އާ ޤާނޫނުއަސާސީން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާއިރު، ކުރިއަށްވުރެ ބޮޑަށް އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ޒިންމާ ދެނެގަންނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މުލަކަތޮޅު ބައެއް ރަށްރަށަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، އެއަތޮޅު މުލަކަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިނިވަންކަން މި ލިބެނީ ޙުދޫދެއްނެތިއެއް ނޫން ކަމަށާއި، ތިމާއަށް ކަންތައް ކުރުމުގެ މިނިވަންކަން ލިބެނީ، އެހެން މީހުންގެ މިނިވަންކަމަށް އަރައިނުގަނެވޭނެ ހިސާބުގައި ކަމުގައި ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގައިވެސް ވަކި ޙައްދެއް އޮންނަ ކަމަށާއި، އެކަން ދަސްކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޚާއްޞަކޮށް، އާ ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިފައިވަނީ، ކިހާވަރެއްގެ މިނިވަންކަމެއްކަން ދެނެގަންނަންޖެހޭ ކަމަށާއި، މިނިވަން ޑިމޮކްރެޓިކް ދައުލަތެއް ޤާއިމްކޮށް ބިނާކުރެވޭނީ، އެކަންކަމާ ދޭތެރޭގައި، ޚާއްޞަކޮށް، ޒުވާނުންނާއި ކިޔަވާ ކުދިން ސަމާލުވެ، އެކަންކަން ދަސްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނޫސްވެރިކަމުގެ މިނިވަންކަންވެސް ރާއްޖޭގައި މީގެކުރިން އެކަށީގެންވާ ގޮތަށް ލިބިދީފައި ނުވާކަން ބަޔާންކުރައްވަމުން، މިހާރު މީހަކު ފާޅުކުރާ ޚިޔާލަކުން އަދަބެއް ނުލިބޭނެ ކަމުގަޔާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށްވެސް އާ ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤެއް ކަމުގައި ވިދާޅުވިއެވެ. ޒަމާނުއްސުރެ ރާއްޖޭގައި ހިނގަމުން އައި ވެރިކަން ބަދަލުކޮށް، ޑިމޮކްރަސީ ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގައި، ރާއްޖެ މިހާރު ދަތުރުކުރަމުން މިދަނީ، ޚާއްޞަކޮށް، ސިޔާސީގޮތުން އާދަޔާ ޚިލާފަށް ދަތި ދުވަސްވަރެއްގެ ތެރޭގައިކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައް ނުލިބި ލަސްވަމުންދާތީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ތިބީ ކެތްތެރިކަން ކުޑަވެފައި ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ޤައުމުގެ ކަންކަން ކުރިއަރުވައި، އިޞްލާޙު ކުރުމަށްޓަކައި ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ބައެއްގެ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިއަދުގެ ޤާނޫނުއަސާސީ އޮތްގޮތުން، ރައްޔިތުންނަށް ލިބިދޭންޖެހޭ ޚިދްމަތްތައް ލިބިދިނުމުގެ މަސްއޫލިއްޔަތަކީ، ރައީސުލްޖުމްހޫރިއްޔާގެ ކޮނޑުފުޅުގައި އެކަނި އެޅޭނެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ދައުލަތުގެ އެހެން މުއައްސަސާތަކުގެ މަސްއޫލިއްޔަތު ވެސް އެބަ އޮތް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތުގެ ތިން ބާރު ވަކިކުރެވިފައި އޮތް ނަމަވެސް، މިއަދު ސަރުކާރު ހިންގުމުގެ ބާރާއި، ޤާނޫނު ހަދާ ބާރުން ބައެއްފަހަރު އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުން ކުރުމުގެ ރޫޙު ފެނިގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އޭގެ ހުރިހާ ބުރަކަމެއް އިޙްސާސް ކުރަން މިޖެހެނީ، ރައްޔިތުންނަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުލަކު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، އެރަށު ސްކޫލްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަލްޓިޕަރޕަސް ހޯލްގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވިއެވެ.