ސަރުކާރުގެ ތަންތަނުގެ މުދާ ރައްކާތެރިކޮށް، މަރާމާތު ކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް، ސަރުކާރުގެ ހުރިހާ ވުޒާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، އެމަނިކުފާނު މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު އެއަތޮޅަށް ދިއްގަރަށް ވަޑައިގެން، ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން އެރަށްރަށަށް ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތައް އެބަހުރި ކަމަށާއި، އެހެން ނަމަވެސް، އެ އިންވެސްޓްމަންޓްތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާގައި ކުރަންހުރި މަރާމާތުތައްކޮށް، އެތަންތަން ބެލެހެއްޓޭނެ ގޮތެއް ހެދުމުގެ މުހިންމުކަން ބޮޑުކަމާއެކު، މިއަހަރުގެ ބަޖެޓް ތައްޔާރު ކުރެއްވުމުގެ މަސައްކަތާއި އަދި ބަޖެޓްގެ ސިޔާސަތުތައް ކަނޑައެޅިގެން އައިއިރު، އެތަންތަން މަރާމާތު ކުރުމަށް ބަޖެޓްގައި ފައިސާ ހިމެނުއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ބަޖެޓް ހަމަޖެހިގެން އައިއިރު، މަރާމާތު ކުރުމަށްޓަކައި އެއްވެސް ފައިސާއެއް ބަޖެޓްގައި ހިމެނިފައި ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިފަދަ ޢިމާރާތްތައް މަރާމާތު ނުކުރެވުމުގެ ޝަކުވާ، ހުރިހާ ރަށަކުންވެސް ލިބިވަޑައިގަންނަވާ ކަމަށާއި، އެހެންވީމާ، ބަޖެޓަށް ފައިސާ ހޯދައިގެން، ނުވަތަ އެހެން ފަރާތް ފަރާތުން ފައިސާ ހޯދައިގެން ނަމަވެސް، މިކަން ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ނުކުރެވޭނަމަ، ކުރަންޖެހޭ ޚަރަދުތައް ބޮޑުވެގެންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދިއްގަރު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދިއްގަރު ބަނދަރު ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރަން މިހާރު ހަމަޖެހިފައިވާ ކަމާއި، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެކަން ހާމަކުރެއްވިއެވެ. އަދި ރަށުގެ ފެން ލޮނުވަމުންދާތީ، ރަށުގައި ޤާއިމްކުރަންޖެހޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ބީލަން މިހާރު ދެވަނަފަހަރަށް ހުޅުވާލެވިފައިވުމާއެކު، ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިއްގަރަކީ ތަޢުލީމަށް ލޯބިކުރައްވާ، ދިވެހިބަހަށާއި އަދަބިއްޔާތަށް އަހަންމިއްޔަތުކަން ދެއްވާ ރައްޔިތަކު ދިރިއުޅުއްވާ ރަށެއްކަން ބަޔާންކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެރަށުގެ ޢިއްޒަތްތެރި ދަރިއެއް ކަމަށްވާ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި އެމަނިކުފާނަކީ ދިވެހިބަހުގެ މާހިރެއް ކަމާއި، ސަރުކާރުގެ ފަރާތުން އަރުވާ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު އެމަނިކުފާނު ވަޑައިގަންނަވާނީ، އެއަތޮޅަށް މުލަކަށެވެ.