ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ، ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް، އިޚްލާސްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ. ތިމާވެށީގެ ދުވަހެއް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން، ދިވެހިން އެންމެ އިސްކަމެއް ދޭންވީ، އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި، އިތުރު މަސައްކަތްތަކެއް ކުރުމަށް ޢަޒުމް ކަނޑައަޅަންވީ ދުވަހެއްގެ ގޮތުގައެވެ. ލިބުނު ގެއްލުމުގެ ވާހަކަތައް ދެއްކުމަށްވުރެ ބޮޑަށް، އަޅުގަނޑުމެން ބަލަންވީ، އިތުރު ގެއްލުންތައް ނުވާނެފަދަ ގޮތަކަށް، އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، 2020 ވަނަ އަހަރު ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް، ސަރުކާރުން މިވަނީ މަސައްކަތްތަކެއް ފައްޓާފައެވެ. ސަރުކާރުގެ މިސިޔާސަތުގެ ދެމަޤްސަދެއް ހިމެނެއެވެ. އެއް މަޤްޞަދަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެފަދަ ކުޑަ ޤައުމަކުން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރުމެވެ. ޤުދްރަތީ ވަސީލަތްތަކަކީ، އިޤްތިޞާދުގެ އެއް އަސާސް ކަމުގައިވާއިރު، ތިމާވެށީގެ މައްސަލަތައް ޙައްލު ކުރެވެން އަންނަނީ، އިޤްތިޞާދީ ޙައްލުތަކުގެ ތެރެއިންނެވެ. ޖައްވަށް ދޫކުރެވޭ ވިހަ ގޭސް ބޭރުކުރެވޭ މިންވަރު ދަށްކުރެވޭނީ، ޤުދްރަތީ ވަސީލަތްތައް ބޭނުންކުރެވޭގޮތް ނުވަތަ އިޤްތިޞާދީ އަސާސްތައް ބަދަލުކުރެވިގެންނެވެ.

ދިވެހިރާއްޖެ، ކާބަން ނިއުޓްރަލް ޤައުމަކަށްވުމަށް ނިންމި ދެވަނަ މަޤްޞަދަކީ، ހަކަތަ އުފެއްދުމަށް ރާއްޖެއިންކުރާ ބޮޑު ހޭދައަށް ލުޔެއްގެނެސް، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމެވެ. މިދެންނެވުނު އިޤްތިޞާދީ ބަދަލުތަކުގެ ތެރެއިން ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމެވެ. ޙަޤީޤީ ތަރައްޤީއަކީ ތިމާވެށްޓާ ރައްޓެހި ހަކަތައާއި ވަސީލަތްތަކުން ލިބޭ ކުރިއެރުމެވެ. މި ލަނޑުދަނޑިއަށް ވާޞިލްވުމަށްޓަކައި، އަޅުގަނޑުމެންގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަން ތަންފީޒު ކުރުމުގެ މަސައްކަތްތައް، ސަރުކާރުން މިހާރު މިދަނީ ކުރަމުންނެވެ. މިގޮތުން، ދިވެހިރާއްޖޭގެ ހަކަތައާ ގުޅޭ މައްސަލަތައް، އިޤްތިޞާދީ ގޮތުން ޙައްލުކޮށް، އެކަންތައްތައް އިތުރަށް ހަލުވިކަމާއެކު ތަންފީޛުކޮށް، ހަކަތައާ ގުޅޭ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ހިންގެވުމަށްޓަކައި ''ރިނިއުބަލް އެނަރޖީ އިންވެސްޓްމަންޓް އޮފީސް'' މިނަމުގައި އޮފީހެއް އުފެއްދެވުމަށް ސަރުކާރުން މިހާރު މިވަނީ ނިންމާފައެވެ. މި އޮފީސް އުފެއްދުމަށް ނިންމި އެންމެ މުހިންމު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ހަކަތައާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް، ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. އަދި ހަކަތަ އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވުމުގެ ބަދަލުގައި، ތިމާވެށްޓާ ރަޙްމަތްތެރި ހަކަތައަށް، ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް، ބޭރުގެ އެހީ ހޯދުމާއި، މަޝްރޫޢުތަކާއި، އިންވެސްޓްމަންޓް ޕްލޭންތައް އެކުލަވާލުމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެކެވެ.

