ތަރައްޤީގެ ކަންކަމުގައި ރައްޔިތުން އެކީގައި މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.