އ.ދ. އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ރެޒިޑެންޓް ކޯޑިނޭޓަރ މިސްޓަރ އެންތަނީ ލައިލް، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފަތްކޮޅު އެރުއްވުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، އާ ރެޒިޑެންޓް ކޯޑިނޭޓަރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެ، މަރުޙަބާ ދެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އެކި މުއައްސަސާތައް ހަރުދަނާ ކުރުމަށް ބޭނުންވެފައިވާ އިޞްލާޙުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިޞްލާޙީ މަސައްކަތުގައި، އ.ދ.އާއެކު މަސައްކަތް ކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމުގައި ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް، ރާއްޖޭގެ ޝަރުޢީ ދާއިރާއާއި، ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތައް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތީ، މާލީގޮތުން ދަތި ދުވަސްވަރެއް ކަމުގައި ވިދާޅުވެ، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މާލީ ބިލްތަކުގެ މަޢުލޫމާތު، ރެޒިޑެންޓް ކޯޑިނޭޓަރަށް ދެއްވިއެވެ. އަދި ރާއްޖޭގެ ކަންކަން ހަމައަކަށް އަޅުވައި، ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި، އ.ދ.ގެ އެއްބާރުލުން ލިބޭނެކަން ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، އެކި ދާއިރާތަކުން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކަށް އާ ރެޒިޑެންޓް ކޯޑިނޭޓަރ ތަޢުރީފް ކުރެއްވިއެވެ. އެހެންނަމަވެސް، ރާއްޖެއަށް އަދިވެސް ތަރައްޤީ ބޭނުންވާކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ދައުރުގައި އ.ދ.އިން ރާއްޖެއަށް އެ އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީ ޤާއިމްކުރެވޭނީ، ޑިމޮކްރަސީއަށް ކުރާ ދަތުރު ވަރަށް އޮމާންވެގެންކަން ފާހަގަކުރައްވަމުން، ޚާއްޞަކޮށް، އިންތިޚާބުގެ ދުވަސްވަރު އަމަން ޤާއިމްވެފައި އޮތުން ވަރަށް މުހިންމު ކަމުގައި ރެޒިޑެންޓް ކޯޑިނޭޓަރ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް އަމިއްލައަށް ޙައްލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.