ކޮންމެ ރަށެއްގައިވެސް އިންތިޚާބުގެ ފޯރި ހިފަމުންދާއިރު، ރަށުގެ ސަލާމަތާއި ހަމަޖެހުމުގެ މައްޗަށް ރައްޔިތުން ސަމާލުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، އެމަނިކުފާނު މުލަކަތޮޅު ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި މުއްޔަށް ވަޑައިގެން، މުލީ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އިންތިޚާބުގެ ދުވަސްވަރު ވާދަވެރި ވާހަކަތައް އިވި، ތަފާތު ކުލަކުލަ ފެނި، ތަފާތު އަޑުތައް އުފުލަމުންދާނެ ކަމަށާއި، އެހެން ނަމަވެސް، ރަށްރަށުގައި ހަމަނުޖެހުން އުފެދި، ރައްޔިތުންނަށް އާދައިގެ ދިރިއުޅުމެއް ނޫޅެވޭވަރަށް ކަންތައްތައް ގެންގޮސްގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިޔާސީގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ޤައުމު މިހާރު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައިކަން ބަޔާންކުރައްވަމުން، މިވޭތުވެދިޔަ ދެތިން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފެނިގެންދިޔައީ އާދަޔާ ޚިލާފު މަންޒަރުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވޭތުވެގެންދިޔައީ އަޑިގުޑަން ދުވަސްތަކެއް ކަމަށްވިޔަސް، ވަރަށް ހިތްވަރާއެކު މަސައްކަތް ކޮށްގެން، ކޮންމެވެސްވަރެއްގެ އަމާންކަމެއް މިހާރު ލިބިފައިވާ ކަމަށާއި، އެހެން ނަމަވެސް، ޤައުމުގެ ސިޔާސީ މަސްރަޙު އޮތްގޮތުން، އަނެއްކާވެސް އަޑިގުޑަން ދުވަސްތަކަކާ ކުރިމަތިލާން ޖެހުމަކީ ހަމަ ވެދާނެ ކަމެއް ކަމަށް ވިދާޅުވެ، އެކަމަށް ސަމާލުވެ، ހޭލުންތެރިވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އަމާންކަމާއި އޮމާންކަމާއެކު ޤައުމުގެ ކަންކަން ގެންދެވުމަށް ކަމަށާއި، އިންޞާފުވެރި، ޢަދުލުވެރި އިންތިޚާބެއް ބޭއްވެވުމަށް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެން އެންމެންނަކީވެސް މުސްލިމް އަޚުންނާއި އުޚުތުންކަން ހަނދާންނައްތާލައިގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސިޔާސީ ސަބަބުތަކަށްޓަކައި ޢާއިލާގެ ތެރޭގައި، އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ނުދެއްކޭ ހިސާބަށް ކަންތައްތައް ގޮސްގެން ނުވާނެއެވެ. އަދި އިސްލާމީ އުޞޫލުގެ ތެރޭގައި ކަންކަން ކުރަމުން ގެންދާ ކަމަށްވާނަމަ، ﷲ އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ މުސްތަޤްބަލާ ދޭތެރޭގައި ފިކުރުބޮޑުވާން ނުޖެހި، ޞުލްޙަވެރިކަމާއެކު ޤައުމަށް ކުރިއަށް ދެވޭނެއެވެ.

މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި، މުއްޔަކީ އާދަޔާ ޚިލާފު ރަށެއް ކަމަށާއި، މުއްޔަކީ ތަޢުލީމަށާއި ތަހުޒީބަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމުގައި ވިދާޅުވިއެވެ. އަދި ރަށް މިހާރުވަނީ ފުރިފައިކަން ފާހަގަކުރައްވަމުން، ރަށް ބޮޑުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މުލި ބޮޑުކުރުމަށްޓަކައި ރަށް ހިއްކުމުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމާއި، އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އެކަމަށް ކުރިމަތިލި ދެފަރާތުންކުރެ ކޮންމެވެސް އެއްފަރާތަކާ މަސައްކަތް ޙަވާލުކޮށް، މިއަހަރުގެ ތެރޭގައި އެމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، މުލީގެ އިރު އުތުރުގެ ސަރަޙައްދުން ބަޔަކާ އެކީގައި އަދި އުތުރުން އޮންނަ ރަށާ އެކީގައި އެއީ ފަތުރުވެރިކަމުގެ މަސައްކަތްކުރާ ސަރަޙައްދެއް ކަމަށް ކަނޑައެޅުއްވުމަށް ޤަޞްދުކުރައްވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މިދެމަސައްކަތް ކުރެވިއްޖެ ކަމަށްވާނަމަ، ﷲ އިރާދަކުރެއްވިއްޔާ، ރަށަށް ވަރަށްބޮޑު ބަދަލަކާއި، ވަރަށްބޮޑު ކުރިއެރުމެއް އަންނާނެ ކަމުގައި ވިދާޅުވިއެވެ.