އިންޓަރނޭޝަނަލް އިސްލަމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ދަޢުވަތު އަރުވައިފިއެވެ. މި ބައްދަލުވުމަށް ދަޢުވަތު އަރުވައި، ފަލަސްޠީނުގެ ރައީސް ފޮނުއްވި ސިޓީފުޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، ފަލަސްޠީނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ އަންވަރު އަލް-އަޣާ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރީގައި އޮތް މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއަކީ ވަރަށް ގާތް އަޚުވަންތަ ޤައުމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން އަބަދުވެސް ދެކޭ ކަމުގައި އެޤައުމުގެ ސަފީރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ފަލަސްޠީނު ސަރުކާރުން އަބަދުވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފަލަސްޠީނު ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގައި އިސްލާމީ ޘަޤާފަތް ދެމެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ސަރުކާރަށް އަބަދުވެސް އޮންނާނެ ކަމުގައި ވިދާޅުވެ، އަރަބި ޤައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުންތައް ރަނގަޅުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން، ޢަރަބި ދުނިޔޭގައި އެމަނިކުފާނަށް ޚާއްޞަ ޤަދަރަކާއި އިޙްތިރާމެއް ލިބިވަޑައިގެންފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިޝަރަފުވެރި ދަޢުވަތު ދެއްވި ކަމަށްޓަކައި ފަލަސްޠީނުގެ ރައީސަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްޠީނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް އިސްލާމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ ކުރީކޮޅުއެވެ.