ޓްރަސްޓް ފަންޑަކީ ހަމައެކަނި ފައިސާ ބަހައްޓާ ފަންޑެއް ނޫންކަމަށާއި، އެފަދަ ފަންޑެއްގެ އެއް މަޤްޞަދަކީ، އެދާއިރާއެއްގައި ދެމުންގެންދާ ޚިދްމަތްތައް ދެމުން ގެންދާ ވަރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ފަހިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޞިއްޙީ ދާއިރާގެ ޓްރަސްޓް ފަންޑު އިފްތިތާޙުކުރެއްވުމަށް ޓްރޭޑަރޒް ހޮޓެލްގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވީހާވެސް ގިނަ ބޭފުޅުން، އެބޭފުޅަކަށް ވެވަޑައިގެންނެވި ވަރަކުން، އަދި ފޯރުންތެރިކަން ހުރިވަރަކުން، ޞިއްޙީ ދާއިރާގެ ޓްރަސްޓް ފަންޑަށް އެހީވެދެއްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޞިއްޙީ ދާއިރާގެ ޓްރަސްޓް ފަންޑުވެސް ދެމިއޮންނާނީ، އެހެން އެފަދަ ޓްރަސްޓް ފަންޑުތަކެކޭ އެއްގޮތަށް އެސެޓްތަކެއް އޮވެގެން ކަމަށާއި، މި ޓްރަސްޓް ފަންޑަށް ސަރުކާރުގެ ފަރާތުންވެސް އަދި އަމިއްލަ ފަރާތްތަކުންވެސް އެސެޓްތަކެއް ލިބޭނެ ގޮތް ހެދުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، [ޞިއްޙީ ޚިދްމަތުގެ ޓްރަސްޓް ފަންޑް]އަކީ ޞިއްޙީ ޚިދުމަތުގެ ފަންޑެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ފަރާތުން އަމާނާތެއްގެ ގޮތުގައި ބަލަހައްޓައި ދިނުމަށް ޙަވާލުކުރައްވާ އެއްޗެއް ކަމުގައި ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާގައި ކުރަންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރިކަމުގައި ވިދާޅުވެ، އެކަންކަން ކުރުމުގައި ދިމާވެފައިވާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ޚާއްޞަ ގޮތެއްގައި ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވައި، ޞިއްޙީ ދާއިރާއަށް ކުރަންޖެހޭ ޚަރަދު މިއަދު ނުކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާގެ ޓްރަސްޓް ފަންޑު އިފްތިތާޙު ކުރެވިގެން ދިޔުމަކީ، ރާއްޖޭގައި ޞިއްޙީ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ލިބޭނެ ފުރުޞަތެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ޢާންމު ރައްޔިތުންގެ ޞިއްޙީ ކަންކަން ރަނގަޅު ކުރުމަށްޓަކައި އެކިއެކި ބިނާތައް ހައްދަވައިދެއްވުމާއި، ތަކެތީގެ އެހީ ވެދެއްވުމަކީ ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް ކުރާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޞިއްޙީ ކަންކަމަށް ރައްޔިތުން މިހާރު ވަރަށް ބޮޑަށް ފަރުވާބަހައްޓަވާކަމާއި، އަދި އަމިއްލަ ފަރުދުންވެސް ޞިއްޙީ ކަންކަމަށް ވަރަށް ބޮޑަށް އެހީވެދެއްވަމުން ގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.