ކުދި މަދްރަސާތަކުގައި ކިޔަވައިދިނުމުގެ އުޞޫލުތައް އިޞްލާޙުކޮށް ރަނގަޅު ކުރުމަށްޓަކައި ވާރލްޑް ބޭންކްގެ އެހީގައި މަލްޓި ގްރޭޑް ޓީޗިންގ ޕްރޮޖެކްޓެއް މިއަހަރު ފަށްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ހެނދުނު މުލަކަތޮޅު މަޑުއްވަރީއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ކުދި ސްކޫލްތަކުގައި ކިޔަވައިދިނުމުގެ އުޞޫލުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވެ

ވާހަކަފުޅު

ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އާ މަޝްރޫޢުގެ ދަށުން ކިޔަވައިދޭނެގޮތުގެ ވިއުގައެއް ކަނޑައަޅައި، މިކަން ތަޢާރުފްކުރާނެ ސްކޫލްތައް ކަނޑައެޅި، ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ކުރުމުގެ މަޝްރޫޢުތައް ހިންގޭނެކަން ހާމަކުރެއްވިއެވެ. އަދި މިކަމަށްޓަކައި ސަރުކާރުގެ ފަރާތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުދި މަދްރަސާތަކުގެ މައްސަލައަކީ، ރާއްޖޭގައި މިހާރު ވަރަށްބޮޑު މައްސަލައެއްކަމާއި، ރާއްޖޭގައި ވަރަށްގިނަ ޢަދަދެއްގެ ކުދި މަދްރަސާތައް އެބަހުރިކަން ފާހަގަކުރެއްވިއެވެ. އަދި ބައެއް ކުދި ސްކޫލްތަކުގައި އެވްރެޖް ގޮތެއްގައި ކްލާހެއްގައި ތިބެނީ، ތިން ހަތަރު ކުދިން ކަމަށާއި، އަދި އެހެން ސްކޫލްތަކުގައި ތިބެނީ އަށެއްކަ ކުދިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ޙާލަތަށް ސްކޫލްތަކުގެ ކަންތައް ގޮސްފައިވުމާއެކު، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ވަރަށް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ކިޔަވައިދިނުމުގެ އުޞޫލުތައް، މިޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، އެކަމުގެ ސަބަބުން ވަރަށް ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދާނެ ކަމުގައި ވިދާޅުވިއެވެ. [މިއަދު ޢިލްމުވަނީ ވަރަށް ފުޅާވެފައި. އެހެންވީމާ، މިކަން ކުރެވޭނީ، ކިޔެވުމުގެ ހުނަރުތައް ކުދިންނަށް ރަނގަޅަށް ދަސްކޮށްދީގެން. އަދި އެކުދިން އަމިއްލައަށް ކިޔެވުމުގެ ޝައުޤުވެރިކަން އުފައްދައިގެން. މިކަން ކުރުމަށްޓަކައި ކިޔެވުމުގެ އުޞޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެބަޖެހޭ.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިބާވަތުގެ މަޝްރޫޢުތައް ހިންގުމުގައި، އެމަނިކުފާނު ދުނިޔޭގެ ވަރަށްގިނަ ޤައުމުގައި، އ.ދ.އާ އެކީގައި މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ތަޖްރިބާ ޙިއްޞާ ކުރެއްވިއެވެ. އަދި މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށާއި، ޓީޗަރުން ކުރަމުންދާ މަސައްކަތަށް އިތުރު މުއްސަނދިކަމެއް ގެނެވި، ޓީޗަރުންނަށްވެސް އިތުރު އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ނަމުގައި މިއަހަރު އާ މުއައްސަސާއެއް އުފައްދަވާފައި ވުމާއެކު، އެ މުއައްސަސާގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ، މި މުއައްސަސާ އިފްތިތާޙު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މުއައްސަސާ އުފެއްދެވީވެސް ރާއްޖޭގެ ތަޢުލީމީ ފެންވަރު، މިހާރަށްވުރެ ރަނގަޅު ކުރައްވައި، ކިޔަވައިދިނުމުގެ އުޞޫލުތަކަށް އިޞްލާޙުތަކެއް ގެންނެވުމަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަރުކާރުން މިކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި، ބެލެނިވެރިންނާއި މުދައްރިސުންނާއި، ސްކޫލްތައް ހިންގަވަން ތިއްބަވާ ބޭފުޅުން ސަމާލުކަން ދެއްވައި، އެކީގައި މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި މިކަންކަން ރޭއްވެވުމުގައި ގިނަ ދުވަސްތަކެއް ހޭދަނުކުރައްވައި، ވީހާވެސް އަވަހަކަށް މި މަސައްކަތް ފަށްޓަވައިދެއްވުމަށް، ސަރުކާރުގެ ތެރޭގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.