بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އިބްރާހީމް ވަޙީދު – ރާއްޖެ ޓީ.ވީ:

އަޅުގަނޑު ދެސުވާލު، ތިން ސުވާލެއް މަނިކުފާނާ ކޮށްލާނަން. ދެން ފުރަތަމަ ސުވާލަކީ، ވިދާޅުވެއްޖެ. ރާއްޖޭގެ އިސްލާމްދީނާއި ދިވެހިންގެ ޢަޤީދާ، މިހުރިހާ ކަމެއްވެސް ގުޅިފައި އޮތީ، މާތްވެގެންވާ އިސްލާމްދީނާއޭ. އެ ދީންމަތީގައި އަޅުގަނޑުމެން ތިބުމޭ، މީގެ ހުރިހާވެސް ރަނގަޅަކީ، މޮޅަކީ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ދާދިފަހަކުން ފެނިގެން ހިނގައްޖެ، ރާއްޖޭގެ މޫނުމަތި ރަނގަޅު ކުރުމަށް، ރީތި ކުރުމަށް ޙަވާލުކުރި ރޫޑަރ ފިން، މިކުންފުންޏަކީ ވަރަށް ބޮޑަށް އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކުރި ކުންފުންޏެއް. އެގޮތުން ޑެންމާކްގައި [ފިތުނަ] ނަމުގައި ހެދި ފިލްމް، އިސްލާމުންނާ ދެކޮޅަށް އެންމެ ބޮޑަށް ހެދުނު ފިލްމް ޕްރޮމޯޓްކޮށް އިޝްތިހާރު ކުރުމަށްވެސް ޙަވާލުކުރެވުނީ މި ރޫޑަރ ފިން، މިމީހުންނާ. އެހެންވީމާ، މިފަދަ ބަޔަކާ ރާއްޖެ އިޝްތިހާރު ކުރުމަށް ނުވަތަ ރާއްޖޭގެ މޫނުމަތި ރީތި ކުރުމަށް ޙަވާލުކުރި ކުރުން، ކިހިނެއްތޯއޭ މަނިކުފާނު ސިފަކުރައްވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން:

އަޅުގަނޑު އަދި ތިކަން ބަލާށޭޖެހޭނީ. އަޅުގަނޑަށް އަދި ތިކަމެއް ނޭނގެ.

އިބްރާހީމް ވަޙީދު – ރާއްޖެ ޓީ.ވީ:

އާދެ! ދެން އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް އެނގިފައި އޮތީމާ ދަންނަވާލީ. ދެން ދެވަނަ ސުވާލަކީ، މަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު. މަނިކުފާނު މިހާރު ދިރިއުޅުއްވަނީ ކޮންތާކުތޯ؟ އެއީ ވަރަށް ބޮޑަށް ދިވެހި ރައްޔިތުން ބޭނުންފުޅުވާނެކަންނޭނގެ އެއަށް ޖަވާބެއް. އެހެންވީމާ، އެއަށް ކޮންމެވެސްވަރެއްގެ ޖަވާބެއް ލިބިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން:

އަޅުގަނޑު ދިރިއުޅެނީ ބަނޑޮހުގައި. މިހާރު 34 އަހަރުވެއްޖެ އަޅުގަނޑު ބަނޑޮހުގައި. ދެން މިމަޤާމް ދެއްވަން ރައީސް ވިދާޅުވީމާވެސް، އަޅުގަނޑު ރައީސް އަރިހުގައި އަޅުގަނޑު ދެންނެވިން، އަޅުގަނޑަށް ބަނޑޮހުގައޭ ހުރެވޭނީ. ސަރުކާރުގެ ގެއެއް، ސަރުކާރުގެ ލޯންޗެއް އަދި ސަރުކާރުގެ ބަނޑޮހުގެ ސެކިއުރިޓީއެއް އަޅުގަނޑު ބޭނުމެއް ނޫނޭ.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު އެހެންވީމާ ކުޑަކޮށް މާޒީއަށް ޖެހިލާނަން އިނގޭތޯ. މިހާރު މަނިކުފާނުގެ ވާހަކަފުޅުގައިވެސް ވަރަށް ބޮޑަށް ފާހަގަކުރައްވައިފި، ހަމަ މުޖްތަމަޢުގެ އެންމެންވެސް އެންމެ ކަންބޮޑުވާ އެއް ސަބަބު. މިސާލަކަށް، ކަޓަރު އެޅުން ކަހަލަ ކަންތައްތައް ޢާންމުވެފައި އޮތް މައްސަލަ. އަޅުގަނޑު މަނިކުފާނާ އެއްކޮށް ޖެހިލާނަން ފަހަތަށް، 2008 ވަނަ އަހަރު. 2008 ވަނަ އަހަރު އަޅުގަނޑާއި މަނިކުފާނު ބައިވެރިވިން، ޒުވާނުންގެ ކޭމްޕެއްގައި ދަނގެތިން. ޒުވާނުންގެ ދުވަސް ފާހަގަކުރަން. އެދުވަހު ރާއްޖޭގައި ހުރި ޑްރަގާބެހޭ އޮތޯރިޓީން މަނިކުފާނުގެ ކުރިފުޅުމަތީގައި ހާމަކުރި، ދުވާލަކު ދެމިލިއަން ރުފިޔާގެ ހަކުރު ވިކޭ ކަމަށް. މަނިކުފާނުގެ މޫނުފުޅަށް ވީގޮތް އަޅުގަނޑު ދުށިން. އަދި އެބުނި އެއްޗެއް ނޭނގި، ބަޔަކު އަތްތިލަބަޑި ޖެހިތަންވެސް އަޅުގަނޑު ދުށިން. މި ޚަބަރުތައް ރާއްޖޭގެ މީޑިއާގައި ޢާންމުވެފައި ހުންނާނެ.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އެއާ ވިދިގެން 2010 ވަނަ އަހަރު ފުލުހުން ރާއްޖޭގެ މީޑިއާތަކުގެ ހުރިހާ އިސްވެރިންނާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާ އެކިފަހަރުމަތިން ބައްދަލުކުރައްވައި، ޤައުމުގެ ޙާލަތު ބަދަލުވަމުން މިއަންނަނީ މިހެންކަމާއި، ކަނޑުފޭރުމުގެ ޢަމަލުތައް ހިނގާފާނެކަމާއި، ރިޒޯޓްތަކަށް އަރާ، އެމީހުން ރިޒޯޓްތަކުގައި ހަމަ ކިޑްނެޕް ކުރުމުގެ ޢަމަލުތައްވެސް ހިންގަފާނެ ކަމުގެ އިންޒާރު ފުލުހުން ދެއްވި. މިއީކީ އަޅުގަނޑު ކައިރިއަކު ނޫން، ހަމަ ރާއްޖޭގެ މީޑިއާގެ އިސްވެރިންގެ ކުރިމަތީގަޔާއި އަދި މުއައްސަސާތަކުގެ ވެރިންގެ ކުރިމަތީގައި ފުލުހުން ދެއްވީ އެ އިންޒާރުތައް. 2010 ވަނަ އަހަރުގެ ކުރީކޮޅު މިދެންނެވީ. ދެން އެއަށްފަހުގައި، މިއިން އެއްވެސް ކަމަކަށް، ތެދަށް ދަންނަވާ ކަމަށްވަންޏާ، ހުއްޓުމެއް ނައިސް، ދޭތެރެ ދޭތެރެއިން މަޑުޖެހިލާފައި، ކުރިއަށް އައިސްލާފައި، އަންނަމުން އައިސް، ފުލުހުން އެދުވަހު ހިނގާނެ ކަމަށް ބުނި ހުރިހާ ކަމެއް މިހާރު މިތާނގައި މިދަނީ ހިނގަމުން. މިހާރު މީހުން މެރުމަކީވެސް އެއްވެސް ކަމެއް ނޫން. ހަމަ ފޭސްބުކްގައި ހަމަ މާދަމާ މިވެނި މީހަކަށް މިހެން ހަދާލާނަމޭ ބުނެލާފައިވެސް ހަދާލާ ހިސާބަށް މިހާރު އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތައް މިއޮތީ ތަރައްޤީވެފައި. އެހެންވީމާ، މިކަން މިހެންވާން ފެށީމާ އަޅުގަނޑުމެން މަސައްކަތް ކުރިން، ފުލުހުންގެ ކިބައިން، މިހެން މިވަނީ، މި ކޮންޓްރޯލް ނުވެގެން މިއުޅެނީ ކީއްވެގެންތޯ ސާފުކުރަން. އެއަކަށް އެއްވެސް ޖަވާބެއް ނުލިބުނު. ނުލިބި އޮވެ ފުލުހުންގެ މުއައްސަސާ ބަދަލުވެގެން މިދިޔައީ.

