އަތޮޅުތެރޭގައި ދިރިއުޅުއްވާ ބޭފުޅުންގެ ތެރެއިން ގޯތި ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ގެދޮރު އެޅުއްވުމަށްޓަކައި ލުއި ލޯނެއް ލިބިވަޑައިގަންނަވާނެ ހުށަހެޅުމެއް ފިނޭންސް މިނިސްޓްރީ މެދުވެރިކުރައްވައި، ދާދި އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހަތިފުށީގައި ދިރިއުޅުއްވި ރައްޔިތުންނަށް ހަނިމާދޫގައި ޢިމާރާތް ކުރެއްވި ގެތައް ޙަވާލުކުރެއްވުމަށްފަހު، މި ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ގޯތިގެދޮރުގެ މައްސަލައަކީ ވަރަށްބޮޑުވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވަމުން، ގޯތި ލިބުނު ކަމުގައިވިޔަސް، އިމާރާތް ކުރުމުގެ ތަނަވަސްކަމެއް، ގިނަ ފަރާތްތަކުގައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޚާއްޞަކޮށް، އަލަށް ދިރިއުޅުން ފަށަން ބޭނުންވާ ޒުވާނުންނަށް ގެދޮރު ޢިމާރާތް ކުރުމަކީ، ވަރަށްދަތި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަނިމާދޫ ސްކޫލްގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގެދޮރުގެ ހިޔާވަހިކަން ލިބުމަކީ ވަރަށްބޮޑު ނިޢުމަތެއް ކަމަށް ވިދާޅުވެ، މި ގެތައް ވަރަށް ރަނގަޅަށް ބެލެހެއްޓެވުމަށް، ގެތައް ލިބުނު ފަރާތްތަކަށް އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ތާނގައި ވީހާވެސް ގިނަ ރަށްރަށުން ބޯހިޔާވަހިކަމުގެ ފުރްޞަތު ހޯއްދަވައިދެއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިވަގުތު އެންމެ ޚާއްޞަ ސަމާލުކަމެއް ދެއްވަނީ، އެއްފަސްކުރުމަށް ކަނޑައެޅިފައިވާ ރަށްރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ކަމަށާއި، މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ތަރައްޤީ ލިބެން އަންނަނީ، ރަށްރަށުގައި ވަކިޢަދަދަކަށް މީހުން އުޅޭ އާބާދީތަކެއް އުފެއްދިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދަރިންނަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ތަޢުލީމު ދިނުމަށާއި، މަތީ ތަޢުލީމު ދިނުމަށް އެކިއެކި މުއައްސަސާތައް އުފައްދަންޖެހޭއިރު، އެކަންކަން ކުރެވޭނީ ކިޔަވާ ކުދިން ވަކި ޢަދަދަކަށް ތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 100 މީހުން ނުވަތަ 200 މީހުން ދިރިއުޅޭ ރަށެއްގައި، ހޮސްޕިޓަލެއް ޤާއިމްކުރުމަކީ ނުވަތަ ޔުނިވަރސިޓީއެއް ޤާއިމްކުރުމަކީ އެއްވެސް ސަރުކާރަކަށް ކުޅަދާނަ ކަމެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އެހެން ނަމަވެސް، ކުދި ރަށުރަށުގައި ދިރިއުޅުއްވަން ބޭނުންފުޅުވާ ބޭފުޅުންނަށްވެސް، އެބޭފުޅުން ބޭނުންފުޅުވާ އަސާސީ ޚިދްމަތްތައް، ވަކިފެންވަރެއްގައި ފޯރުކޮށްދެއްވާނެ ކަމާއި، އެއަށްވުރެ މައްޗަށް ދޭންޖެހޭ ޚިދްމަތްތައް ދެވޭނީ، ވަކިޢަދަދަކަށް ވަކިވަރަކަށް މީހުން ގިނަވެގެންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހަނިމާދުއަކީ ގިނަ ޢަދަދެއްގެ ރަށްރަށުން މީހުން ބަދަލުވެ، މިހާރު އެއްފަސްކުރެވިފައިވާ ރަށެއްކަމާއި، ހަނިމާދުއަކީ މުސްތަޤްބަލުގައި ވަރަށް މުހިންމު ރަށެއްކަން ފާހަގަކުރެއްވިއެވެ. އަދި ހަނިމާދޫ ވައިގެ ބަނދަރު، މުސްތަޤްބަލުގައި ތަރައްޤީ ކުރެވޭނެ ކަމަށް ވިދާޅުވެ، ހަނިމާދޫ ވައިގެ ބަނދަރު ބޮޑުކުރުމަށްޓަކައި ހަނިމާދޫން މީހުން އެހެން ދިމާއަކަށް ބަދަލުނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އެއަރޕޯޓް އަލަށް ތަރައްޤީކުރާއިރު، ރަންވޭ ބަދަލުކޮށް، ފަޅުތެރެއިން ރަށުގެ ދެކުނުން ކޮންމެވެސް ބައެއް ހިއްކައިގެން، ރަންވޭއަށް ބޭނުންވާ ދިގުމިން ހޯދިދާނެ ކަމަށާއި، މިގޮތަށް މަސައްކަތްކޮށްދޭން ތިބި ބަޔަކު ހޯދައިގެން، ބޮޑެތި ބޯޓްފަހަރު ޖެއްސޭވަރުގެ އެއަރޕޯޓަކަށް އިރާދަކުރެއްވިއްޔާ ހަނިމާދޫ އެއަރޕޯޓް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.