بســم اللّـه الرّحمـن الرّحيــم

އާދެ! މާތް ﷲގެ ރަޙްމަތްފުޅަށް ޙަމްދާއި ޝުކުރުކުރަން. އަދި އެކަލާނގެ ފޮނުއްވި ރަސޫލާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމަށް އެދި ދުޢާ ދަންނަވަން.

އާދެ! އަޅުގަނޑު މިއަދު ޤައުމާ މުޚާޠަބުކޮށް ވާހަކަ ދެއްކުމުގެ ކުރީގައި، އަޅުގަނޑު ޤަޞްދު ކުރަން، މި ޤައުމުގެ ވަރަށް ރީތި، ވަރަށް މާތް މާޒީއެއް އެބައޮތް. ތާރީޚެއް އެބައޮތް. އެ ތާރީޚުގައި ކަންތައްވެފައި ހުރިގޮތުގެ މައްޗަށް އަޅުގަނޑު އެއްޗެއް ދަންނަވާލަން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވޭ.

އާދެ! އަޅުގަނޑުމެންނަށް ފެނިގެންދިޔަ އަލްމަރްޙޫމް ފާމުލަދޭރި ކިލެގެފާނު، ޝައްކެއްނެތް، ޤައުމީ ބަޠަލެއް. ޤައުމަށް އެތައް ޚިދްމަތެއް ކުރެއްވި ބޭފުޅެއް. އެހެން ނަމަވެސް، ހުސް ދޮގު ބަދުނާމެއް އަޅުވައި، އިސްތިޢުފާ ދެއްވަން މަޖުބޫރުކޮށް، އެ މާތް މަރްޙޫމް ވަނީ އިސްތިޢުފާ ދެއްވާފައި، އޭރު ހުންނެވި މަޤާމުން. އޭނާ ކަންތައް ކުރެއްވި ގޮތް އަޅުގަނޑު ދަންނަވާލާނަން. އިސްތިޢުފާ ދެއްވުމަށްފަހުގައި، ވަރަށް ރީތިކޮށް، ގޭގައި ކެތްތެރިކަމާއި މަޑުމައިތިރިކަމާ އެކުގައި އޭނާ ހުންނެވީ. އިރާދަކުރެއްވިއްޔާ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވަންދެން. ވަރަށް ރިވެތި މާތް މިސާލެއް ދެއްކެވި.

ދެން އަޅުގަނޑުމެންނަށް ފެނިގެންދިޔަ އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު. ހަމަ އެހާމެ ޚިދްމަތްތެރިއެއް. މި ޤައުމު، ވޯރާ ވިޔަފާރިވެރިންގެ އަތްދަށުގައި އަޅުގަނޑުމެން ވެފައި ވަނިކޮށް، އެކަމުން ސަލާމަތްކޮށްދެއްވި. އަދި އެހެންމެ އެތައް ކަންތައްތަކެއް. މި ޤައުމު ފުރިހަމަ މިނިވަންކަން ހޯދުމުގައި، އެ މަރްޙޫމް ކުރެއްވި މަސައްކަތްޕުޅަށް އަޅުގަނޑު ވަރަށް ބޮޑަށް ތާއީދުކޮށް، ޝުކުރު އަދާކުރަން. މިއަދު އެބޭފުޅާގެ ވާހަކަ، އެ މާތް މަރްޙޫމްގެ ވާހަކަ ދައްކާއިރު، އަޅުގަނޑަށްވެސް ކުރެވިފައި އޮތް ދެރަ ކަމަކަށް އަޅުގަނޑު މަޢާފް އެދޭނަން. އެއީ، ނާޞިރުގެ ދައުރު ބަދަލުވެގެން އަޅުގަނޑުވެސް މިއީ މި އޯކިޑްމަގުގަޔާއި އަދި މަޖީދީ މަގުގައި ހިނގި މީހެއް، އޭރު ނާޞިރު ކުރެއްވި ކަންތައްތައް ބަޔާންކުރަމުން. ހިތާމައަކީ، އޭރު އަޅުގަނޑުގެ ޢުމުރުން 30 އަހަރު. އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުވިސްނުނު އޭރު ނާޞިރު ކުރައްވާފައި ހުރި ރަނގަޅު ހެޔޮ ކަންތައްތައް. ޤައުމަށް ކޮށްދެއްވާފައިވާ ފައިދާއެއް. ވީމާ، އެކަމަށްޓަކައި އެ ޢާއިލާތަކަށް އަދި އެ މާތް މަރްޙޫމްގެ ފުރާނަފުޅުން އަޅުގަނޑު މަޢާފަށް އެދެން.