ދެން އަޅުގަނޑު ދަންނަވަން ބޭނުންވީ، މަނިކުފާނު ތިވަރަށް ތިކަން ފާހަގަކުރެއްވިއިރުގައި، ހަމަ ޙަޤީޤަތުގައިވެސް ތިއީ ހަމަ ޤައުމުގެ އެންމެބޮޑު އެއް ކޮންސަރން ކަމަށްވާއިރުގައި، މިހާރު އަޅުގަނޑުމެންނަށް މިކަންކަން ނުހުއްޓިގެން މިއުޅެނީ، ނޫނީ މީގައި އޮތް ހުރަސްތަކަކީ ކޮބައިތޯ ބަލަން އިތުރު މަސައްކަތްތަކެއް ކޮށްދެއްވާނެ. އަޅުގަނޑަށް އެނގޭ މަނިކުފާނަށް މީގެ ތަފްޞީލެއް ނުދެއްވޭނެކަން. އެކަމަކު ދިރާސާ ކުރައްވައި، މި ކުރެވެންހުރީ ކޮން ކަމެއްތޯ ބައްލަވަން މަނިކުފާނު ނައިބު ރައީސެއްގެ ޙައިޘިއްޔަތުން މަސައްކަތް ކޮށްދެއްވާނަންތޯ؟ އެއީ ހަމައެކަނި އޮތް ސުވާލަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން:

ޝައްކެއްނެތް، މިހާރު ކަންދިމާވި ގޮތުން ޑްރަގްސް ރީހެބާ، މިކަންތައްތަކަކީ ޙަޤީޤަތުގައި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އަޅުގަނޑު ބަލަހައްޓަންޖެހޭ ކަންތައްތައް ކަމަށް މިއޮތީ. ދެން އަޅުގަނޑު ޚިޔާލުކޮށްފައި އޮތީ، މީގެކުރިންވެސް އަޅުގަނޑުމެން އޮންނާނެ، އަޅުގަނޑު ދެންނެވިންކަންނޭނގެ، މުޙަންމަދު ނަޝީދުގެ އިޤްތިޞާދީ އެޖެންޑާގެ ވާހަކަ ދެއްކި ރޭވެސް އަޅުގަނޑު އެވާހަކަ ދެންނެވިން. އަޅުގަނޑު ދެންނެވިން، ޑްރަގްސް ރީހެބް ކުރުމުގެ ކަންތަކަކީ އެއީ، އެހާ ފަސޭހަކޮށް ކުރެވޭނެ ކަމެއް ނޫނޭ. އަޅުގަނޑަށް ހީވަނީ މިހާރު އެންމެ ބޮޑަށް މި ދިމާވެގެން އުޅޭ މައްސަލައަކީ، މިފަދަ ކަންތައްތައް ކޮށްފައި ތިބި ބައެއް ފަރާތްތައް ވަނީ ދޫކޮށްލެވިފައި. އެހެންވީމާ، މިއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް. ކިހިނެއްތޯ، އެމީހުންނަށް ރީހެބްގެ ބޭނުންކޮށްދީ، އެމީހުން އަލުން ރަނގަޅު މީހުންގެ ގޮތުގައި މުޖްތަމަޢަށް ނެރެވޭނީ. ޝައްކެއްނެތް، ސެކަންޑް ޗާންސެއް ނޫން، ތިންވަނަ ޗާންސް، ހަތަރުވަނަ ޗާންސްވެސް ދޭންޖެހޭނެ. އަޅުގަނޑު ޤަބޫލުކުރަން އެކަން. އެހެން ނަމަވެސް، މި ޗާންސްތައް ދޭއިރުގައި، އަޅުގަނޑުމެން ބަލަން އެބަޖެހޭ، އެމީހުން ވަރަށް ރަނގަޅަށް ރީހެބް ކުރަން. އަދި އެމީހުންނަށް އާމްދަނީ ލިބޭނެ މަގެއްވެސް ހޯދައިދޭން އެބަޖެހޭ. އެންމެބޮޑު މައްސަލައަކީ މިހާރު އަދި ރީހެބްވެގެން އައިއްސަ، ކިތަންމެ ރަނގަޅަށް އޭނަ އިޞްލާޙުވިޔަސް، އޭނައަށް ވަޒީފާއެއް ލިބޭނެ ތަނެއް ނެތް. އެހެންވީމާ، މިކަމާމެދު އަޅުގަނޑު ފަހުން ބައްދަލުކޮށްފައި، އަޅުގަނޑުމެންގެ ޕްރޮޕޯޒަލްވެސް އަޅުގަނޑު ލަޠީފާ ޙިއްޞާކޮށްލާނަން. އަޅުގަނޑު ދަންނަވާލާނަން. ވަރަށް ރަނގަޅު ޕްރޮޕޯޒަލްއެއް އޮންނާނެ. އޭގައި އަޅުގަނޑުމެން ތައްޔާރުކޮށްފައި، އެތަނުގައި ރީހެބްވެގެން ނޫން އެކަނިދާނީކީ. ރީހެބް، އޭނަގެ އެކޮމަޑޭޝަނާއި އަދި ޑީޓޮކްސް ކުރެވޭނެ ތަނަކާއި އަދި ކިޔަވައިދެވޭނެ ވޮކޭޝަނަލް ސެންޓަރަކާއި އަދި އޭނާ މަސައްކަތް ކުރާނެ ފެކްޓްރީއަކާ. މިގޮތަށް ރީހެބްވެގެންދާއިރުގައި، ދެން އިރާދަކުރެއްވިއްޔާ އެކަންތައްތައް ހުއްޓޭނީ. އެހެން ނަމަވެސް، ޤާނޫނު ތަންފީޛު ކުރުން އިނގޭތޯ އެއީ ވަރަށް މުހިންމު ކަމެއް، ތިކަހަލަ ކަންތައް ކުރުމަށް، ހުއްޓުވުމަށް.

