އުފާވެރި ދިރިއުޅުމެއް އުޅެވޭނީ، ޙަސަދަވެރިކަން ނުބާއްވައި، އެހެން މީހުންނަށް މަޢާފްކޮށް، ހިތް ޚަލާޞްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މުލަކަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ އެންމެފަހު މަންޒިލް ކަމަށްވާ މަޑުއްވަރިއަށް ވަޑައިގެން، މަޑުއްވަރީ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ޕާޓީ ނިޒާމް ތަޢާރުފްވުމާ ގުޅިގެން، އެއްބަޔަކު އަނެއްބަޔަކާ ދިމާކުރުމުގެ އާދަ އަޅުގަނޑުމެންގެ ތެރޭގައި ވަނީ ފެށިފައި ކަމަށާއި، މިއީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައި އެކަން އޮންނަ ގޮތެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެ ޑިމޮކްރެޓިކް ބަދަލުތަކުގައި ކުރިއަށްދާއިރު، މިބަދަލުތަކުގެ ތެރޭގައި ނުރަނގަޅު ކަންތައްތައް ތަޢާރުފް ކުރުމަކީ، ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއްބަޔަކު އަނެއް ބައެއްގެ އަބުރާބެހި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އޭގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އަސަރު ވަރަށްބޮޑުވާނެއެވެ. ޢާއިލާގެ ތެރޭގައި ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިނގާނެއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިންތިޚާބުގެ ދުވަސްވަރު، މި ރޫޙު އިތުރުވެގެންދާނެ ކަމަށާއި، އެހެންވީމާ، ޢާއިލާގެ ތެރޭގައި ދެބަސްވާ މީހުން ތިބި ކަމުގައިވިޔަސް، އެކީގައި އުޅެވޭތޯ ބަލަންޖެހޭނެ ކަމަށާއި، އެއްބަޔަކު އަނެއްބަޔަކާ ސަލާންކޮށް، ޙާލު އަޙުވާލު އަހާލައި، ވެދޭންޖެހޭ އެހީތެރިކަން ވެދޭންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިޔާސީ ސަބަބުތަކަށްޓަކައި ދަރިއަކަށް ބައްޕައެއް ނުބެލުނީމާ އަދި ބައްޕައަކަށް ދަރިފުޅާ އަޅާނުލެވުނީމާ އެއީ ވަރަށްބޮޑު ގޯހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ސިޔާސީ ސަބަބުތަކަށްޓަކައި އަޅުގަނޑުމެންގެ ޅަދަރިންނަށް ވިޔާނުދާ ކަންކަން ދަސްކޮށްދިނުމަކީވެސް ވަރަށްބޮޑު ގޯސްކަމެއް ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެމަނިކުފާނު މުލަކަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތަޖްރިބާއެއް ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. [އަޅުގަނޑު އިއްޔެ ހުކުރަށް ގޮސް، ހުކުރު މިސްކިތުން ފައިބައިގެން އައި މަގުމަތީގައި، ބައްޕައެއް އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން މަގުމަތީގައި ހުއްޓައި، އަޅުގަނޑު އެ ދަރިފުޅާ ސަލާންކޮށްލަން އަތް ދިއްކޮށްލުމުން، ބައްޕަ ކުރެއްވި ކަމަކީ ދަރިފުޅުގެ އަތް އަތުލެއްވީ. އަޅުގަނޑާ ސަލާންކޮށްލިޔަ ނުދެއްވީ. އަޅުގަނޑަކަށް ނޫން އެއިން ދެރަ ލިބޭނީކީ. އަޅުގަނޑު ވަރަށް ބޮޑަށް ދެރަވި، އެ މަންޒަރު ފެނިފައި.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީހަކު ސަލާންގޮވާލީމާ، ސަލާންކުރިޔަ ނުދިނުން އެއީ މުސްލިމުން ކޮށްއުޅޭ ކަމެއް ނޫން ކަމަށާއި، އެބާވަތުގެ ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައި މިހާރުވެސް އެބަ ހިނގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ކޮންމެ ރަށަކަށްވެސް ވަޑައިގަންނަވަނީ، ވެވަޑައިގެންނެވި ކޮންމެ އެހީތެރިކަމެއް ރައްޔިތުންނަށް ވެދެއްވުމަށްޓަކައި ކަމަށާއި، އެއްވެސް ބޭފުޅަކާ ދޭތެރޭގައި، އެމަނިކުފާނުގެ ހިތްޕުޅުގައި ހިތްބަރުކަމެއް ނެތް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރިއަށްދާނީވެސް އަޅުގަނޑުމެންގެ ތެރޭގައި ޞުލްޙަމަޞްލަޙަތު ޤާއިމްވެގެން، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި މަސައްކަތް ކުރީމާ ކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުންތަކާއި ޙަސަދަވެރިކަން އުފެދިގެންދާނަމަ، އޭގެ ސަބަބުން ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އަޅުގަނޑުމެންނަށް ނޫޅެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.