ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ފިލިޕީންސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަހްނަރިމް އަބޫ ގިނޮމްލާ، މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ފިލިޕީންސްއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށާއި، އެކި ގޮތްގޮތުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި މިސްޓަރ އަބޫ ގިނޮމްލާއަށް ޝުކުރު އަދާކުރެއްވިއެވެ.

މިސްޓަރ އަބޫ ގިނޮމްލާގެ ވާހަކަފުޅުގައި، ފިލިޕީންސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގައި ހުންނަވައިގެން، ޚިދުމަތް ކުރެއްވުމަކީ، ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްޕުޅު ހަމަޖެހުމެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ރާއްޖެއާއި ފިލިޕީންސްއާ ދެމެދު ރަނގަޅު ގުޅުމެއް ޤާއިމްކުރެވިފައިވާ ކަމުގައިވެސް އަބޫ ގިނޮމްލާ ވިދާޅުވިއެވެ.