ޢަބްދުﷲ ޙަސީން – މިނިވަން ނިއުސް:

އަޅުގަނޑުގެ ސުވާލަކީ، ދެންމެ ޑީން ވިދާޅުވެއްޖެ. ޤައުމުގެ އިޖްތިމާޢީ ޙާލަތު ވަރަށް ބޮޑަށް ހަލާކުވެފައި އޮތް ވާހަކަ. ދެން ކަންތައްތައް ހުރި ވާހަކަ ވިދާޅުވެއްޖެ. ދެން އެންމެންނަށްވެސް އެބަ އެނގޭކަންނޭނގެ ޙާލަތު އޮތްގޮތް. ކަންތައްތައް ވަމުންދާގޮތް. ދެން އަޅުގަނޑުގެ ސުވާލަކީ، އެކަންކަން ރަނގަޅު ކުރަން ކޮން މަސައްކަތްތަކެއްތޯއޭ ކުރައްވަނީ. އެއީ ސަބަބުތަކެއް ހުރީމަ އެކަންކަން ހިނގަނީ. ސިޔާސީ ހަމަނުޖެހުންތަކަކީވެސް ސަބަބުތަކެއް ހުރެގެން އުފެދިގެން އަންނަ ކަންތައް. އެކަންކަން ނައްތާލެއްވުމަށް، އެކަންކަން ރަނގަޅު ކުރެއްވުމަށް ކޮން ފިޔަވަޅުތަކެއްތޯއޭ އަޅުއްވަނީ؟ މަނިކުފާނުގެ ޚިޔާލުގައި ކޮންކޮން މަގުތަކެއްތޯއޭ ހުރީ، މިކަންކަން ހަމަޖެއްސުމަށް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން:

ދަންނަވަންތޯ، ވަރަށް ރަނގަޅު ސުވާލެއް އިނގޭތޯ. ޚިޔާލު އެކަންޏެއް ނޫން. މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި މިހުރީ އެކަންތައް ރަނގަޅު ކުރަންވެގެން. އެކަމަށް ޙައްލެއް އާދޭތޯ ހުރިހާ އެންމެންނާ މަޝްވަރާކޮށް ވާހަކަ ދައްކައި، އަޅުގަނޑު ވާހަކަ ދައްކަން ބޭނުން ހަމަ ހުރިހާ ބޭފުޅުންނާވެސް. ހަމަ އެމް.ޑީ.ޕީ.ގެ ބޭފުޅުންނާވެސް. އެބޭފުޅުންވެސް މަސައްކަތްތަކެއް ކުރައްވާފައި އެބަހުރި. އަޅުގަނޑު ބޭނުން ހުރިހާ ބޭފުޅުންނާ ވާހަކަ ދައްކައިގެން ޙައްލެއް ގެންނަން. އެހެންވީމާ، މިއަދުގެ ސަރުކާރުން ވަރަށްބުރަ މަސައްކަތްތަކެއް އެކަމަށް އެބަކުރޭ. އެއީ އެންމެ ފުރަތަމަ މަޝްވަރާ ކުރުން. ދެން އަނެއްކާ މިހާރު މި ސަރުކާރު ރޭވިފައި އޮތް ގޮތުންވެސް އެނގިވަޑައިގަންނަވާނެ، އެތައް ޕާޓީތަކެއް މިއޮތީ. އެއީވެސް އަޅުގަނޑު ދަންނަވާނީ، މި މައްސަލަތައް ހަމަޖެހުމަށް ނުވަތަ ކޮންމެވެސްކަހަލަ ޙައްލެއް އައުމަށް އަޅުގަނޑުމެންނަށް އެޅިފައި އޮތް ފިޔަވަޅެކޭ އެއީ. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން، ހަމަ ހުރިހާ އެންމެންނާ މަޝްވަރާ ކުރަން. މިއީ އަޅުގަނޑުމެންގެ ލޮބުވެތި ޤައުމު. އަޅުގަނޑުމެން ލޯބިވާ ޤައުމު. އަޅުގަނޑުމެންނަށް ދެވޭނެ އެހެން ތަނެއް އޮތީކީ. އަޅުގަނޑުމެން މިތަން، ޤައުމު ރަނގަޅުކޮށްގެން، މި ޤައުމުގައި އުޅެން މަސައްކަތް ނުކުރި ބަޔަކަށް، ނުކުރެވިއްޖިއްޔާ ދެން ކޮންބަޔަކުތޯ މިކަން ކުރާނީ. ޝުކުރިއްޔާ.

އާދެ! މި ވެރިކަން ބަދަލުވެގެންދިޔައީ، ކުރީގައި ވެރިއަކަށް ހުންނެވި ބޭފުޅާ އިސްތިޢުފާ ދެއްވީމަ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވެގެން އަޅުގަނޑު މި މަޤާމް ޙަވާލުވެގެން މިއަދު މިހުރީވެސް އިނގޭތޯ. ޝުކުރިއްޔާ.

މުޙަންމަދު ޙަސަން – ސަން މީޑިއާ ގްރޫޕް:

އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ފާހަގަކުރައްވައިފި، ޤައުމުގެ އިޤްތިޞާދީ ގޮތުންނާއި އަދި ސިޔާސީ ގޮތުންވެސް ރަނގަޅު ކުރެވޭނީ މި ޤައުމު އެއްފަސްކޮށްގެންނޭ. ދެން އަޅުގަނޑުމެންނަށް ފެނުނު، ކުރީގެ ރައީސް މައުމޫންގެ ސަރުކާރުން އެއްފަސް ކުރުމުގެ ސިޔާސަތުތަކެއް ކަނޑައަޅައިގެން ގެންދިޔަތަން. އެހެން ނަމަވެސް، އެ ސިޔާސަތުތައް މިވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު ވަނީ މަޑުޖެހިގެން ގޮއްސަ. ދެން އަނެއްކާވެސް މަނިކުފާނު ތި އެއްފަސްކުރުމުގެ ވާހަކަ ވިދާޅުވިއިރު، މި ސަރުކާރުން އެއްފަސްކުރުމަށް ކިހާވަރެއްގެ ކުރިއެރުމެއް ލިބިގެންދާނެތޯ. އަދި ސަރުކާރުގެ ސިޔާސަތު ވަކިގޮތަކަށް ކަނޑައަޅާފައި އޮތްނަމަ، މަނިކުފާނު އެކަން އަޅުގަނޑުމެންނަށް ހާމަކޮށްދެއްވަފާނަންތޯ، ކިހިނެއްތޯ ކުރިއަށް ގެންދާނީ އެއްފަސްކުރުމުގެ ކަންތައްތައް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން:

