މުދައްރިސުންގެ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސް ކުރަމެވެ. މިއުފާވެރި މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާޞިމް އަޙްމަދަށާއި، އެވުޒާރާގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، ރާއްޖޭގެ ތަޢްލީމީ ދާއިރާގެ ޚިދްމަތްތެރިންނަށްވެސް ދަންނަވަމެވެ. ހަމައެއާއެކު، ރާއްޖޭގައި މުދައްރިސުން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކުން، އެކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށްވެސް ތަހުނިޔާ ރައްދުކޮށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

އަޅުގަނޑަކީވެސް ތަޢްލީމީ ދާއިރާގައި ގިނަދުވަހު ގިނަ ޚިދްމަތް ކޮށްފައިވާ އަދި މުދައްރިސެއްގެ ޙައިޘިއްޔަތުންވެސް މިދާއިރާގައި އުޅުމުގެ ފުރުސަތު ލިބިފައިވާ މީހަކަށް ވުމާއެކު، މިއަދު އަޅުގަނޑަށްވެސް ކުރެވެނީ ވަރަށް އުފާވެރި އިޙްސާސް ތަކެކެވެ. އެހެންކަމުން، މިއުފަލުގައި އަޅުގަނޑުވެސް ބައިވެރިވާއިރު މުދައްރިސުން އެކުރައްވާ މަތިވެރި ޚިދްމަތް އަޅުގަނޑުގެ ހިތަށް ތަޞައްވުރު ކުރެވެއެވެ.

މުދައްރިސުން އެކުރައްވާ ބުރަ މަސައްކަތާއި މުދައްރިސުން އެ އުފުއްލަވާ ޒިންމާއާދޭތެރޭ މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ވިސްނާލަން އެބަޖެހެއެވެ. މުދައްރިސުންނަކީ، ދިވެހި ޤައުމު ބިނާކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ބޭފުޅުންނެވެ. އެބޭފުޅުން ބިނާކުރައްވަމުން އެގެންދަވަނީ، ޤައުމުގެ މާދަމާގެ ޖީލެވެ. މިކަން އަބަދުވެސް ހަނދާންކޮށް، މުދައްރިސުން އެކުރައްވަމުން ގެންދަވާ ޤައުމީ ޚިދްމަތުގެ އަގު އަޅުގަނޑުމެން ވަޒަން ކުރަންޖެހޭނެއެވެ.

ކޮންމެ ޤައުމެއްގައިވެސް، އެޤައުމެއްގެ މުސްތަޤްބަލްގެ ތަޞައްވުރު ބައްޓަން ކުރުމަށްޓަކައި އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭންޖެހެނީ ތަޢްލީމަށެވެ. ޤައުމުގެ ކުރިމަގު ބިނާވެގެންދަނީ ތަޢްލީމީ ޕްރޮގްރާމްތައް ރާވައި، ހިންގާ ގޮތެއްގެ މައްޗަށެވެ. މިކަމުގެ މުހިންމު ކަމާއެކު، ރާއްޖޭގެ ތަޢްލީމީ މުއައްސަސާތައް ހަރުދަނާކޮށް، ތަޢްލީމީ ޒުވާނުންގެ ޢަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުކުރުމަށް ސަރުކާރުން މިގެންދަނީ ވަރަށްބޮޑު ސަމާލުކަމެއް ދެމުންނެވެ. އެގޮތުން، ދާދިފަހުން ސަރުކާރުން ތަޢާރަފްކުރި މަތީ ތައްލީމަށް މާލީ އެހީ ދިނުމުގެ ދާއިމީ ސްކީމަކީ، އަޅުގަނޑު މިދެންނެވި ބަހުގެ އަލިގަދަ ހެއްކެކެވެ. މިޕްރޮގްރާމްގެ ތެރެއިންވެސް ގިނަ އަދަދެއްގެ މުދައްރިސުން، ތަޢްލީމީ ދާއިރާއަށް ނުކުންނާނެކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫނެވެ. އިރާދަކުރެއްވިއްޔާ އެޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.

ޤައުމަށްޓަކައި ތިޔަކުރައްވާ ޚިދްމަތުގައި ސާބިތުކަމާއެކު ދެމިތިއްބެވުމަށާއި، ތަޢްލީމީ ދާއިރާގައި ތިޔަކުރައްވާ ޚިދްމަތުގެ ތަޖުރިބާ، ބޭނުންތެރި ގޮތެއްގައި ހިއްޕެވުމަށް މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި ކުދިންނަށް ރަނގަޅު ހަރުދަނާ ތަރުބިޔަތެއް ދެއްވުމުގައި ހީވާގިކަމާއެކު މަސައްކަތް ކުރެއްވުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މުދައްރިސުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ސަރުކާރުން ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދެމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރާއްޖޭގެ މުދައްރިސުންނަށް މިފުރުޞަތުގައިވެސް އަޅުގަނޑު އަރުވަމެވެ. އަދި މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމުގައި ސަރުކާރުން ފަހަތަށް ނުޖެހޭނެ ވާހަކަވެސް ދަންނަވަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް އުފާވެރި ބާއްޖަވެރި މުސްތަޤްބަލެއް މާތްﷲ ދެއްކެވުމެވެ. މުދައްރިސުން އެކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ، ހެޔޮގޮތުގައި ޤައުމަށް ފެނިގެން ދިޔުމެވެ. ރާއްޖޭގެ ތަޢްލީމީ ޙަޔާތަށް އިތުރު ކުރިއެރުން ލިބުމުގެ ހެޔޮ ތައުފީޤް އެކަލާނގެ މިންވަރު ކުރެއްވުމެވެ.