ދިގު މުއްދަތަކަށް ދާއިމީ ގޮތެއްގައި ކުދިންގެ ބެލެނިވެރިކަން ޙަވާލުވެގެން، އެކުދިން ބޮޑެތިކޮށްދޭނެ ބަޔަކު ތިބިކަމަށްވާނަމަ، އެބަޔަކާ އެކުދިން ޙަވާލުކުރުމުގެ ފުރްޞަތު ހުޅުވާލަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލެ ވިލިނގިލީ ކުޑަކުދިންގެ ހިޔާގެ ލައިބްރަރީއާއި، ކޮމްޕިއުޓަރ ލެބް ހުޅުއްވައިދެއްވުމާއި، އެހިޔާގައި ތަފާތު ޕްރޮގްރާމްތައް އިފްތިތާޙުކޮށްދެއްވުމަށް މިއަދު ހަވީރު އެހިޔާގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމުގެ ނިސްބަތުން އަދި އާބާދީގެ ނިސްބަތުން މަދު ކުދިންކޮޅެއް ދައުލަތުގެ ބެލުމުގެ ދަށުގައި މިއަދު ތިބިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ކުޑަކުދިންގެ ހިޔާއަކީ ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ވަގުތީގޮތުން ހެދިފައި ހުރި ތަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، އަޅުގަނޑުމެންގެ މަޤްޞަދަކަށްވާންޖެހޭނީ، އެކުދިން އަނބުރާ އެކުދިންގެ ޢާއިލާތަކަށް ރައްދުކޮށްދީ، ޢާއިލާގެ ފަރާތުން އެކުދިން ބެލެހެއްޓުން ކަމަށާއި، ދައުލަތުން އެކުދިން މިބަލަހައްޓަނީ، ބައެއް ޢާއިލާތަކަށް ނުކުޅެދިގެންދާ ޙާލަތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމަށް އެހެން ޙައްލެއް ހޯއްދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، އެކުދިންގެ އަޞްލު ބެލެނިވެރިން ނުވަތަ މައިންބަފައިންނަށް، އެކުދިން ބެލެން ނެތް ކަމަށްވާނަމަ، ލޯތްބާ އެކީގައި އެކުދިން ބަލާނެ އެހެން ބަޔަކު ހޯދައިދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިފަދަ މަރްކަޒެއް ކިތަންމެ ރަނގަޅަށް ހިނގި ކަމުގައިވިޔަސް، އެކުދިންނަށް ލިބެންޖެހޭ މައިންބަފައިންގެ ލޯތްބާއި، ޢާއިލާގެ ތެރެއިން ލިބެންޖެހޭ ލޯބި، އެކުދިންނަށް ނުލިބޭނެ ކަމަށާއި، މިކަމުގެ އެންމެ ފުރިހަމަގޮތަކީ، ކުއްޖާދެކެ ލޯބިވާ ޢާއިލާއެއް ހޯދައިދިނުން ކަމުގައި ވިދާޅުވިއެވެ.

ކުޑަކުދިންނަކީވެސް ޙައްޤުތަކެއް ލިބިގެންވާ ބައެއް ކަމަށްވުމާއެކު، އެކުދިންނަށް ދޭންޖެހޭ ތަޢުލީމްދީ، ފުރިހަމަ ޞިއްޙަތެއްގައި އެކުދިން ބޮޑެތިކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރިންގެ މަސްއޫލިއްޔަތެއްކަމާއި، ދީނީ އަދި ޤައުމީ ވާޖިބެއްކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. އަދި އެކުދިން ޙިމާޔަތްކޮށް، އެކުދިންގެ ޙައްގުތަކަށް ރައްކާތެރިވުމަކީވެސް ބޮޑެތި މީހުންގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެ، އެއިން ކޮންމެ ކުއްޖަކަށްވެސް ލިބިގެންވާ ޙައްޤުތައް އެކުދިންނަށް ލިބިދިނުމަށްޓަކައި އެންމެން މަސައްކަތް ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގައި ލައިބްރަރީއަކާއި، ކޮމްޕިއުޓަރ ލެބެއް ހުޅުވި، އާޕްރޮގްރާމްތަކެއް ފެށިގެންދާތީ، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށާއި، އޭގެ ސަބަބުން އެހިޔާގައި ކުދިން އުޅޭ އުޅުމަށް ވަރަށްބޮޑު މުއްސަނދިކަމެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކީގައި، ކުޑަކުދިންވެސް ތިމާވެށީގެ ކަންކަމަށް ޝައުޤުވެރިކުރުވުމަށްޓަކައި ގަސް އިންދުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމްތައް ހިންގެވުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށްފަހު، މި ރަސްމިއްޔާތުގައި ގަސް ހެއްދުމުގެ ޕްރޮގްރާމް، އެމަނިކުފާނު ފަށްޓަވައިދެއްވިއެވެ. އަދި ކުޑަކުދިންގެ ހިޔާގެ ލައިބްރަރީއާއި ކޮމްޕިއުޓަރ ލެބް ހުޅުއްވައިދެއްވައި، ލީޑަރޝިޕް ޕްރޮގްރާމާއި، އާރޓް ކްލާސް ލިޓްރެސީ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވިއެވެ. އަދި ލިޔަންކިޔަން ދަސްކޮށްދޭ ކްލާސްވެސް އެމަނިކުފާނު ހުޅުއްވައިދެއްވިއެވެ.