ދައުލަތުގެ ދަރަނި ކުޑަކުރުމަށް މިވޭތުވެދިޔަ ދޮޅުއަހަރު ދުވަހުގެ ތެރޭގައި، ވަރަށް ބޮޑަށް މަސައްކަތް ކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހައްދުންމަތީ ކުނަހަންދުއަށް ވަޑައިގެން، ކުނަހަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދައުލަތުގެ ދަރަނި ކުޑަކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެ، މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ރެވެނިއު ބިލްތައް ފާސްކޮށްދެއްވުމުން، މިކަމަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ފުރާ ބިދޭސީންގެ އަތުން ނަގާ ސަރވިސް ޗާރޖް ބޮޑުކުރެއްވުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު، އިއްޔެ މަޖިލީހުން ބޭރުކޮށްލާފައިވާތީ، އެކަމަށް އިޝާރާތް ކުރައްވަމުން، ސަރުކާރުގެ ބަޖެޓަށް އާމްދަނީ ލިބޭނެގޮތް ހެދުމަކީ، ރައްޔިތުންގެ ފަސޭހައަށްޓަކައި ސަރުކާރުން ކުރައްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ސަރުކާރާ ޙަވާލުވެވަޑައިގެންނެވިއިރު، ވަރަށް ބޮޑެތި ދަރަނި އޮތް ކަމަށާއި، އެހެން ނަމަވެސް، މިވޭތުވެދިޔަ ދޮޅުއަހަރުގެ ތެރޭގައި، މި ދަރަނީގެ ވަރަށްބޮޑު ބައެއް ދައްކާފައިވާ ކަމުގައި ވިދާޅުވެ، އެކަމުގެ ތަފްޞީލު ހާމަކުރެއްވިއެވެ.

ކުނަހަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަނދަރު ހެދުމަކީ ކޮންމެ ރަށެއްގައިވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، ރާއްޖޭގެ ޙާލަތު ހުރިގޮތުންނާއި އަދި ފުދުންތެރިކަން ހުރިގޮތުން، ރަށްރަށުގައި ބަނދަރު ހެދެމުންނުދާ ކަމުގައި ވިދާޅުވިއެވެ. ކުނަހަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށްޓަވައިދެއްވުމަކީ، ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށް ވިދާޅުވެ، ބަނދަރުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ރައްޔިތުންނާ މަޝްވަރާ ކުރައްވައިގެން، ވަރަށް ރަނގަޅަށް ސަރވޭ ކުރައްވައިގެން، ރަށަށް ގެއްލުން ނުލިބޭގޮތަށް، މި މަސައްކަތް ކުރައްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރި ކަމަށާއި، މިގޮތުން، ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ އެންމެ އިސް ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަރުދަމާ ނިޒާމު ނެތުމަކީ، ފެންގަނޑު ތަޣައްޔަރުވެ، ފެންގަނޑު ލޮނުވަމުންދާ ކަމެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުސްވުމާއި، ޖައްވު ހޫނުވުމާ، މިކަންކަމުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރަމުން ގެންދާކަންވެސް ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މީހުން އުޅޭ ރަށްރަށުގެ ތެރެއިން 113 ރަށް ވަރަށް ބޮޑަށް ގިރެމުންދާ ކަމަށާއި، މިކަމުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށްރަށުގައި ހިންގޭ މިފަދަ މަޝްރޫޢުތައް ހިންގަންވާނީ، ރަށަށް ގެއްލުން ނުލިބޭގޮތަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.