ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އެމެނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ އޮފީހުގެ، ރީޖަނަލް ޑައިރެކްޓަރ، ޕޮލީ ޕްރެސްކޮޓް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޞުލްޙަމަސަލަސްކަމާއި އަމާންކަން ޤާއިމުކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ރީޖަނަލް ޑިރެކްޓަރަށް ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ، ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުގެ މިލްކުގައި މީޑިއާއެއް ނެތި ވެރިކަން ހިންގާ ފުރަތަމަ ދައުރުކަން ފާހަގަކުރައްވަމުން، އިންސާނީ ޙައްގުތައް ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން، އިންސާނީ ޙައްޤުތައް ނަގަހައްޓައި ދެމެހެއްޓޭނެ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެހީތެރިކަމާއި ތާއީދު ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންސާނީ ޙައްގު ރައްކާތެރިކުރުމުގެ ދާއިރާގަޔާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ދާއިރާގައި، މިވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ޕޮލީ ޕްރެސްކޮޓްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.