އާދެ! ކުރިން ތިވިދާޅުވިހެން އިނގޭތޯ، އެއްފަސްކުރުމުގެ ވާހަކަ ދެކެވުނުއިރުގައި، އަބަދުވެސް އެއްފަސްވާންޖެހޭނީ ރައްޔިތުން. ރައްޔިތުންނާ ވާހަކަ ދެއްކިގެން، އެ ރައްޔިތުންނަށް ކޮންމެވެސް ރަނގަޅު ގޮތަކަށް ގެދޮރާ އެއްޗެހި ލިބިގެން. އަދި އެ ގެދޮރުގެ ފަރނީޗަރުވެސް ލިބިގެން. އެ ފައިދާހުރި ގޮތަކަށް، އެއްފަސްކުރުމުގެ ސިޔާސަތު ގެންދެވެންޖެހޭނީ. އެއީ އެތައް ޒަމާނަކު ކުޑަނަމަވެސް ރަށެއްގައި އުޅެފައި، އެހެން ތަނަކަށް ބަދަލުވާއިރުގައި، އޭގައި އޮންނާނެ، ވަރަށްގިނަ ޝުޢޫރުތަކަކާއި ކަންތައްތައް. އެހެންވީމާ، ދެން ދާތަނަކުން ލިބެން ހުންނަންޖެހޭނެ، ޞިއްޙީ ޚިދްމަތްތަކާއި އަދި އިޖްތިމާޢީ ޚިދްމަތްތަކާއި އަދި އެހެން ހުރިހާ ޚިދްމަތްތަކެއްވެސް. އެހެންވީމާ، އަގުހެޔޮ ގޮތެއްގައި، އަދި އަގު ކުޑަގޮތެއްގައި، އެމީހަކަށް ލިބޭ އާމްދަނީއަކުން އޭނައަށް އެފައިސާ ދެއްކޭގޮތަށް އެކަންވާންޖެހޭނެ. އެހެންވީމާ، މިގޮތުން އަޅުގަނޑަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ، މިއަދުގެ ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް. އެހެން ނަމަވެސް، އަޅުގަނޑު ތަފްޞީލްކޮށް މިވާހަކަ އަދި މިއަދުގެ ސަރުކާރަކާ ވާހަކަ ދައްކާފައެއް ނޯންނާނެ. އެކަމަކު އަޅުގަނޑަށް ވިސްނެނީ، ހަމަ މިހާރު މިކުރާ ޚަރަދުތައް މިގޮތަށް މިހެން ކުދިކުދި ރަށްރަށަށް، ކުދިކުދި ރަށްރަށަށް މިހެން ކުރެވެމުންދާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހަމަ ބޭކާރު ޚަރަދަކަށޭވާނީ. އެއީ ތިޔަބޭފުޅުން ހުޅުމާލެއަށް ބައްލަވާލެއްވިޔަސް، އެކަން އެނގިވަޑައިގަންނަވާނެ. އައްޑުއަތޮޅަށް ބައްލަވާލެއްވިޔަސް، އެކަން އެނގިވަޑައިގަންނަވާނެ. މާލެއަށް ބައްލަވާލެއްވިޔަސް އެނގިވަޑައިގަންނަވާނެ. ފުދޭވަރެއްގެ ބަޔަކު އެތާ އުޅޭ ކަމަށްވަންޏާ، ޚިދްމަތްތަކެއް ދެވޭނެ ފައިސާއެއް ނެތިއެއް ކަމެއް ނުކުރެވޭނެ. އެފައިސާ ލިބޭނެ ގޮތްގޮތްވެސް ހުންނަންޖެހޭނެ ރޭވިފައި، އެހެން ނޫންތޯ. ޝުކުރިއްޔާ.

އަޙްމަދު ޖަދުޢާން – ވީ.ޓީ.ވީ:

އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑުމެންނަށް މި ވެރިކަމުގެ ނިޒާމަށް، 2008 ވަނަ އަހަރު މިއައި ބަދަލާ އެކީގައި، ނައިބު ރައީސަކާ އެކީގައި އަޅުގަނޑުމެންގެ ސަރުކާރު އެކުލެވިގެންދިޔައިރު، ނިމިގެންދިޔަ ސަރުކާރުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އެ ނައިބު ރައީސް މާބޮޑު މަސްއޫލިއްޔަތެއް، މާބޮޑު ޒިންމާއެއް ނެތް ބޭފުޅެއްގެ ގޮތުގައި ހުންނެވިތަން. މަނިކުފާނު ތިއީ އަޅުގަނޑުމެންގެ މިހާރުގެ ސަރުކާރުގެ ރާއްޖޭގެ ދެވަނަ ނައިބު ރައީސްގެ ގޮތުގައި ފާހަގަކުރެވިގެންދާއިރު، ކޮންމެވެސްވަރަކަށް ދެންމެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވައިފި، ބައެއް މަސައްކަތްޕުޅުތަކަށް. މަނިކުފާނުގެ ބައެއް ޒިންމާތަކަށް. ކޮބައިތޯ ޖުމްލަ ގޮތެއްގައި، މަނިކުފާނުގެ ޒިންމާތަކަކީ، ކޮބައިތޯ، ކޮން މަސައްކަތްތަކެއްތޯ މަނިކުފާނަށް ޙަވާލުކުރެވިފައިވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން:

ވަރަށް ބޮޑަށް ޝުކުރިއްޔާ! އެކަމުގެ މަޝްވަރާ މިހާރު އޮތީ ކުރެވިފައި. ދެން އަޅުގަނޑަށް ހީވަނީ ރައީސް އެކަން އިޢުލާނު ކުރައްވާނެހެން. އަޅުގަނޑަށް މަޝްވަރާ ކުރެވިފައި އޮތީ، އަޅުގަނޑު ކުރިން ދެންނެވި ޑްރަގްސްގެ މި ކަންތައްތަކާއި، ރީހެބް ކަންތައްތަކާ، އެބައި އެއީ އަޅުގަނޑަށް ހީވަނީ ކުރީ މުޙަންމަދު ނަޝީދު ހަމަޖައްސަވާފައި އޮތީ، އޭރުގެ ނައިބު ރައީސް ކުރައްވާ ގޮތަށް. އެހެންވީމާ، މިހާރުވެސް އަޅުގަނޑަށް ހީވަނީ މިއަދުގެ ރައީސްވެސް އެގޮތަށްހެން އެކަން ހަމަޖައްސަވާނީ. އެ މަޝްވަރާ ކުރެވިފައި އޮތީ. ދެން އަނެއްކާ ޒުވާނުންނާބެހޭ ކަންތައްތައް، އިޖްތިމާޢީ ކަންތައްތައް. ދެން އަނެއްކާ ޚާއްޞަކޮށް، ޔޫތު މިނިސްޓްރީގައި މި ހިނގަމުންދާ ކަންތައްތައް. އޭގެތެރޭގައި، މަސައްކަތު މީހުންގެ ކަންތައްތަކާ، މިބައިބަޔަށް އަޅުގަނޑަށް ހީވަނީ މަސައްކަތް ކުރުމުގެ ފުރްޞަތު އުޅުމަށް އަޅުގަނޑަށް ލިބޭނެ ކަމަށް، އަޅުގަނޑަށް ފެންނަނީ. ދެން އަޅުގަނޑު އެންމެފަހުން ދެންނެވި މި ލާމަރްކަޒީ ލޯކަލް ގަވަރނަންސްގެ ކަންތަކުގައި. އަޅުގަނޑަށް ހީވަނީ އެއީހެން ޢާންމު ގޮތެއްގައި އަޅުގަނޑުގެ ދާއިރާއަކަށްވާނީ. އެކަމަކު އެކަން އަޅުގަނޑަށް ހީވަނީ އިޢުލާނު ކުރައްވާނީ ޢިއްޒަތްތެރި ރައީސްހެން.

