ރަށްރަށުގައި ހިންގާ އެކިއެކި މަޝްރޫޢުތައް ހިންގަމުން ގެންދާއިރު، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަންޖެހޭ ކަމަށާއި، އެހެން ނޫނީ އެ މަޝްރޫޢުތައް ނިމޭއިރު، ރައްޔިތުން ތިބެނީ ވާންޖެހޭ އުފަލަށްވުރެ ބޮޑަށް ހިތްހަމަނުޖެހިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހައްދުންމަތީ ދަނބިދުއަށް މިއަދު ހެނދުނު ވަޑައިގެން، ދަނބިދޫ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި، އެރަށު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަނބިދޫ ބަނދަރަށް ގެންނަންޖެހޭ ބައެއް އިޞްލާޙުތައް އެބަހުރިކަން ފާހަގަކުރައްވަމުން، ބަނދަރު ހެދިގެންދާނީ، ރައްޔިތުންނާ މަޝްވަރާ ކުރެވިގެން، ރައްޔިތުން ބޭނުންވާ ކަންކަން ވީހާވެސް ބޮޑަކަށް ފުރިހަމަކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ އަޑުއެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ރައްޔިތުން ދައްކަންހުރި ވާހަކަތައް އަޑުއަހައި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ނުކުރެވުނީމާ، ފަހުން އަންނަ ޝަކުވާތައް މާބޮޑު ކަމަށާއި، އެފަދަ ޝަކުވާތައް ވަރަށް ގިނައިން އިވިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، އެމަނިކުފާނު ބޭނުންފުޅުވަނީ، ރައްޔިތުންނާ ވީހާވެސް ގިނައިން ބައްދަލުކުރައްވައި، ރައްޔިތުން އެދޭގޮތަށް ކަންތައްތައް ކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއީ ވަރަށް ނާޒުކު ދުވަސްވަރެއް ކަމަށާއި، ރައްޔިތުންނާ ބައްދަލުކޮށްލައްވަން ރަށަކަށް ވަޑައިގެންނެވި ކަމުގައިވިޔަސް، އެކަން ސިފަކުރަނީ ބޮޑު ކެމްޕޭން ދަތުރެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުންވަނީ ވީހާވެސް ގިނައިން ރައްޔިތުން އަރިހަށް އަންނަން. އެހެން ނަމަވެސް، މިހާރު މިއީ ވަރަށް ނާޒުކު ދުވަސްވަރެއް. ވާގޮތަކީ އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށްލަން އަޔަސް، މި ހީވަނީ ބޮޑު ކެމްޕޭން ދަތުރެއްގައޭ މިއުޅެނީ. އެހެންވީމާ، އެކަން އެބަޖެހެޔޭ ހުއްޓުވާލަން. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް އަންނާނަން. އަޅުގަނޑު އަމިއްލައަށް ޚަރަދުކޮށްގެން އަންނަން ޖެހުނަސް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް އަންނާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަނބިދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މިވޭތުވެދިޔަ ފަސޭހަ އަހަރެއް ނޫންކަމާއި، ވަރަށް އުނދަގުލުގައި ކަންކަން ކުރެވެމުންދިޔަ އަހަރެއްކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭގެ ސަބަބަކީ އަޅުގަނޑުމެންގެ ތެރޭގައި ފިކުރީ ބޮޑެތި ތަފާތުތަކެއް އުފެދިގެން ދިޔުމެވެ. އެ ފިކުރީ ތަފާތުތަކުގެ ސަބަބުން އެކި ކުލަކުލައަށް އަޅުގަނޑުމެން ބަދަލުވުމެވެ. "އަޅުގަނޑުގެވެސް އޮވޭ ޕާޓީއެއް. އެޕާޓީގައި އޮވޭ ކުލައެއް. އެކަމަކު އަޅުގަނޑު އެކުލައިގެ ޓައީއާ އެއްޗެތި އަޅައިގެން، ތޮފި އަޅައިގެން، އެކުލައިގެ ގަމީސް ލައިގެން އައިސް، ތިޔަބޭފުޅުންގެ އަރިހުގައި، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުގެ ޕާޓީއަށް ވެދެވަޑައިގަންނަވާށޭ، އޭރުންނޭ ބަނދަރު ހެދޭނީ ކިޔައިގެން އަޅުގަނޑެއް ނޫޅެމެއް ނޫންތޯ؟" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އެންމެ މުހިންމު ފިކުރަކީ، ޤައުމީ ފިކުރާއި، ރަށުގެ ފިކުރާއި، އަތޮޅުގެ ފިކުރު ކަމުގައި ވިދާޅުވިއެވެ. މި ފިކުރުތަކަށްވުރެ މަތީގައި އެހެން ފިކުރުތަކެއް ގެންގުޅުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން ޤައުމުގައި ބައިބައިވުންތައް އުފެދި، އަންނަންޖެހޭ ތަރައްޤީ ލަސްވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.