އާދެ! ޝައްކެއްނެތް، މިވާހަކަތައް އަޅުގަނޑު މިދެންނެވީ ސަބަބެއް ނެތިއެއް ނޫން. އަޅުގަނޑު އުންމީދު ކުރަން، އަބަދުވެސް ޤައުމުގެ ރައްޔިތުން، ޤައުމުގެ ހުރިހާ ރައްޔިތުން އެއީ، ވެރިއަކަށް ވިޔަސް އަދި ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރައްވާ ބޭފުޅަކަށް، މިނިސްޓަރަކަށްވިޔަސް، ތާރީޚުގައި ކަންތައްވެފައިހުރި ގޮތް ދެކެވަޑައިގެން، މި ޤައުމުދެކެ ލޯބިވެވަޑައިގެން، ޤައުމު އިސްކުރެއްވުން، މިއީ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން މިއަދު ދަސްކުރަންވީ އަދި އަޅުގަނޑުމެން ޙާޞިލް ކުރަންވީ ޢިބްރަތެއްހެން.

އާދެ! ދެން އަޅުގަނޑު ދަންނަވާލަން ބޭނުން އަނެއް ވާހަކައަކީ، 1987 ވަނަ އަހަރު ޖުމްހޫރީ ދުވަހު އަލްމަރްޙޫމް އިބްރާހީމް ޝިހާބް ތަޤްރީރެއް ދެއްވި. އެއީވެސް ހަމަ މި ޤައުމަށް އެތައް އެތައް ޚިދްމަތެއް ކުރެއްވި އަގުހުރި ބަޠަލެއް. ދިވެހިރާއްޖޭގެ ރަން ދޫފުޅު. އާދެ! އޭނާ ވިދާޅުވި އިނގޭތޯ، ވާހަކަ ދައްކަވަމުން ވިދާޅުވި. ގާދޫކޮލުން މިހާރު އެ ނުކުމެގެން އެދަނީ، ދާތަން ތިމަންމެންނަށް ފެންނަނީ، ދިވެހިރާއްޖޭގެ ޘަޤާފަތޭ، ދިވެހިރާއްޖޭގެ ތާރީޚީ ތަންތަނޭ، ދިވެހިރާއްޖޭގެ އަދަބިއްޔާތޭ، ދިވެހިވަންތަކަމޭ. އެދުވަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވި. އަޅުގަނޑު ހިތަށްއަރަނީ މިއަދު އެ މާތް މަރްޙޫމް، އެ ރަން ދޫފުޅު ދުނިޔޭގައި ހުންނެވިނަމަ، މިއަދު ގާދޫކޮލުން ކޮންކަމެއް ނުކުމެގެންދާ ވާހަކަތޯއޭ ވިދާޅުވާނީ. އަޅުގަނޑުމެންގެ އިޖްތިމާޢީ ޙާލަތު. އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙު. އަޅުގަނޑުމެންގެ ޢާއިލީ ގުޅުން. އަޅުގަނޑުމެންގެ އަގުހުރި އިޤްތިޞާދު. ކޮންކަމެއްތޯއޭ މީގެތެރެއިން ގާދޫކޮލުން ނުކުމެގެން މިއަދު މިދަނީ. އާދެ! މިއީ އަޅުގަނޑުމެން މިއަދު ވިސްނަންޖެހޭ ކަމަކީ. އެހެންވެގެން ތާރީޚުގެ ތެރެއަށް ވަންނަންޖެހެނީ. ތާރީޚުގެ ތެރެއަށް އަޅުގަނޑުމެން ދާންޖެހެނީ އެހެންވެގެން.

