އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޑޮކްޓަރ ސިންހް ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއާ ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ގުޅުން ކުރިއަށް އޮތް ތާނގައިވެސް ދެމިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހް ގުޅުއްވައި، ދިވެހި ސަރުކާރަށް އިންޑިޔާގެ ތާއީދު އޮތްކަން ހާމަކުރެއްވީތީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ.

ފޯނުން ގުޅުއްވުމުގެ އިތުރުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން، އެމަނިކުފާނަށް އިންޑިޔާގެ ބޮޑުވަޒީރުވަނީ ތަހުނިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ.