އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޮބިން މުޑީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ހާލަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވަމުން، ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅެމުން އަންނަ ކަމުގައި ވިޔަސް، މާލީގޮތުން އަދިވެސް ގޮންޖެހުންތަކެއް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، އޮސްޓްރޭލިޔާގެ ސަފީރަށް އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް އެކި ގޮތްގޮތުން، ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން، އޮސްޓްރޭލިޔާ ސަރުކާރުގެ އެހީގައި ފަށްޓަވާފައިވާ ފުލުހުންގެ ތަމްރީން ޕްރޮގްރާމް ހިންގުމަށް ދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

އޮސްޓްރޭލިޔާ ސަފީރުގެ ވާހަކަފުޅުގައި، އެޤައުމުގެ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ ސްކޮލަރޝިޕްތަކުގެ ސަބަބުން، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާ ކަމުގައި ވިދާޅުވިއެވެ.