އާދެ! ދެން މިއަދުގެ ޙާލަތަށް އަޅުގަނޑު ބަލައިލަން ކޮންމެހެންވެސް ބޭނުން. ޤައުމެއް އެކުލެވިގެން އަންނަނީ، މުޖްތަމަޢުތަކަކުން. މުޖްތަމަޢުގައި މިތިބެނީ ޢާއިލާތަކެއް. ދަރިންތަކެއް. މިއަދު ނިކަން ވިސްނަވާ، އަޅުގަނޑުމެންގެ ބައްޕައިން އެބައުޅެއޭ، ދަރިފުޅާ ވާހަކަ ނުދައްކައި، އަދި ދައްކަން ނުކެރިގެން. އަނބިމީހާ އެބަހުއްޓޭ، ފިރިމީހާއާ ވާހަކަ ނުދައްކާ. ޢާއިލާތައް މިއޮތީ މުޅިން މުޅިން ވަކިވެފައި. އަޅުގަނޑު މިވާހަކަ މިދަންނަވަނީ ސަބަބެއްނެތިއެއް ނޫން. ވަރަށް ރަނގަޅަށް އަޑުއައްސަވާތި. މިގޮތަށް ޢާއިލާތައް ވަކިވުމުގެ ނަތީޖާއަކީ، ޤައުމު އެއޮތީ ބައިބައިވެފައޭ. މިގޮތަށް ޤައުމު ބައިބައިވީމާ، ނުކުންނާނޭ ނަތީޖާއަކީ ކޮބައިތޯ؟ އަބަދުވެސް އަބަދުވެސް އެ ޤައުމުގެ އެކިއެކި ފާޑުފާޑުގެ ޖަމްޢިއްޔާތަކާއި އަދި އެކިއެކި ފާޑު މީހުންނާއި އަދި އެ ޤައުމުތައް، އަނެއް ޤައުމާ ދިމާއަށް ބަލަމުން ބަލަމުންދާނެ، ކޮންގޮތަކަށްތޯ އެ ޤައުމުގެ އިޤްތިޞާދުގެތެރެއަށް ވަދެވޭނީ. ކޮންގޮތަކަށްތޯ އެ ޤައުމުން އަހަރެމެންނަށް ފައިދާހުރި ކަމެއް ކުރެވޭނީ. މިއީ ދުނިޔޭގެ އާދަ. މިއީ ދުނިޔޭގެ ސިޔާސަތު. މި ބަދަލެއް ނުކުރެވޭނެ. މިދުނިޔެ ހިނގާގޮތް މިއީ. އެހެންވެގެން ދުނިޔެ އަގެއް ނެތް ތަނަކަށްވަނީ. އެއީ މިދުނިޔެ ހިނގާގޮތް.

މިގޮތަށް ޢާއިލާތައް ބައިބައިވީމާ، ދެންވަނީ ކިހިނެއްތޯ؟ ޤައުމު އެއޮތީ ބައިބައިވެފައި. އެހެންވީމާ، އެވަގުތު އެ ޤައުމެއްގެ ތެރެއަށް އެމީހުންދާނެ. ދިޔައިމާ، އޭގެތެރެއިން ބަޔަކު ނަމަވެސް އެމީހުން ގަބޫލުކުރާނެ. ހިތާމައަކީ، އަޅުގަނޑުމެންގެ މިނިވަންކަމަށްވެސް އެއިން އަސަރުކުރާނެ. އެއީ މިއަދު އަޅުގަނޑު ކަންބޮޑުވާ ކަމަކީ. އެއީ މިއަދު އަޅުގަނޑަށް ކުރާ އަސަރެއް. އަޅުގަނޑު ބޭނުމެއްނުވޭ، މިޤައުމު ބައިބައިވާކަށް. އަޅުގަނޑު ބޭނުމެއް ނޫން މި ޤައުމުގައި އެހެން ދީނެއް އޮންނާކަށް. މި ޤައުމު މިހާ ހިސާބަށް އައިއްސަ އޮތީ ހަމައެކަނި އެންމެ ސަބަބަކަށްޓަކައި. އެނގިވަޑައިގަންނަވާތޯ އެއީ ކީއްވެގެންކަން. އެއީ އިސްލާމްދީނުގައި އަޅުގަނޑުމެން ހިފަހައްޓައިގެން ތިބީމާ. އިސްލާމްދީނުގެ ވަރުގަދަ މާތް އަސާސްގައި، މާތް ޢަޤީދާގައި އަޅުގަނޑުމެން ތިބީމާ މިއަދާ ހަމައަށް، މިއޮއް ކުޑަކުޑަ ތިންލައްކަ މީހުންގެ ޤައުމު، މިހާ އަގުހުރި ޤައުމެއް ކަމަށް މުޅި ދުނިޔޭގައި ވެފައި އަޅުގަނޑުމެން އައިއްސަ މިއޮތީ މިހިސާބަށް. އެހެން އެއްވެސް ސަބަބެއް އޮވެގެނެއް ނޫން. އެސަބަބަށްޓަކައި. އެހެންވީމާ، މި ޤައުމުގެ ވެރިން ޖެހޭނެ، މި ޤައުމު، މި މާތް، މާތް އިސްލާމްދީނުގައި ދަމަހައްޓަން މަސައްކަތް ކުރަން. އެއިން ފަހަރެއްގައިވެސް ފިރުކިގެން ގޮސްގެން ނުވާނެ. މިއަދުގެ ތަރައްޤީއާއި ތަހުޒީބު އަންނަންޖެހޭނީ، އިސްލާމްދީނުގެ އުޞޫލުތަކާއި އާދަކާދަތަކުގެ މަތިން، ތަހުޒީބާއި ތަރައްޤީ ތަމައްދުން ޤައުމަކާއެކު. އިސްލާމްދީނަކީ އެންމެ ތަހުޒީބީ ދީން. ތަރައްޤީ ދުނިޔެއަށް ގެނައިވެސް ދީން. މިކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.
އާދެ! މިއަދު އަޅުގަނޑު ހިތާމަކުރާ އަނެއް ކަމަކީ، އަދި މި ޤައުމުގެ ހުރިހާ ރައްޔިތުންވެސް ވިސްނަންޖެހޭ އަނެއް ކަމަކީ، އަޅުގަނޑުމެންގެ ޙާލަތު، އިޖްތިމާޢީ ޙާލަތު އޮތްގޮތް. ކިހިނެއްތޯ މިއަދު އޮތީ. މަގުމަތީގައި މީހުން ގައިގައި ވަޅި އެޅުމަކީ އެއީ އިހަށްދުވަހު އަޅުގަނޑުމެން ދުށީ އެއީ މި ޤައުމުގައި ނުވެސްވާނެ ކަމެއް ކަމުގައި. މީގެ 40 އަހަރު ކުރިން ނުވަތަ 45 އަހަރު ކުރީގައި ތިޔަބޭފުޅުން ދެކެވަޑައިގަތިންތޯ މަގުމަތީގައި، ދިވެހިރާއްޖޭގައި އެގޮތަށް މީހުން މަރާތަން. ދެކެވަޑައެއްނުގަންނަވާނެ. މިހެން މިކަންވީ ސަބަބުތަކެއް ނެތިއެއް ނޫން. އަޅުގަނޑުމެން އަޅާލަންޖެހޭ، އަޅުގަނޑުމެން ބަލަހައްޓަންޖެހޭ، އަޅުގަނޑުމެން ރީހެބަށް ގެންދަންޖެހޭ، މަސައްކަތް ދަސްކޮށްދޭންޖެހޭ ދަރިންތަކެއް އަޅުގަނޑުމެން ތެރޭގައި އެބަތިބި. މިއީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތު. ކޮންމެ ދިވެހި ދަރިއެއްގެ މަސްއޫލިއްޔަތު. ހުސްއެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫން މިއީކީ. ދެން ކޮންކަމެއްތޯ އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު ނެތީ. ޑްރަގްސްގެ ކަންތައް އެހާ ބޮޑަށް އެބައޮތް. އަދި ކުޑަކުދިންގެ ޙައްޤަށް އަރައިގަތުމުގެ ކަންތައް، އެހެން އެބައޮތް. އަދި ގެވެށި އަނިޔާގެ ކަންތައް. އިރާދަކުރެއްވިއްޔާ މިހާރު ބިލް ފާސްވެއްޖެ. އަޅުގަނޑު އުންމީދު ކުރަނީ، އޭގެ ފައިދާ، އެކަންކަމުގައި ލިބޭނެ ކަމަށް.

އާދެ! ކުޑަކުދިންގެ އަނިޔާގެ ވާހަކަ ދައްކާއިރުވެސް މިއީ އަޅުގަނޑުމެން މިއަދު ހިތާމަކުރަންޖެހޭ ހިސާބަށް ޤައުމުގެ ޙާލަތު ގޮއްސަ އޮތީ. އެކަންކަން އެ ދަރިންނަށް ދިމާވަނީ އެންމެ ގާތް ފަރާތުން. މާތްﷲ އެ ދަރިން ބެލުމަށް މެދުވެރި ކުރައްވާފައި ތިބި ފަރާތުން. އެ ޒިންމާ ދެއްވާފައި އޮތް ފަރާތްތަކުން، ގިނަފަހަރަށް މިހެން މިވަނީ. މިއީ އަސަރުހުރި ކަމެއް ނޫންތޯ. މިއީތޯ އަޅުގަނޑުމެން މިއަދު މި ޤައުމު ބައްޓަން ކުރަން ބޭނުންވާ ގޮތަކީ. ކޮންމެ ބޭފުޅަކުވެސް އަދި ވަރަށްގިނަފަހަރަށް އަޅުގަނޑުމެންނަށް އިވެނީ، ސިޔާސީ މަސްރަޙު، ސިޔާސީ ޙާލަތު. އަޅުގަނޑު ދަންނަވާނީ، ޤައުމެއްގެ އިޖްތިމާޢީ ޙާލަތު، އިޤްތިޞާދީ ޙާލަތު ރަނގަޅުވެގެން ނޫނީ، ސިޔާސީ މަސްރަޙެއް ރަނގަޅެއް ނުވާނެއޭ. އަދި އެއްވެސް ކަމެއް ޤައުމުގައި ރަނގަޅެއް ނުވާނޭ. އަޅުގަނޑުމެން މިއަދު ވިސްނަން އެބަޖެހޭ، މި ޤައުމު، ޤައުމެއްގެ ގޮތުގައި އޮވެގެން ނޫނީ ވިޔަފާރިވެރިއަކަށްވެސް އަދި ފިހާރަވެރިއަކަށްވެސް އެއްވެސް ކަމެއް މި ޤައުމުގައި ނުކުރެވޭނެ. އެހެންވީމާ، މި ޤައުމު މި ޤައުމެއްގެ ގޮތުގައި އޮންނަންޖެހޭ. އެ އޮންނާނީ، މިފަދަ ކަންތައްތަކުގެ މައްޗަށް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއްދީގެން. މިއީ މި ޤައުމުގެ ހުރިހާ ރައްޔިތުންގެ މަސްއޫލިއްޔަތެއް.

އާދެ! ދެން އަޅުގަނޑު ބަލައިލަން ބޭނުންވޭ، އަޅުގަނޑުމެންގ ޤައުމުގައި ތަރައްޤީ ކުރަންހުރި ވަރަށްގިނަ ކަންތައްތައް އެބަހުރި. އަޅުގަނޑުމެންގެ މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ޒުވާނުންގެ 18 އިން ފެށިގެން ގޮސް 36 އަހަރާ ދޭތެރޭގައި މިއުޅެނީ، 37 ޕަސެންޓް ނޫނީވިއްޔާ 40 ޕަސެންޓާ ހަމައަށް ގޮއްސަކަންނޭނގެ އޮންނާނީ. މި ޒުވާނުންނަށް ކޮށްދޭންވީ އަދި ކުރަންވީ ކަންތައްތަކަކީ، މިއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތަކެއް. ކިހިނެއްތޯ އެދަރިން ސްކޫލުން ނިމިގެން މަތީ މަޤާމްތައް ހޯދީމާ، ކިހިނެއްތޯ ސްކޮލަރޝިޕް ސްކީމް އޮތީ. އަޅުގަނޑަށް ހަމަ ކަނޑައެޅިގެން އެނގޭ، ބޭރުގެ ތަންތަން އެބަހުރި، ބޭރުގެ ޤައުމުތައް އެބަހުރި، ސްކޮލަރޝިޕަށް ފައިސާ ދައްކަންޖެހެނީކީ ފަސް އަހަރުން، ދެއަހަރުން، ތިން އަހަރަކުން ނޫން. މިއީވެސް އަޅުގަނޑުމެން މިއަދު ވިސްނަންޖެހިފައި އޮތް ކަމެއް. ދިގު މުއްދަތަކަށް ސްކޮލަރޝިޕް ލޯން ސްކީމެއް ހަމަޖެއްސުމާ، މިފަދަ ކަންތައްތަކަކީ މިއީ އަޅުގަނޑުމެން އިޤްތިޞާދު ދެމެހެއްޓުމަށްވެސް ކުރަންޖެހޭ ކަންތައްތައް. މިނޫން ގޮތަކަށް އަޅުގަނޑުމެންނަށް މިއަދު މި ޤައުމު ބައްޓަން ކުރެވޭކަށް ނޯންނާނެ.

