ސަރުކާރުގެ ފަރާތުން ރައްޔިތުންނަށްދޭ ޚިދްމަތްތައް ދިނުމުގައި ފަރުވާކުޑަނުކުރެއްވުމަށް، ސަރުކާރުގެ މުވައްޒަފުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން، އެއަތޮޅު މަކުނުދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މަކުނުދޫ ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ކޮށްދޭ ޚިދްމަތަކީ ޙަޤީޤަތުގައި ޤައުމީ ޚިދްމަތެއް ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނީ ހަމައެކަނި ލިބޭ މުސާރައަކަށް ނޫން ކަމަށާއި، ރައްޔިތުންނަށް ޚިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުން، ގިނަ ވަގުތު މަސައްކަތުގައި އުޅުއްވަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ ފަރާތުން ދެވޭ ޚިދްމަތްތައް ދިނުމުގައި، މުވައްޒަފުން މިހާރަށްވުރެ ސީރިއަސްކަމާއެކީގައި މަސައްކަތް ކުރައްވަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ މުވައްޒަފުންނަކީ ޢާންމު ގޮތެއްގައި ކަމަށްކަމޭހިތާ ހީވާގި ބައެއްކަން ފާހަގަކުރައްވަމުން، އެހެން ނަމަވެސް، އެބޭފުޅުންނަށް ދިމާވާ ބައެއް ދަތިތަކުގެ ސަބަބުން ޚިދްމަތް ދޭންވާ އެންމެ ފުރިހަމަކޮށް ނުދެވޭތަން އަންނަ ކަމުގައި ވިދާޅުވިއެވެ. މިގޮތުން މުވައްޒަފުންނަށް ދިމާވާ ބައެއް ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޤައުމެއްގައި މަސައްކަތްކުރަން ޖެހޭނީ، ބޮޑު ހިތްވަރެއްލައި، ބައެއް ދަތިތަކާވެސް އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށްދޭ ޚިދްމަތްތައް މެދުކެނޑުނަނުދީ، ދިނުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.