ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް، އެ ޤައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބޭނޭ ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުންނެވެ. ނައިބު ރައީސް ތަޤްރީރު ކުރެއްވީ ރާއްޖޭ ގަޑިން މިރޭ 6.30 ގައެވެ.

ނައިބު ރައީސްގެ ތަޤުރީރުގައި، ދިވެހިރާއްޖެވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައި ކަމަށާއި، ބައިނަލްއަޤްވާމީ ދުނިޔޭގައި އެޤައުމަށް ޖާގައެއް ލިބުމުގެ ވަގުތު މިހާރުވަނީ މާބޮޑަށްވެސް ޖެހިފައި ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ތަޤްރީރު ކުރިއަށް ގެންދަވަމުން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް އެޤައުމުގެ ރައީސް އ.ދ.އަށް ހުށަހަޅުއްވާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ، މެންބަރު ހުރިހާ ޤައުމަކުންވެސް އެ ހުށަހެޅުމަށް ތާއީދު ކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.

އިންސާނީ ޙައްޤުތައް ހިމާޔަތްވުމާއި، ޑިމޮކްރެޓިކް ވެށްޓެއް ޤާއިމުވުމަށް ބޭނުންވުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އޮންނަ ކަމެއްކަން ނައިބު ރައީސް ފާހަގަކުރައްވަމުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤަށްޓަކައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން މަސައްކަތްކުރަންވެއްޖެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގަޔާއި ބައިނަލްއަޤްވާމީ މައިދާނުގައިވެސް އިންސާނީ ޙައްޤުތަކުގެ ރައްކާތެރިކަމަށް ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއްދޭކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި، ރޯމް ސްޓެޓިއުޓް އޮފް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި ދިވެހިރާއްޖެ ބައިވެރިވިކަމީ ވަރަށް އުފާކުރައްވާ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ކޯޕެންހޭގަންއާއި ކަންކުންގގައި އޮތް ތިމާވެށްޓާބެހޭ ކާމިޔާބު ބައްދަލުވުންތަކަށް ނައިބު ރައީސް އިޝާރާތް ކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެއަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ޤާނޫނީ އެއްބަސްވުމެއް ނިންމުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އ.ދ.އިން ޚާއްޞަ ޢިނާޔަތްތައް ދެއްވައި، އެހީތެރިކަން ފޯރުއްވައިދެއްވުމަށްވެސް ނައިބު ރައީސްގެ ތަޤްރީރުގައި އެދިވަޑައިގެންނެވިއެވެ.