ކުރިއަށް އޮތް އިންތިޚާބުތަކަށް ވީހާވެސް ގިނަ ޒުވާނުންނާއި، ޚާއްޞަކޮށް، އަންހެން ބޭފުޅުން ކުރިމަތިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، އެމަނިކުފާނު މާލެއަތޮޅު ހުރައަށް މިއަދު ހެނދުނު ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޒުވާނުންނަކީ ބަދަލަށް ބޭނުންވާ ބައެއްކަން ފާހަގަކުރައްވަމުން، މިހާރު ރާއްޖޭގެ ކަންކަން ކުރިއަށްދާގޮތުން، ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުން، ރާއްޖެ އަވަސް ސްޕީޑެއްގައި ތަރައްޤީވާން އެބަ ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޒުވާނުންނަށާއި ޢާއިލާތަކަށް މިޒަމާނުގެ އެކިއެކި ޚިދްމަތްތަކާއި، ދިރިއުޅުމުގެ ފަސޭހަތައް ލިބުމަކީ ބޭނުންވާ ކަމެއް ކަމަށާއި، އެކަންކަން އަވަސްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރެވޭނީ، ރައްޔިތުން ސަރުކާރާ ގުޅިގެން މަސައްކަތް ކޮށްގެންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި ޚާއްޞަކޮށް، ޒުވާނުންގެ ވިސްނުމާއި އެހީތެރިކަން މިކަމުގައި ސަރުކާރަށް ލިބިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަށްރަށުގެ ތަރައްޤީގައި އަންހެން ބޭފުޅުން އަދާކުރައްވާ ދައުރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރަށްރަށުގައި މިހާރު އުފެދިފައިވާ އަންހެނުންގެ ކައުންސިލްތައް ވަރުގަދަކޮށް، ކައުންސިލްތަކަށް އާމްދަނީ ލިބޭނެގޮތް ހެދުމަށް، މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެކަންކަން ކުރެވޭނީ ޒުވާނުންނާއި އަންހެން ބޭފުޅުންގެ ޚިޔާލު ހޯދައިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ޒަމާނުއްސުރެ ރަށްރަށުގެ ރައްޔިތުންނާއި، އެރަށްރަށް ހިންގަވަން ތިއްބެވި ވެރިން ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުން އެރަށްރަށަށް ވަރަށްބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަންވެސް ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެކުވެރިކަމާއި އެއްބާރުލުން އޮވެ، ޙަރަކާތްތެރި ރައްޔިތުން ތިބޭ ތަނެއްގައި، ތަރައްޤީގެ ކަންކަން ކުރިއަށް ގޮސްފައިވާ ކަމަށާއި، އެގޮތުން ފާހަގަކޮށްލެވޭ ރަށްރަށް ރާއްޖޭގައި އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހުރައަކީ މިފަދަ ނަމޫނާ ރަށެއް ކަމަށާއި، ތަފާތު ފިކުރުތަކުގެ ބޭފުޅުން ރަށުގައި އުޅުއްވި ނަމަވެސް، ފެންނަމުންދަނީ ރަށުގެ އެކިކަންކަމުގައި، ރަށުގެ ތަރައްޤީއަށްޓަކައި އެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ތަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ޙާލަތު އޮތްގޮތުގެ މައްޗަށް ބައްލަވާލައްވައި، މިވޭތުވެދިޔަ ތާނގައި ކުރެއްވި މަސައްކަތްތަކުގެ ސަބަބުން މިއަދު ޤައުމުގައި ވަނީ ހަމަޖެހުން ޤާއިމް ކުރެވިފައި ކަމުގައި ވިދާޅުވިއެވެ. މިއަދު ސިޔާސީ ހުރިހާ ބޭފުޅުންގެ ވިސްނުންފުޅު ހުރީ އިންތިޚާބަށް ކަމަށާއި، އެއީ އެކަން އޮންނަންވާނެ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުރައަށް މިކުރެއްވި ދަތުރުފުޅުގައި، އެރަށު ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށްޓަކައި މިހާރު ހިނގަމުންދާ ކަންކަމާއި އަދި ކުރިއަށް ރޭވިފައި ހުރި ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ.