ސަރުކާރުގެ ވަޒީފާއެއްގައި ތިބެ، ރައްޔިތުންނަށް ކޮށްދޭ ކަންކަމުގައި، ސިޔާސީ ތަފާތުތަކާ ހެދި ބައިވެރިނުވެ، އެ ކަންކަން ލަސްކުރަން މަސައްކަތް ކުރުމަކީ ކުށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ބަނދަރު ހެދުމުގެ މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުމަށް މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެގޮތަށް ޢަމަލުކުރުމަކީ އެމަނިކުފާނަށް ދެވޭ ގެއްލުމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ދެވޭ ގެއްލުމެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސިޔާސީ ޕާޓީތައް އުފެދުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ކުޑަކުޑަ ޤައުމު މިވަނީ ވަރަށް ބޮޑަށް ބައިބައިވެފައި ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން، އެއްޕާޓީއެއްގެ މީހުން، އަނެއް ޕާޓީގެ މީހުން ކުރާ މަސައްކަތަކަށް، އެއީ ހުރިހާ ރައްޔިތުންނަށް ފައިދާކުރާ ކަހަލަ ޤައުމީ މަސައްކަތަކަށްވިޔަސް، ތާއީދުކުރަން ބޭނުން ނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަކި ޕާޓީއެއްގެ ކައުންސިލެއް އޮތީމާ، ނޫނީ ވަކި ޕާޓީއެއްގެ ކައުންސިލަކަށް ނުވާތީ، ބައެއް ރަށްރަށުގެ މަޝްރޫޢުތައް މީގެކުރިން ދޫކޮށްލެވިފައި ހުރިކަން ފާހަގަކުރައްވައި، އެއީ އުޞޫލެއް ނޫންކަމުގައި ވިދާޅުވިއެވެ. އަދި މިއަދުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ނުބައްލަވައި، ކޮންމެ ޕާޓީއެއްގެ ކައުންސިލެއް އޮތަސް، އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން، ވީހާވެސް ހަމަހަމަ ގޮތެއްގައި، އިންޞާފާ އެކީގައި، ކޮށްދިނުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި، ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބަވާ ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ބޭފުޅުން، ރައްޔިތުންނާ ދޭތެރޭގައި ކަންތައްތައް ކުރައްވަންވާނީ ހަމަހަމަކޮށް، އިންޞާފުވެރިކަމާއި ޢަދުލުވެރިކަމާ އެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑު މިއުޅެނީ އެ ނަމޫނާ ދެއްކޭތޯ. އެހެން ނަމަވެސް، ނަމޫނާ ބަލަން ބޭނުންވާ ބަޔަކަށްތާ އެ ފެންނާނީ. ބައެއް ބޭފުޅުން އަޅުއްވައިގެން އުޅުއްވާ އައިނުގެ ކުލަ ތަފާތުވީމާ، އެއްގޮތަކަށްވެސް އަޅުގަނޑު މިދަންނަވާ މަންޒަރެއް އަދިވެސް ހަމަ ނުފެނޭ. އަދިވެސް ހަމަ ހީފުޅުވާކަހަލަ، ހަމަ މިހާރުގެ ރައީސްވެސް މަސައްކަތް ކުރަނީ މި ހަމަ ވަކި ޕާޓީއަކަށޭ. ނޫނީ ތިމަންނަމެންނާ ދެކޮޅަށޭ. އެއީއެއް ނޫން ޙަޤީޤަތަކީ. އަޅުގަނޑު އަބަދުވެސް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން ގެންދާނީ، ހުރިހާ ބޭފުޅުންނާ އެކީގައި، ހުރިހާ ބޭފުޅުންނާއެކީ މަސައްކަތް ކުރެވޭތޯ."

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ކުލައެއްގެ ކައުންސިލެއް އޮތަސް، ﷲ އިރާދަކުރެއްވިއްޔާ، ރަށުގެ ރައްޔިތުންނަށް ލިބިދޭންޖެހޭ ހުރިހާ ޚިދްމަތްތަކެއް، ބަރާބަރަށް ލިބިވަޑައިގަންނަވަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އެކިއެކި ތަރައްޤީގެ މަޝްރޫޢުތައްވެސް އިރާދަކުރެއްވިއްޔާ، ބަރާބަރަށް ހިނގަމުންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ވައިކަރަދޫގައި ހިނގަމުންދާ އަދި ކުރިއަށް އޮތް ތާނގައި ހިންގުމަށް ރޭވިފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.