ހަމަ މީގެތެރޭގައި އަޅުގަނޑުމެން އިޖްތިމާޢީ ކަންތައްތަކާއި އަދި މުނިފޫހިފިލުވުމުގެ ކަންތައްތަކަށް، މި ކަންތައްތަކުގެ މައްޗަށްވެސް ބަލައިލަންޖެހޭ. މިޔުޒިކް ޝޯއެއް ބޭއްވިޔަސް، އަޅުގަނޑުމެންގެ ތެރޭގައި، އެތަނަށް ދާން ތިބޭ މީހުން މަދުކަމުން އެވެސް އިޤްތިޞާދީ ގޮތުން ދެމިއޮންނަނިވި ގޮތަކަށް އެކަމެއް ކުރެވޭކަށް ނޯވޭ. އެހެންވީމާ، އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، އެއްފަސް ކުރުމުގެ ސިޔާސަތަށް. އެއްފަސް ކުރުމުގެ ސިޔާސަތު، އަޅުގަނޑުމެން ރަނގަޅަށް މިޤައުމުގައި ހާމަކޮށްގެން ނޫނީ، އަޅުގަނޑުމެންނަކަށް އިޤްތިޞާދީ ދެމިއޮންނަނިވި ތަރައްޤީއެއް އަޅުގަނޑުމެންނަށް މިޤައުމަކު ނުގެނެވޭނެ. އަޅުގަނޑުމެން މި ޤައުމު، ރަނގަޅަށް ވިސްނާލައްވާ، ފަންސާހަކަށް ފަސްދޮޅަހަކަށް އަހަރު މިދަނީ ބައިބައިކޮށްގެން، ބައިބައިވެގެން އަޅުގަނޑުމެންގެ މިޤައުމު ހިންގަމުން މިދަނީ. މަދު މީސްކޮޅެއް ހަތަރުސަތޭކަ މީހުން ތިއްބަސް، އެތަނުގައިވެސް ހަމަޖެހޭ ފާޚާނާގެ ނިޒާމް، ބަނދަރުގެ ނިޒާމް. ކޮބައިތޯ އިކޮނޮމީ އޮފް ސްކޭލަކީ. މިއީ ހުރިހާ ރައްޔިތުން ވިސްނަންޖެހޭނެ ކަމެއް. ޑިވައިޑް އެންޑް ރޫލްގެ އުޞޫލު މިހާތަނަށް އަޅުގަނޑުމެންގެ ތެރޭގައި އެބައޮތް. މިއީ ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. މިއިން އަޅުގަނޑުމެން ދުރަށްދާން މިހާރު އެބަޖެހޭ. މިއީ ވިސްނަންޖެހޭ ކަމެއް. ރައްޔިތުންވެސް ވިސްނަން އެބަޖެހޭ.، ގިނަބަޔަކު އުޅޭ ތަނެއްގައި ތިމަންމެން ތިބީމާ، އެ ޚިދްމަތްތަކެއް ތިމަންނަމެންނަށް ލިބޭނެކަން. އިތުރު ޚިދްމަތްތަކެއް ދެވޭނެކަން. އަދި އިޤްތިޞާދީ ގޮތުން ދެމިއޮންނަނިވި ސިޔާސަތެއްގެ ދަށުން އެކަން ކުރެވޭނެކަން. އެހެންވީމާ، މިއީ ސަރުކާރުންވެސް އަދި ރައްޔިތުންވެސް ވިސްނަންޖެހޭނެ ކަމެއް. މިހެން ނޫނިއްޔާ، އަޅުގަނޑުމެންނަށް ދެމިއޮންނަނިވި ތަރައްޤީއެއް ނުގެނެވޭނެ. މިއީ އަޅުގަނޑުމެން ވިސްނަންޖެހޭނެ ކަމެއް.

އާދެ! މިގޮތުން އަޅުގަނޑު ދަންނަވާނީ، އިޖްތިމާޢީ ކަންތައްތަކަށް ބަލައިލާއިރު، އަޅުގަނޑުމެން ކުރިއަރުވަންޖެހޭ އެތައް ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ފިލްމް އިންޑަސްޓްރީ ކުރިއަރުވަން އެބަޖެހޭ. އަޅުގަނޑުމެންގެ ޕަރފޯމިންގ އާޓްސް ސްކޫލްތަކެއްވެސް އެބަ ހުންނަންޖެހޭ. މިޔުޒިކް ކުރިއަރުވަން އެބަޖެހޭ. އަދި ކުޅިވަރު ޖަމްޢިއްޔާތައް އަޅުގަނޑުމެން ބާރުގަދަކުރަން އެބަޖެހޭ. އެއީ އަޅުގަނޑުމެން ކޮށްދޭންޖެހޭނެ ކަމެއް. މިއީވެސް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަންތައްތައް.

