ރާއްޖޭގައި ހުރި ކުދި އަދި ޙާލަތު ދެރަ ކަރަންޓްދޭ ނިޒާމް ހުންނަ ރަށްރަށުގައި، އިރުގެ ހަކަތައިން ކަރަންޓްދޭ ނިޒާމް ޤާއިމް ކުރުމާބެހޭ މަޝްރޫޢު ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިމައްސަލައާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި، މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ބައެއް ރަށްރަށުގައި ކަރަންޓް ދިނުމުގެ ކުދި ނިޒާމްތައް ޤާއިމް ކުރެވިފައިވުމާއި، ކަރަންޓް ބޭނުންކުރެވޭ ޢަދަދު މަދުވުމާއެކު، އެ ރަށްރަށުގައި ކަރަންޓް އުފައްދަން ޖެހެނީ ވަރަށްބޮޑު އަގެއްގައިކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ މަޝްރޫޢެއް ފެށުމަކީ، މިމައްސަލައަށް އެކަށީގެންވާ ރަނގަޅު ޙައްލެއް ފެނިގެންދާނެ ކަމެއް ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.