ޙައްވާ ލުބްނާ – މިނިވަން ނިއުސް:

އާދެ! އަޅުގަނޑުގެ ދެތިން ސުވާލެއް. ފުރަތަމަ މަނިކުފާނު އެއްފަސް ކުރުމުގެ ސިޔާސަތުގެ ވާހަކަ ވިދާޅުވެއްޖެ. ވަރަށްގިނަ ދުވަސްތަކެއް ވަންދެން ދެކެވެމުން އައި ވާހަކައެއް މިއީ. އެހެން ނަމަވެސް، ޢަމަލީ ސިފައެއް އެންމެ އެދެވޭ ގޮތެއްގައި ނުފެނި މިހާތަނަށް އައިއިރުގައި މިދިޔައީ. ކުރިއަށް އޮތް ތަނުގައި މަނިކުފާނުގެ ވެރިކަމުގައި މި އެއްފަސްކުރުމުގެ ސިޔާސަތު، އޭގެ ތަންފީޛު ކުރުމުގައި، ކިހާވަރަކަށް މިމަސައްކަތް ކުރައްވަން ޤަޞްދު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން:

އަޅުގަނޑު ހަމަ ތެދަށް ދަންނަވަންޏާ، އަޅުގަނޑު ބޭނުންވަނީ އިނގޭތޯ، އަޅުގަނޑަށް ވިސްނުމަށް އަންނަނީ، ދިވެހިރާއްޖޭގެ މީހުން އުޅޭނީ ގާތްގަނޑަކަށް ފަންސަވީހަކަށް ނުވަތަ ތިރީހަކަށް ރަށުގައޭ. އެއިން ކޮންމެ ރަށެއްގެ ބޮޑުމިން ހުންނާނެއޭ ހުޅުމާލޭގެ ދެމާލެވަރު. ފަސްދޮޅަސް، ހަތްދިހަހާސް މީހުން އެތަންތާނގައި އުޅޭނެ. މިއީ އަޅުގަނޑަށް ފެންނަ ހުވަފެނެއް ދެން. ދެން މި ޙަޤީޤަތަކަށްވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. މީގައި އެބައޮތޭ ވަރަށް މުހިންމު ކަމެއް އިނގޭތޯ. އެކަމަކީ، ގިނަ ރައްޔިތުންވެސް ވިސްނާލަންވީ ކަމަކީ، މަދު ބައެއް ތިބެންޏާ، އެބައެއްގެ ފަރާތުން ވޯޓް ހޯދަން ފަސޭހަވާނެ ދޮއެއްތޯ. ލުބްނާ ޤަބޫލު ކުރައްވަންތޯ އެކަން. އެކަމަކު މުޖްތަމަޢު ބޮޑުވެއްޖިއްޔާ ދެން އެބައެއްގެ މައްޗަށް ނުފޫޒާއި ބާރު ހިންގުމަކީ ސަރުކާރަކަށްވެސް އަދި ޕާޓީއަކަށްވެސް، އެހެން ފަރާތަކަށްވެސް މާފަސޭހަ ކަމެއް ނޫން. އެހެންވީމާ، މިއީ އަޅުގަނޑަށް ހީވަނީ ހަމަ ރައްޔިތުންވެސް ވިސްނާލަންޖެހޭ ކަމެއްހެން.

އާދެ! ދެން ވިދާޅުވީމެއް ނޫންތޯ ދެވަނަ ސުވާލެއްގެ ވާހަކަ. އަދި އެއްސުވާލު ކޮށްލައްވަންވީ ނޫންތޯ އެހެންވެއްޖިއްޔާ.

ޙައްވާ ލުބްނާ – މިނިވަން ނިއުސް:

އާދެ! އެންމެންނަށްވެސް ޙަޤީޤަތެއް މި ވެރިކަން އައިފަހުން އަބަދުވެސް ކެނޑިނޭޅި ގޮންޖެހުމެއް ކުރިމަތިވަމުން މިގެންދަނީ ވެރިކަމުގެ ލެޖިޓިމަސީއާ ދޭތެރޭ ސުވާލަކަށްދާތީ. ގައިމުވެސް ކޮންމެ ގޮތަކަށް ކަންތައް ނިމިގެންދިޔަ ކަމުގައިވިޔަސް، މި ވެރިކަމަށް ލިބޭނީ އެންމެ ގިނަވެގެންވެސް ދެއަހަރު ދުވަސް. 2013 ގައި އިންތިޚާބު އޮންނަންޏާ އޮންނާނެ. އެހެންވީމާ، މި މުއްދަތުގެ ތެރޭގައި، ސަރުކާރަށް ކުރިމަތިވަމުންމިދާ ގޮންޖެހުންތަކުގެ ކުރިމަތީގައި، ސަރުކާރު ޙާޞިލްކުރަން ބޭނުންވާ ކަންތައްތައް ޙާޞިލް ކުރެވޭނެތޯ؟ އެއީ އިނގޭތޯ އަޅުގަނޑުގެ ސުވާލަކީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން:

ޝުކުރިއްޔާ! އާދެ! މިއަދު ސަރުކާރުން އަޅުގަނޑުމެން ޙާޞިލް ކުރަން ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ؟ އަޅުގަނޑުމެން ބޭނުންވަނީ ހަމަޖެހުން. މަޞްލަޙަތު ހަމަޖެހުން. މީހުންގެ މަޑުމައިތިރިކަން. ކެތްތެރިކަން. އެކަކު އަނެކަކަށް އަޅާލުން. އެއް ޢާއިލާ އަނެއް ޢާއިލާއެއްދެކެ ލޯބިވުން. މިއީ މިއަދުގެ ސަރުކާރުން ކުރަން ބޭނުންވާ ކަމަކީ. މިއަދުގެ ސަރުކާރަކަށް ނެތް ދޮއެއްތޯ، ތިވިދާޅުވިގޮތަށް ބޮޑެތި އިންވެސްޓްމަންޓްތައްކޮށް، ބޮޑެތި އުންމީދުތަކާ. އެހެން ނަމަވެސް، އަޅުގަނޑުގެވެސް އުންމީދެއް އޮވެދާނެ ދޮއެއްތޯ. ޚިޔާލެއް އޮވެދާނެ. އެހެންވީމާ، އަޅުގަނޑު އެވާހަކަ ދަންނަވާލީ. އެހެންވީމާ، އެގޮތުން މިއަދުގެ ސަރުކާރުން މަސައްކަތް ކުރާނީ ހަމަ ހަމަޖެހުމާއި، މަޞްލަޙަތާއި، ޤައުމަށް އިޤްތިޞާދީ ގޮތުން ގެނެވެން އޮތް ތަރައްޤީއެއް ގެނައުމަށް.