އާދެ! މިއީ ހައްތަހާ އަޅުގަނޑުމެން މިއަދު ޒުވާނުންނަށްޓަކައި ކޮށްދޭންޖެހޭ ކަންކަން. އެ ޒުވާނުންނަކީ މާދަމާ މި ޤައުމުގެ ވެރިން. ވެރިކަން ކުރާނެ މީހުން. އެ ޒުވާނުން އަޅުގަނޑުމެންނަށް ބައްޓަން ނުކުރެވިއްޖިއްޔާ، ރަނގަޅު ގޮތުގައި ބޮޑުނުކުރެވިއްޖިއްޔާ، ޤައުމުގައި ވެރިކަން ކުރާނެ ބަޔަކު ނުތިބޭނެ. އެބަ އައްސަވަން ދޮއެއްތޯ ބައެއްފަހަރަށް، ކޮބައިހޭ ލީޑަރަކީ. ދެން ކޮން ބޭފުޅެއް ހެއްޔޭ؟ މި ސުވާލު ކުރަންޖެހެނީ، ލީޑަރުން އަޅުގަނޑުމެން ނުއުފައްދާ ތިބީމަ. ކޮންމެ ވެރިކަމެއް އަޔަސް، މި ޤައުމުގައި ލީޑަރުން އުފައްދަވަންޖެހޭނެ. މި ޤައުމުގެ ވެރިކަން ކުރާނެ ލީޑަރުންތަކެއް، ޒުވާން ދަރިންތަކެއް، އެކަން ކުރަން ޖެހޭނެ.

އާދެ! ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، މި ސަރުކާރު ވެރިކަމަށް އައުމާ އެކުގައި، ޤައުމީ އިދާރާތަކާއި، އަދި ސްޓޭޓް މިނިސްޓަރުންނާ، އެކަންކަން ބަދަލުކުރައްވައިފި. އާދެ! އަޅުގަނޑު ލޯކަލް ގަވަރނަންސްގެ ވާހަކަ ނުދައްކައި، މިކަހަލަ ޕްލެޓްފޯމަކުން ހިނިގައްޖެއްޔާ، ތިޔަބޭފުޅުން ވިދާޅުވާނެ، ވަރަށް ބޭއިންޞާފްކޮށޭ އެކަންތައް އެކުރީ. އެހެންވީމާ، ލޯކަލް ގަވަރނަންސްގެ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުން. މި ސަރުކާރުން އެގޮތަށް އެކަން ނިންމެވިއިރު، އަޅުގަނޑު ހުރީ މިމަގާމަކު ނޫން. އެހެން ނަމަވެސް، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން، ޝުކުރު އަދާކުރަން، އެގޮތަށް އެކަން ކުރެއްވީތީ. އެއީ ޙަޤީޤަތުގައި ލޯކަލް ގަވަރނަންސްގެ ނިޒާމް، ލާމަރްކަޒީ އުޞޫލަކީ [ޑިވޮލިއުޝަން އޮފް ޕަވަރ ޓު ދަ ޕީޕަލް] މީހުންގެ އަތްމައްޗަށް ބާރުތަކެއް ދޫކުރުން. ބާރުތަކެއް މީހުންގެ އަތްމައްޗަށް ދޫކުރަންޖެހޭނީ، އެމީހުންނަށް ތަޢުލީމް އުނގަންނައިދީ، އެމީހުންނަށް ވިސްނައިދީ، އެމީހުންނަށް އާމްދަނީ ހޯދޭނެ އުޞޫލުތައް ހޯދައިދީ، އަދ ޤާނޫނީ ގޮތުން އެ ބާރު އެމީހުންނަށް ލިބޭގޮތަށް ނިމިގެން. އިރާދަކުރެއްވިއްޔާ، ޤާނޫނު އެބައޮތް. ޝައްކެއްނެތް، އޭގައި އިޞްލާޙުކުރަން ހުރި ކަންތައްތައް އެބަހުރި. އަބަދުވެސް ޤައުމެއްގައި އޮންނާނެ އިނގޭތޯ، ބަދަލުކުރަންޖެހޭ، އިޞްލާޙު ކުރަންޖެހޭ، ރަނގަޅު ކުރަންޖެހޭ ކަންތައްތައް. އެއީކީ މައްސަލައެއް ނޫން. އެކަމު ސިޔާސަތުތަކާއި ޕޮލިސީތަކާ ދާންޖެހޭނީ، އަބަދުވެސް އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންގެ ފައިދާއަށް އަދި ރައްޔިތުންނަށްޓަކައި އެކަންތައް ކުރެވެންވާނީ. ޤާނޫނުތައް ހެދެންޖެހޭނީ ރައްޔިތުންނަށްޓަކައި. މިއީ އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައެއް. ޤާނޫނެއް ހެދިގެން ނުވާނޭ، އޭރު ހުންނެވި ރައީސަކަށް ނުވަތަ އޭރު އޮތް ޕާޓީއަކަށް ލުއިފަސޭހަވާ ގޮތަކަށް. ޤާނޫނު ހެދެންވާނީ، ރައްޔިތުންނަށް ދެމިއޮންނަނިވި ފައިދާވާގޮތަށް. އެނޫން ގޮތަށް ޤާނޫނެއް ހެދިއްޖިއްޔާ، އޭގެ ހިތި ނަތީޖާ ފެންނާނެ.

