ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލަވާލާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ބަންޑާރަ ނައިބު އަލްއުސްތާޛާ ޢާއިޝަތު ބިސާމް، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އަލްއުސްތާޛާ ޢާއިޝަތު ބިސާމް ހަމަޖެއްސެވި ކަމުގެ ލިޔުން، އެކަމަނާއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، އަލްއުސްތާޛާ ޢާއިޝަތު ބިސާމް ކުރެއްވިއެވެ.