އަޙްމަދު ޢަބްދުﷲ ސަޢީދު – ހަވީރު ނޫސް:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މަނިކުފާނު ދެންމެވެސް ވިދާޅުވެއްޖެ، ސަރުކާރުގެ ނުވަތަ މަނިކުފާނުގެވެސް އެންމެބޮޑު އުންމީދަކީ، ޤައުމު މިހާރު ބައިބައިވެފައި އޮތް ބައިބައިވުމަށް ޙައްލެއް ހޯއްދެވުމޭ. ދެން މަނިކުފާނަކީ މިހާރުގެ މި ގިނަ ޕާޓީތައް އެކުލެވޭ ސަރުކާރެއްގައި، ސަރުކާރުގެ ދެވަނައަށް ހުރި އެންމެ އިސްވެރިޔާ. އެހެން ނަމަވެސް، އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގެން ހުންނެވި ބޭފުޅަކަށްވާތީވެ، ކިހިނެއްތޯ މިވަގުތު ޤައުމުގައި މިއޮތް ބައިބައިވުން ނައްތާލުމަށްޓަކައި، ކޮންގޮތަކަށްތޯ މަސައްކަތް ކުރައްވަނީ؟ މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިއްޖެތޯ؟

ދެން ދެވަނަ ސުވާލަކީ، އެއްފަސް ކުރުމުގެ ސިޔާސަތު، މި 30 އަހަރު ތެރޭގައިވެސް ވާހަކަ ދެކެވިފައި ދިޔައީ. ދެން އަދި އޭގެފަހުން މިއައި ތިންއަހަރާއި ބައިގެ ސަރުކާރުގެ ތެރޭގައި އެވާހަކަ އެއަށްވުރެ މަޑުޖެހިފައި. ފެރީތަކުން ގުޅާލެވޭކަހަލަ ނިޒާމެއް އޮވެފައި، ދެން މިހާރު އަނެއްކާ އެއްފަސްކުރުމުގެ ސިޔާސަތުގެ ވާހަކަ މިދެކެވެނީ. ސުވާލަކީ މިހާރު މިވާހަކަތައްވެސް ހަމަ ވާހަކައެއްގެ ގޮތުގައިތޯ ދާނީ. ނޫނީ ޢަމަލީގޮތުން މިމަސައްކަތް ފެށިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން:

އަޅުގަނޑަށް ހީވަނީ ބައިބައިވުން ނައްތާލުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ، މިއަދުގެ ސަރުކާރުން އެއްގޮތަކަށްވެސް އިނގޭތޯ، ބަދަލު ހިފުމުގެ ނުވަތަ އެހެން އޭނަ އެކަން ކުރީތީ، މިކަންކުރާ ޚިޔާލެއް އެއްގޮތަކަށްވެސް ނުގެންގުޅޭ. މުޙަންމަދު ވަޙީދުގެވެސް އެ ޚިޔާލުފުޅެއް ނޯންނާނެ، އަޅުގަނޑަށް ސަތޭކައިންސަތޭކަ ޔަޤީން. ރައީސްގެވެސް އަދި އަޅުގަނޑުގެވެސް އެ ޚިޔާލެއްނެތް. އަދި އަޅުގަނޑަކީވެސް އަދި މުޙަންމަދު ވަޙީދަކީވެސް އެއްގޮތަކަށްވެސް އޭނައަކީ ވަކި ޕާޓީއެއްގެ މީހަކަށްވީމާ، ވަކިގޮތަކަށް ބައްލަވާފައި، އަނެއް ޕާޓީއެއްގެވީމާ، އަނެއް ގޮތަށް ބައްލަވާނެ ބޭފުޅެއް ނޫން. އެހެންވީމާ، އެއީ އަޅުގަނޑުމެން އެންމެ ފުރަތަމަ، ވާހަކައަކީ މިހާރުވެސް އެނގިވަޑައިގަންނަވާނެ، ބައެއް ތަންތާނގައި އެބަތިއްބެވި ކުރީގައިވެސް ތިއްބެވި ބޭފުޅުން. ބައެއް ޤައުމުތަކުގައިވެސް އެބަ ތިއްބެވި، ކުރީގައިވެސް ތިއްބެވި ބޭފުޅުން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ މިއީވެސް އަޅުގަނޑުމެން ޤަބޫލުކޮށްލަންޖެހޭނެ ޙަޤީޤަތެއްހެން ދޮއެއްތޯ. އެއީ ސިޔާސީ މަޤާމެއްގައި ހުންނެވި ކަމުގައިވިޔަސް، ހަމަ މި ސަރުކާރާ އެކުގައިވެސް މަސައްކަތް ކުރެއްވިދާނެ. އެއީކީ މައްސަލައެއް އޮތް ކަމެއް ނޫނެއް ނޫންތޯ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެއީ.

ދެން ދެވަނައަށް ކުރެއްވި ސުވާލަކީ، އެއްފަސް ކުރުމުގެ ކަންތަކުގައި، ކޮންކަހަލަ ގޮތަކަށްހެއްޔޭ، އެވެސް ހަމަ ވާހަކައަކަށް ހެއްޔޭ ނިމިގެންދާނީ.

އަޅުގަނޑަށްވެސް ލިބިފައި މިއޮތް މުއްދަތުގައި އަޅުގަނޑުވެސް މަސައްކަތް ކުރާނަން، އެ ޙަޤީޤަތަކަށް ހެދޭތޯ. ދެން އަޅުގަނޑު ދަންނަވާލަން އެއްޗެކީ އިނގޭތޯ. އެ ޙަޤީޤަތަކަށް ހަދައިގެން ނޫނިއްޔާ އިނގޭތޯ، ހަމަ ފޫނެތް ފަޔަކަށް ފެންއެޅުން ކަހަލަ ކަމަކަށްވާނީ. އެހެން ދޮއެއްތޯ މިހާރުވެސް މިވަނީ. ބަޖެޓް ބޮޑުވަމުން ބޮޑުވަމުން މިދަނީ ކީއްވެގެންތޯ. ބައްލަވާ ނިކަން ރަށެއްގައި ހަތަރުސަތޭކަ މީހުން ތިއްބަސް، އެއްހާސް މީހުން ތިއްބަސް، އެތާ ހުންނަންޖެހޭ ޕްރީސްކޫލެއް، ކޯޓެއް. މިހުރިހާ ތަންތަނެއް ހުންނަންޖެހޭނެ. ޢާންމު ރައްޔިތުންނަށްވެސް، އަޅުގަނޑުމެންނަށްވެސް މިހާރު ވިސްނެން އެބަޖެހޭ ދޮއެއްތޯ، މިއީ ހަމަ ބޭކާރު ޚަރަދެއްކަން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ މިނޫން ގޮތަކަށް ދެން ކުރިއަކަށް އަޅުގަނޑަށް ހީވަނީ، ލިބޭ ފައިސާއަކުން ދެކޮޅުޖައްސާ ކަމަށްވަންޏާ، މިއީ އަޅުގަނޑުމެން ދެން އާމްދަނީ ލިބޭނެ ކަންތައްތައް، އެރަށްރަށުން ކުރަންޖެހޭނެ އަޅުގަނޑުމެން. އާދެ! ޝުކުރިއްޔާ!

