ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުށްޓަކައި ލިބެންހުރި ޓެކްނޮލޮޖީތަކުގެ ބޭނުން، ރަނގަޅު ގޮތުގައި ބޭނުންކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދުނިޔޭގެ ޓެލެކޮމިއުނިކޭޝަނާއި އިންފޮމޭޝަން ސޮސައިޓީ ދުވަސް ފާހަގަކުރުމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން އިންތިޒާމް ކުރައްވައިގެން މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި "ކަނެކްޓް 2013-ޓެލެކޮމް އެންޑް އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެކްސްޕޯ" އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކީ ކިތަންމެ ބާރު ސްޕީޑެއްގައި، ބަދަލުވެގެން ފުޅާވެގެންދާ ދާއިރާއެއް ކަމުގައިވިޔަސް، ލިބެންހުރި ޓެކްނޮލޮޖީތަކުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުން ނުކުރެވޭކަމުން، ދޭހަވެގެން ދަނީ ޓެކްނޮލޮޖީއެއް އޮތަކަސް އަދި އަޅުގަނޑުމެންނަކަށް ކުރިއެރުމެއް ނުލިބޭނެކަން ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަރާނީ، އެކަމުގެ ބޭނުން ހިފުމުގެ ޚިޔާލެއް އޮވެ، އެކަމުގެ ބޭނުންތެރިކަމެއް ބަޔަކަށް ވިސްނިގެން، އެކަމަށްޓަކައި މަސައްކަތްތަކެއް ކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާ އަދި ބޭންކިންގެ ދާއިރާގެ ޚދުމަތްތައްވެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން، އޭގެ ފައިދާ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމައަށް ހޯދައިދެވޭނެ ކަމުގައި ފާހަގަކުރައްވަމުން، އެފަދަ ގޮތަކަށް ވިސްނައި ޚިޔާލުކުރަން ވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ދާއިރާއަކީ ރާއްޖޭގައި މިހާރު ކުރިއަރަމުންދާ އެކިއެކި ދާއިރާތަކަށް ބަލާއިރުގައި، ހުރިހާ ދާއިރާތަކާވެސް ގުޅިފައިވާ ދާއިރާއެއް ކަމުގައި ފާހަގަކުރައްވަމުން، މިރޮނގުން ތަފާތު ވަރކްޝޮޕްތަކާއި، ކޮންފަރެންސްތަކާއި، ބައްދަލުވުންތައް ރާއްޖޭގައި ބާއްވައި، މިދާއިރާ ތަރައްޤީ ކުރެއްވުމަށްޓަކައި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.