އަފްޣާނިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޝައިދާ މުޙައްމަދު ޢަބްދަލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އަފްޣާނިސްތާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި އަފްޣާނިސްތާނާ ދެމެދު އޮތް ގާތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި އަފްޣާނިސްތާނާ ދެޤައުމަކީވެސް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ދެ ޤައުމުކަން ފާހަގަކުރައްވައި، ޑިމޮކްރަސީ ހަރުދަނާކުރުމުގެ މަސައްކަތުގައި، ދެޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

އަފްޣާނިސްތާނުގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، އަފްޣާނިސްތާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.