ނޭކުރެންދޫގައި ޢިމާރާތް ކުރަން ހަމަޖެހިފައިވާ ހުކުރު މިސްކިތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު އަޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނޭކުރެންދުއަށް އެމަނިކުފާނު ވަޑައިގަތީ މިއަދު ހެނދުނުއެވެ.

ނޭކުރެންދޫ ހުކުރު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެރަށުގައި މިސްކިތެއް ޢިމާރާތް ކުރުމަށް ވަރަށް ބޮޑަށް މަޖުބޫރުވެފައިވާ ކަމަށާއި، މި މިސްކިތް ޢިމާރާތް ކުރައްވަނީ، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ އެހީގެ ތެރެއިން ކަމުގައި ވިދާޅުވިއެވެ.

ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނޭކުރެންދުއަކީ ޢުމްރާނީ ގޮތުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ރަށެއްކަން ފާހަގަކުރައްވައި، ޚާއްޞަ ގޮތެއްގައި، ރަށުގައި ނަރުދަމާގެ ނިޒާމާއި، ބޯފެނުގެ ނިޒާމު ޤާއިމްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި، މިކަންތައްތައް ކޮށް ނިންމޭނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ނޭކުރެންދޫގައި ޖަލެއް ޢިމާރާތް ކުރުމުގެ މަސައްކަތުގައި، ރައްޔިތުން ސަރުކާރަށް އެއްބާރުލުން ދެއްވާފައިވާތީ، އެކަމަށް ނޭކުރެންދޫގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވަމުން، ޖަލު ޢިމާރާތް ކުރުމުގެ މަސައްކަތް، އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ނޭކުރެންދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ހަމަޖެހުން ގެނެސް، ޞުލްޙަމަޞްލަޙަތު ޤާއިމް ކުރެއްވުމަށް، މިވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތައް ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އަޔަނުދިނުމަށް ދިވެހިންގެ މަދުބަޔަކު ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރައްވައި، އެކަމުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވައިލެއްވިއެވެ.

ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ލިބެނީ، ފަތުރުވެރިކަމުން ކަމާއި، ޚަރަދުތަކުގެ ބޮޑުބައެއް ހަމަޖައްސަވަނީ، ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އެއްޗަކުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، ރާއްޖެއަށް އަންނަ ފަތުރުވެރިން އަޔަނުދިނުމަށާއި، އެމީހުން ބިރުގެންނެވުމަށާއި، ރާއްޖެއިން ފައްސާލުމަށްޓަކައި ކެނޑިނޭޅި ބަޔަކު މަސައްކަތް ކުރަމުން އެބަގެންދާ ކަމަށާއި، ފަތުރުވެރިކަން ހަލާކުކޮށްލުމަށް އެއްވެސް ބަޔަކު މަސައްކަތްކޮށްގެން ނުވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. [އެމަސައްކަތް އެކުރާ ބަޔަކީ، ރަނގަޅު ނިޔަތެއްގައި، ރައްޔިތުންނަށް ހެޔޮއެދިގެން މަސައްކަތްކުރާ ބައެއް ކަމަކަށް އަޅުގަނޑުމެންނަކަށް ނުބެލެވޭނެ. ކޮންމެ ޤައުމެއްގައިވެސް މައްސަލަތައް ހުންނާނެ. ސިޔާސީގޮތުން ހުންނަ މައްސަލަތައް، އިޖްތިމާޢީ ގޮތުން ހުންނަ މައްސަލަތައް، މިބާވަތުގެ ކަންކަން ނެތް ޤައުމެއް ނެތް. ކިތަންމެ ބޮޑަށް ތަރައްޤީވެފައި އޮތް ޤައުމެއް ކަމަށްވީނަމަވެސް، މިދެންނެވި ބާވަތުގެ ކަންކަން ހުންނާނެ.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ހުރި ރަނގަޅުކުރަންޖެހޭ ކަންކަމަކީ، ވަރަށް ގޯސް ކަންކަމަށް ހަދައިގެން، ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖެ ފަޟީޙަތް ކުރުމަށްޓަކައި، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މަސައްކަތް ކުރުމަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ރަށެއްގައި އަޅުގަނޑުމެން އުޅުނަސް، ކޮންމެ މަސައްކަތެއް ކުރިޔަސް އަދި ކޮންމެ ޕާޓީއެއްގައި އުޅުނު ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްކަމާއި، އަޅުގަނޑުމެންނަކީ މުސްލިމުންކަން ދަންނަންޖެހޭ ކަމުގައި ވިދާޅުވިއެވެ. މިކަންކަން ކުޑަހިނދުކޮޅަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެ ކަމަށާއި، މިކަންކަން ހަނދާންނައްތާލައި، ޢާއިލާތަކުގެ މެދުގަޔާއި، ރަށްރަށުގައި ދެކޮޅުވެރިކަން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރުމަކީ، އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ފިތުނަ އުފެއްދުމަކީ، ޤައުމީ ނަޒަރަކުން ބަލައިފިނަމަ، ޤައުމު ބައިބައިވެ، ކުދިކުދިވެދާނެ ކަމެއް ކަމަށް ވިދާޅުވެ، މިބާވަތުގެ ކަންކަމަށް ހިތްވަރު ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.