އާދެ! ދެން މި ވާހަކަކޮޅާ އެކީގައި އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލު ކުރަންވެސް ވަގުތު އޮންނާނެތީއާ އެކީގައި، އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ހަމަ އެންމެ ނުކުތާއެއް އެބައޮތް. އާދެ! މާތްﷲ އިނގޭތޯ، އިންސާނުންނަށް ދެއްވާފައިވޭ ދެގުނަވަނެއް. އެ ދެގުނަވަނަކީ އެއީ އިންސާނާގެ މުޅި ޙަޔާތް ބައްޓަން ކުރުމަށްޓަކައި ﷲ ދެއްވާފައިވާ ވަރަށް މާތް ހަދިޔާއެއް. ވަރަށްބޮޑު މަސްއޫލިއްޔަތެއް. އާދެ! އެއިން އެއްގުނަވަނަކީ ހިތް. އަނެއް ގުނަވަނަކީ ސިކުނޑި. މި ދެގުނަވަނުގެ ބޭނުމުން މީހާ ތަރައްޤީވަނީ، މީހާ ކުރިއަށްދަނީ. އަދި މީހާ ހަލާކުވެގެންވެސްދަނީ. މި ދެގުނަވަނުގެ ބޭނުން ކުރެވޭގޮތުން. އަޅުގަނޑަށް ހީވަނީ ތިޔަ ހުރިހާ ބޭފުޅުންވެސް މިކަން ގަބޫލުފުޅު ކުރައްވާނެހެން. ކޮބައިތޯ ހިތާމައަކީ. ހިތާމައަކީ، މި ދެ ގުނަވަން އެހެން މީހެއްގެ އަތްމައްޗަށް، އެހެން ފަރާތަކަށް އޭގެ ބާރު ދޫކޮށްލެވެނީ އަޅުގަނޑުމެންނަށް. ކޮބައިތޯ އޭގެ ނަތީޖާއަކީ. މީހާ ވިޔަފާރިވެރިއަކަށް ނުވަތަ ޕާޓީއަކަށް ނުވަތަ ލީޑަރަކަށް، އެހެން މީހަކަށް، މީހާގެ އަމިއްލަ ނަފްސު ދެވެނީ. އޭނާ އަޅުވެތިވަނީ. އެކަމަކު މިއަދު އެންމެންވެސް މިދައްކަނީ ކޮންވާހަކައެއްތޯ؟ ޑިމޮކްރަސީ، ފްރީޑަމް، މިނިވަންކަން. ކޮބައިތޯ މިނިވަންކަން އެހެން ހެދީމަ. އެހެންވީމާ ކޮބައިތޯ. އެކަމަކު މިއަދު ތިޔަބޭފުޅުންނަށް ރެޔާއި ދުވާލު މި ފެނިވަޑައިގަންނަވަނީ، މިގޮތަށް ނަފްސާއި ވިސްނުމާ ހުރިހާ ކަމެއް އެހެން ފަރާތަކަށް ދޫކޮށްލައިގެން، އޭނަ ބުނިގޮތެއް ނުވަތަ އެބޭފުޅާ ވިދާޅުވިގޮތެއް. ނުވަތަ ފައިސާދޭ މީހާ ބުނިގޮތެއް ހަދަމުންދާތަން. މިއީ ހިތާމަހުރި ކަމެއް.

އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ތިހެން ނަހައްދަވާށޭ، މާތްﷲ ތިދެއްވި ދެގުނަވަނުގެ ބޭނުން ކުރައްވައިގެން، އެ މިނިވަންކަމާ، އެކަން ދޫނުކުރައްވާށޭ. ވޯޓަކީ ތިޔަބޭފުޅުންގެ ޙައްޤެކޭ. އެ ދޫކޮށްނުލައްވާށޭ. އެއީ ތިޔަބޭފުޅުންގެ ޙައްޤެކޭ އެއީ. އެއީ ޢާއިލާތަކަށް ބެހިގެންދާ ޙައްޤެކޭ.

އެހެންވީމާ، މިވާހަކަކޮޅާ އެކީގައި، އަޅުގަނޑުގެ ދުޢާއަކީ، މި ޤައުމު ހިޔާވަހިކަމުގެ ރީތި އައްސޭރިއަކަށް ދިޔުމަށް، މާތްﷲ ތައުފީޤު ދެއްވުން.

والســّلام عليــكم