ހަންގެރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖޭނޮސް ޓެރޭނީ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ހަންގެރީގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހަންގެރީގެ އާ ސަފީރު ޖޭނޮސް ޓެރޭނީގެ ދައުރުގައި، ދިވެހިރާއްޖެއާއި ހަންގެރީއާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާބެހޭގޮތުން މަޝްވަރާ ކުރައްވަމުން، ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއާއި، ޢުމްރާނީ ތަރައްޤީއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ވާހަކަފުޅު ދެއްކެވިއެވެ.