ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓައި ދެމެހެއްޓުމަށާއި، ހަމަޖެހިފައިވާ ގަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ހުރިހާ ކަމެއްވެސް ގެންދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މިރޭ ސިވިލް ސަރވިސް މުވައްޒަފުންނާ ތާޖުއްދީން ސްކޫލްގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވަކިބައެއްގެ މަޞްލަޙަތަށް ނުބައްލަވައި، ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ނުބައްލަވައި، މުޅި ޤައުމާއި ރައްޔިތުންގެ މަޞްލަހަތަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ޚިދްމަތް ލިބިގަންނަ މީހުންނަށް އޯގާތެރިކަމާއެކު ޚިދްމަތް ދެއްވައި، ކަންކަން ރަނގަޅަށް އޮޅުންފިލުއްވައިދެއްވުމަކީވެސް ސިވިލް ސަރވިސް މުވައްޒަފުން ކޮށްދެއްވަން ޖެހޭނެ ކަމެއްކަން ރައީސުލްޖުމްހޫރިއްޔ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އެކަމެއްގައި ކުރިއަށްދާންވީ މަގު، އެމީހަކަށް ދައްކަވައިދެއްވުމަކީވެސް ރައްޔިތުން މުވައްޒަފުންނަށް ކުރާ އިތުބާރު އިތުރުވެގެންދާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިވިލް ސަރވިސް މުވައްޒަފުންނާ އެމަނިކުފާނު ބައްދަލުކޮށްލެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ، އެބޭފުޅުން ކުރައްވާ މަސައްކަތަށް ހިތްވަރު ދެއްވައި އަދި އެމަސައްކަތުގެ އަގު، ޤައުމުގެ އިސް މަޤާމުގައި ހުރި މީހެއްގެ ޙައިޘިއްޔަތުން ވަޒަން ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާ އަދާކުރެއްވުމުގައި، އިތުރު ސަމާލުކަމެއް ދެއްވަންޖެހޭ ބައެއް ކަންކަމުގެ މައްޗަށް ބައްލަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ މުވައްޒަފަކުވެސް އެމުވައްޒަފެއްގެ މަސްއޫލިއްޔަތާއި ޒިންމާ ވަރަށް ފަރުވާތެރިކަމާއެކު އުފުއްލަވައި، އެންމެންނށްވެސް ހަމަހަމަކަމާއެކު އެއްވެސް ތަފާތު ކުރެއްވުމެއްނެތި، އެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ބަޖެޓަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް ބައްލަވާލައްވަމުން، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުން ފުރިހަމައަށް އެއްބާރުލުން ދެއްވައި، ބޭކާރު ޚަރަދުތައް ނުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސަރުކާރުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް، ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް ގެންދެވުމަށާއި، ކޮރަޕްޝަނަށް މަގުފަހިވާފަދަ ގޮތަކަށް ކަންތައްތައް ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިވިލް ސަރވިސްގެ ޚިދްމަތަކީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ މެދުގައި މަޤްބޫލު ޚިދްމަތަކަށް ހަދަންޖެހޭ ޚިދްމަތަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސިވިލް ސަރވިސްއަކީ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހަދަންޖެހޭ ކަމަށާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ ސިޔާސީ ނުފޫޒުގެ ތެރޭގައި ބަނދެވިފައި ތިބި ބަޔަކަށްވާނަމަ، އެކަމުން ދވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ނުހަނު ބޮޑެތި ގެއްލުންތައް ލިބެމުން ދިޔުމަނީ ވަރަށް ގާތުގައި އޮންނާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ސިވިލް ސަރވިސްގައި ޚިދްމަތް ކުރައްވާ މުވައްޒަފުންނާ ރައީސުލްޖުމްހޫރިއްޔާ މިރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ހުރިހާ މުވައްޒަފުންވެސް މަސައްކަތާއި ވަގުތުގެ ބޭނުން، ވީހާވެސް ރަނގަޅަށް ހިއްޕުވުމަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. އަދި ރަސްމީ ގަޑީގައި ހަމަޖެހިފައިވާ ހުސް ވަގުތުކޮޅުގެ ތެރޭގައި ނޫނީ އޮފީހުން ބޭރަށް ވަޑައިނުގަތުމަށާއި، ޙާޒިރީއަށް ފަރުވާ ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މުވައްޒަފުންނަށް މެންދުރު މިހާރު ލިބޭ ހުސްވަގުތުކޮޅު 1 ގަޑިއިރަށް އިތުރުކުރެއްވުމަށް ނިންމަވައިފިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށާއި، އެބޭފުޅުންގެ ތުއްޕުޅު ބޭފުޅުންނަށް ވެލާނާގޭގައި ޑޭ ކެއަރގެ ޚިދްމަތް ލިބިވަޑައިގަންނަވާނެ އިންތިޒާމެއް ހަމަޖައްސަވަން ޤަޞްދު ކުރައްވާކަންވެސް ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވިއެވެ.

ރައސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރު އެކިއެކި ފަސޭހަތަކާއި ޢިނާޔަތްތައް ހަމަޖައްސައިދިނުމަކީވެސް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް، އެހެނިހެން މުސްތަޤިއްލު މުއައްސަސާތަކާ ހާރމަނައިޒް ކުރަންޖެހޭ ކަމަށާއި، އެއް މަސައްކަތަށް އެއް އުޖޫރައެއް ދިނުމަކީ، އަސާސީ ޙައްޤެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެކިއެކި މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މުސާރަތައް ހާމަނައިޒް ކުރެއްވުމުގެ މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފިނޭންސް މިނިސްޓަރަށް އިލްތިމާސް ކުރެއްވިއެވެ.