ޢަބްދުއްލަޠީފް އާދަމް – މިއަދުގެ ނޫސް:

ދެވަނަ ފުރްޞަތެއް ދެއްވީތީ ޝުކުރު ދަންނަވަމުން، އަޅުގަނޑު މަނިކުފާނުގެ ސަމާލުކަމަށް ކުޑަކުޑަ ކަމެއް ގެންނާނަން. އެއީ ކުޑަކަމެކޭ މިދެންނެވީ، އެކަމާ މަނިކުފާނަށް ވިދާޅުވެވޭނެ މާބޮޑު އެއްޗެއް ނޯވެދާނެ ކަމަށްޓަކައި. އެކަމަކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ރާއްޖެއާ ބެހޭގޮތުން މިހާރު ނުކުންނަމުންދާ ލިޔުންތަކަށް ބަލާއިރުގައި، އެންމެ ގިނައިން ނުކުންނަމުންދާ ލިޔުންތަކުގެ މަސްދަރު، ނޫނީ އެ ނެރޭ ފަރާތަކަށްވެފައި މިއޮންނަނީ ކޮންމެވެސް ކްރިސްޗިއަން މިޝިނަރީއެއް. އެގޮތުން މިއަދުވެސް އަޅުގަނޑުމެންގެ ރާއްޖޭގެ ޙާލަތާ ބެހޭގޮތުން، ރާއްޖޭގެ ސިޔާސީ މާޙައުލާ ބެހޭގޮތުން އަޅުގަނޑު ރޭ 11 ޖެހިއިރު އޮފީހުން ނުކުތުމާ ހަމައަށް ޗެކްކޮށްލެވުނުއިރުގައި ތިން އާޓިކަލް ނެރެފައި އޮތް. ހަމަ އޭގެތިރީގައި އޮވޭ، އޭގެ އޯތަރ، ކްރިސްޗިއަން މޮނިޓަރިން ސިސްޓަމް ނޫނީ އެބާވަތުގެ ކޮންމެވެސް އެއްޗެއް ޖަހާފައި. އަޅުގަނޑުގެ ފޭސްބުކްގައިވެސް ހުންނާނެ. ހަމަ ބައްލަވާއިރަށް ފެނިވަޑައިގަންނަވާނެ އެތަނުން އެއް އާޓިކަލް. އެހެންވީމާ، މި ޙާލަތަށް އަޅުގަނޑުމެންގެ ތެރެއަށް ބޭރުގެ މި ދީނީ ނުފޫޒު އަންނަމުންދާއިރުގައި، މިކަމުން، މަނިކުފާނުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާހަގަކުރެއްވި، އަޅުގަނޑުމެންގެ ދީނޭ އަޅުގަނޑުމެންގެ ހުރިހާވެސް އެއްބައިވަންތަކަމުގެ އަޞްލަކީ. އެހެންވީމާ، އަޅުގަނޑުމެންނަށް ބޭރުގެ ނުފޫޒު މިވަރަށް އަންނަމުންދާއިރުގައި، އެކަންކަމަށް އަޅުގަނޑުމެން ސަލާމަތްވެވޭނެ ގޮތަކާ ދޭތެރޭގައި، މަނިކުފާނު ޚާއްޞަ ސަމާލުކަމެއް ދެއްވުން އުންމީދު ކުރަމުން، އަޅުގަނޑުގެ ސުވާލަކީ މި ހުރިހާ ބޭފުޅުންވެސް ގަބޫލު ކުރައްވާ، އިޤްތިޞާދީ މިނިވަންކަމެއްނެތި، ޤައުމުގެ މިނިވަންކަމެއް ނޯންނާނެ ކަމަށް. އެހެންވީމާ، މި ކުރު މުއްދަތެއް ނަމަވެސް، ދެން މި އަށާރަވަރަކަށް މަސްދުވަސް އަދި ބާކީ އޮތް ނަމަވެސް، އަޅުގަނޑުމެން ހަމަ އިޤްތިޞާދީ ގޮތުން އެކަށީގެންވާ ގޮތަކަށް ކުރިއަށް ގެންދިޔުމަށް، މި ސަރުކާރުގެ ތެރޭގައި އެއްވެސްކަހަލަ ޕްލޭނެއް ހުރިތޯ، މިވީ ދެތިން ދުވަހުގެ ތެރޭގައިވެސް މަނިކުފާނަށް އެނގިވަޑައިގެންފައި އެބައޮތްތޯ. ނޫނީ އެކަހަލަ ގޮތަކުން އަޅުގަނޑުމެންގެ އިޤްތިޞާދީ އެއްވެސްކަހަލަ ޕްލޭނަކަށް، އިތުރު ޕްލޭނަކަށްދާން ނޫނީ މިހާރުހުރި ޕްލޭންތައް ތަންފީޛު ކުރުން ކިހިނެއްތޯ ވިސްނަވާފައި އޮތީ؟ އެކަމަށް ކޮންމެވެސް ޖަވާބެއް ދެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން:

އިޤްތިޞާދީ މިނިސްޓަރާ އަޅުގަނޑު ކުރީގައިވެސް ވާހަކަވެސް ދެއްކިން. މިހާރުވެސް އެވާހަކަ ދެކެވެމުންދޭ. އެހެން ނަމަވެސް، ވަކި ޕްލޭނެއް ވަކި ރޭވިގެން، މިހާރު އަޅުގަނޑަށް ހީވަނީ މިވެގެން އުޅޭގޮތަކީ މިހާރު އޮޑި މިއޮތީ ކޮންމެވެސްވަރަކަށް ފެންއަރާފައި. ދެން ދިޔަ ހިއްކަނީ، މި ދިޔަ ހިއްކަނީ، ދިޔަ ހިއްކަނީ. އެހެންވީމާ، ފުރަތަމަ އޮޑި އަޑިއަށް ނުގޮސް މައިތިރިކޮށްގެން ނޫންތޯ އެހެން ކަމެއް ކުރެވޭނީ. އެހެން ނޫންތޯ. ވަރަށްގިނަ ތަފާތު ކަންތައްތައް އެބަހުރި، އެހެން ނޫންތޯ. އެއަރޕޯޓް އެބައޮތް. އަނެއް ތަނެއް އެބައޮތް. އަނެއް ކަމެއް އެބައޮތް. އެހެންވީމާ، މިހުރިހާ ކަމެއްގައި، އެހެންވީމާ އަޅުގަނޑަށް ހީވަނީ، މި އޮޑި ތެދަށް ކޮޅަށް ޖަހައިގެންހެން، ތަންކޮޅެއް ކުރީގައި، ބޭފުޅަކު އަޅުގަނޑު ކައިރީ ވިދާޅުވި، މައުމޫންގެ ވެރިކަމުގެ، އަޅުގަނޑު އެ ސަރުކާރާ ގުޅުނީމާ، ބަލަ އަޑިއަށްދާ އޮޑިއަކަށޭ ތި އެރީ. އަޅުގަނޑު ދެންނެވިން، ދިޔަ ހިއްކާށޭ މި އެރީ، ދިޔަ ހިއްކާށޭ. އެހެންވީމާ، މިފަހަރުވެސް މިހިރީ ދިޔަ ހިއްކަން އަރާ. ފިސާރި ރަނގަޅަށް މިފަހަރު ދިޔަ ހިއްކާލަދޭނަން.

އާދެ! ދެން ޢަޞްރު ނަމާދު ވަގުތުވާން އޮތީ.

