ދެކުނު ކޮރެއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޮންގމޫން ޗޮއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ދެކުނު ކޮރެއާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ދެކުނު ކޮރެއާގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާއާއި ޢުމްރާނީ ތަރައްޤީގެ ދާއިރާގައި، ދެކުނު ކޮރެއާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ކޮރެއާގެ ސަފީރަށް އެރުވިއެވެ.

ދެކުނު ކޮރެއާ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.