ޢަބްދުﷲ ޙަސީން – މިނިވަން ނިއުސް:

ދެންމެގައި ވިދާޅުވެއްޖެ. ޕާޓީތަކުގެ މެދުގައި ތަފާތެއް ނުކުރާނެ ކަމަށް. ހުރިހާ ޕާޓީތަކެއް ހަމަހަމަ. ދެން އަޅުގަނޑުގެ ސުވާލަކީ، އެކަމަކު މި ސަރުކާރު އައިފަހުން، ފުރަތަމަ ޕާޓީތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި، ބައެއް ޕާޓީތައް އޭގައި ނުހިމަނާ، ބައެއް ޕާޓީތަކުން ވާހަކަ ދެއްކުން ކުރިއަށް ގެންދިޔައިރުގައި، ޢަދަދުގެ ގޮތުންވެސް ތަފާތުތައް އަޅުގަނޑުމެންނަށް. އެއްވެސް އުޞޫލެއް ފެންނާކަށް ނެތް. ކިހިނެއްތޯ އެކަންކަން ދިޔައީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން:

ހުރިހާ ޕާޓީތަކަށް މިހާރުވެސް އެހެރީ ދަޢުވަތު ދެވިފައި. އަދި އެމް.ޑީ.ޕީ.އަށްވެސް އެއޮތީ ދަޢުވަތު ދެވިފައި އިނގޭތޯ. އެކަމަކު ގެޔަށް ވަންނައިރު، އަންހެނަކު ކައްކާފައި ކާން އެއްޗެއް ނުދިނީމާ، ދެން ކީއްތޯ ކުރާނީ. އެމީހުން ބައިވެރިނުވީމަ، ދެން ކީއްތޯ ކުރާނީ. ބައިވެރިވެވަޑައިގަންނަވަން މިއޮތީ އަޅުގަނޑުމެން ހުޅުވާލާފައޭ މިހާރުވެސް އިނގޭތޯ. ހަމަ މިހާރުވެސް ހުޅުވާލާފައި އޮތީ. މިހާރުވެސް ވަޑައިގަންނަވަންވީ. މަޝްވަރާ ކޮށްލައްވަންވީ އިނގޭތޯ. ފުރިހަމަވާނީ ހަމަ ހުރިހާ އެންމެން ބައިވެރިވެގެން މިކަން ކުރިއްޔާ. އަޅުގަނޑު ގަބޫލުކުރަން، ތި ވިދާޅުވީ ތެދެއް ކަމަށް.

އިބްރާހީމް ވަޙީދު – ރާއްޖެ ޓީ.ވީ:

ބަންގި ވަގުތުވެސް ޖެހޭތީއާ އެއްކޮށް ވަރަށް ކުރުކޮށްލާނަން ސުވާލު. މަނިކުފާނު ވިދާޅުވެއްޖެ، ބަދަލު ހިފުމުގެ އެއްވެސް ރޫޙެއް މި ސަރުކާރުގައި ނެތް ކަމަށް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ކެނޑިނޭޅި ފެންނަމުން އެބަ އަޑުއިވެމުން އެބަދޭ. އިސް ބޭފުޅުން އެބަ ވިދާޅުވަމުން ގެންދޭ، ރައީސް ނަޝީދު ޖަލުގެ ތޭރިތަކަށް ވަޑައިގަންނަވަންޖެހޭނޭ، ކުޑަގޮޅީގެ. އެހެން ނަމަވެސް، މިހާތަނަށް އެއްވެސް ތަޙުޤީޤެއް، އެއްވެސް ބަޔާނެއް ނަގާފައެއް ނެތް. އެހެންވީމާ، މިކަމަށް ކީކޭތޯ މަނިކުފާނު ވިދާޅުވަނީ؟ ސަރުކާރުގެ އެންމެ އިސް ބޭފުޅުން އެބަ ވިދާޅުވޭ، ރައީސް ނަޝީދު ހުންނަވަންޖެހޭނީ ޖަލުގައޭ. އަދި އެއްވެސް ތަޙުޤީޤެއް މިކަމުގައި ހިނގާފައެއް ނެތް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން:

މި ސަރުކާރުން ނަޝީދު ޖަލަށްލާކަށް ނޫޅެ. ޖަލަކަށް ނުވެސްލާނެ. އަދި އެއީ އަޅުގަނޑުމެން ކުރަން ބޭނުންވާވެސް ކަމެއް ނޫން އިނގޭތޯ. އެހެންވީމާ، އެއީ އަޅުގަނޑުގެ ތި ސުވާލުގެ ޖަވާބަކީ އިނގޭތޯ.

މިޞްބާޙް ޢައްބާސް – ދި ޓީ.ވީ:

މިހާރު އަޅުގަނޑު ކުރީގެ ސުވާލާ ގުޅުންހުރި ސުވާލެއް ކޮށްލާނަން. ފާހަގަކުރައްވައިފި، ފެތެމުންދާ އޮޑިއެއްގެ ދިޔަ ހިއްކަން މަނިކުފާނު އަރާވަޑައިގެންނެވި ވާހަކަ. ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް، އެގޮތަށް މަނިކުފާނު ނިސްބަތް ކުރެއްވީ. ކިހިނެއްތޯ ރާއްޖެ މިއަދު މިއޮތް ޙާލަތަށް އިޤްތިޞާދީ ގޮތުން ދާން މެދުވެރިވީ ސަބަބުތަކަކީ ކޮބައިތޯ، މަނިކުފާނުގެ ވިސްނުންފުޅުގައި.

ދެން ހަމަ އަޅުގަނޑުމެންނަށް މިހާރު މިއޮތް އެންމެ ބޮޑު މައްސަލައަކީ، އަޅުގަނޑުމެންނަށް ހުރިހާ ފަރާތަކުން މިއިވެމުންދަނީ، އަވަސް އިންތިޚާބަކަށް ގޮވާލާ އަޑު. ކޮބައިތޯ މަނިކުފާނުގެ ވިސްނުންފުޅުގައި، އަވަސް އިންތިޚާބަކާމެދު ދެކެލައްވާ ގޮތަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން:

އާދެ! އެންމެފަހުގެ ސުވާލަށް ފުރަތަމަ ދަންނަވާނަން. ޤާނޫނީގޮތުން އިންތިޚާބު ބޭއްވޭނީ. އެއީ ޤާނޫނީގޮތުން އެކަން ހަމަޖެހިގެންދާނީ އިނގޭތޯ. އެއީ އަޅުގަނޑުގެ ޚިޔާލަކީ. ދެން ދި ޓީ.ވީ އިންނޭތޯ ވިދާޅުވީ.

އާދެ! ދެން އަޅުގަނޑު ދަންނަވާފާނަން. ދި ޓީ.ވީ އަށް ގޮސް މިވާހަކަ ދައްކަންޖެހޭނީ، އެއީ އިޤްތިޞާދަށް މިހެންވީގޮތަކީ މިއީ އިނގޭތޯ. މިތާ އަޅުގަނޑު ހުރެގެން، އަދި ޢަޞްރު ނަމާދު ކީއްކުރަންތޯ، މަޣުރިބު ނަމާދު ވަގުތުދިޔަސްވެސް ދައްކާ ނިމޭނެ ވާހަކައެއް ނޫން. އެހެންވީމާ، މިހާރަކު ތި ޖަވާބެއް އަޅުގަނޑަކަށް ނޯންނާނެ. ވަރަށްގިނަ ވާހަކަ އެބަހުރި އެކަމުގައި. ވަރަށްގިނަ ސަބަބުތައް އެބަހުރި. އެންމެ ސަބަބެއް ނޫން އިނގޭތޯ. އެތައް ސަބަބެއް އެބަހުރި އިނގޭތޯ.

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ދެން އަޅުގަނޑު ތިޔަބޭފުޅުންނާ ސަލާމް ކޮށްލާނީ.