މީގެއިތުރުން ރާއްޖެއަށް އެތެރެކުރެވޭ ތަކެއްޗަކީ، ތިމާވެށްޓާ ރަޙްމަތްތެރި ތަކެތި ކަމަށް ހެއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ބާރުއެޅުއްވުމުގެ ގޮތުން، ރާއްޖެ އެތެރެކުރާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ކަރަންޓާއި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ވެހިކަލްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މާފުކޮށްދިނުމަށްވެސް، ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ތިމާވެށްޓާ ރައްޓެހި ކަނޑުމަތީ އުޅަނދުފަހަރު އުފެއްދުމަށް ހިތްވަރުދީ، މަގުފަހިކޮށްދިނުމަށްޓަކައި، ކަނޑުމަތީގެ އުޅަނދުފަހަރުގައި ބޭނުންކުރުމަށް އެތެރެކުރެވޭ ސޯލާ ޕެނަލްއާއި، ސޯލާ ޕެނަލްއާއެކު ބޭނުންކުރާ ބެޓްރީގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މާފުކޮށްދިނުމަށާއި، ކަނޑުގައި ދުއްވާ ރިޔާނަގާ އުޅަނދުފަހަރުގައި ރިޔާ ނެގުމަށް ބޭނުންކުރާ ތަކެތީން ނަގާ އިމްޕޯޓް ޑިއުޓީ މާފުކުރުމަށް، ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދާ ފަރާތްތަކުން ޔޫޓިލިޓީ ކުންފުނިތަކަށް 50/3 ރުފިޔާގެ ރޭޓުން ކަރަންޓް ވިއްކޭނެ އުޞޫލުވެސް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ. ސަރުކާރުން މިގޮތަށް ނިންމީ، ރާއްޖޭގައި "ފީޑް އިން ޓެރިފް" ނުވަތަ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓް، ޤާއިމް ކުރެވިފައިވާ ކަރަންޓްގެ ވިޔުގައަށް ކަނޑައެޅޭ ވަކި އަގެއްގައި ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމް ކުރެއްވުމާ ބެހޭގޮތުން، ވަޒީރުންގެ މަޖްލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ތިމާވެށްޓާ ރަޙްމަތްތެރި ގޮތުގައި އިޤްތިޞާދީ ނަފާ ހޯދިދާނެކަން، މިއަދު މިވަނީ އަޅުގަނޑުމެންނަށް އެނގި ކަށަވަރުވެފައެވެ. ތިމާވެށްޓާ ރަޙްމަތްތެރި ގޮތުގައި އުފައްދާ އުފެއްދުންތަކަށް، ދުނިޔޭގެ ބާޒާރުގައި މަތީ އަގު ލިބެމުންދެއެވެ. މިއަދު އަޅުގަނޑު ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް އިލްތިމާސް ކުރަން ބޭނުންވަނީ، އަޅުގަނޑުމެން ކުރާ ވިޔަފާރިއަކީ، ތިމާވެށްޓާ ރަޙްމަތްތެރި ގޮތެއްގައި ކުރެވޭ ވިޔަފާރިއަކަށް ހައްދަވައިދެއްވުމަށެވެ.

އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ތަނބަކީ ފަތުރުވެރިކަމެވެ. މި ފަތުރުވެރިކަން ޒަމާނުއްސުރެ ގުޅިފައިވަނީ، ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި، ސާފު ރީތި މޫދާއި، އޭގެ ދަށުގައިވާ މުރަކައިގެ ބަގީޗާތަކާއެވެ. ރާއްޖޭގެ ކަނޑުތަކުގެ ދިރުމުގެ މައި އިންޖީނަކީ، މިދެންނެވުނު މުރަކައިގެ ފަރުތަކެވެ. އެފަރުތައް ދެމިއޮވެ، އާލާވުމަށް ވަކި ފިނިހޫނުމިނެއް ބޭނުންވެއެވެ. ދުނިޔެ ހޫނުވުމުގެ އަސަރު އެންމެ ފުރަތަމަ ކޮށްފައިމިވަނީ، މިނާޒުކު ފަރުތަކަށެވެ. ދުނިޔޭގެ ހުރިހާ މުރަކައިގެ ފަރުތަކުގެ ބޮޑުބައި، ނެތިވެދާނެކަމުގެ ބިރު މިހާރު މިވަނީ ހީވެފައެވެ. އެން މަސް މަދުވުމުގެ އަޞްލަކީވެސް، ފަރުތައް ހަލާކުވުމެވެ. މިކަމުގެ ސަބަބުން، އަޅުގަނޑުމެން ދިވެހިންގެ މައިގަނޑު އެއް ވަސީލަތް ކަމުގައިވާ ކަނޑުމަހުގެ މަސްވެރިކަމަށް މިދަނީ ނޭދެވޭ އަސަރުކުރަމުންނެވެ. މިކަމުން އެކަނިވެސް، ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާއި އަޅުގަނޑުމެންނާ ހުރި ގުޅުން، ކިތަންމެ ރަނގަޅަކަށްވެސް، އެނގި ހާމަވެއެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ކުރާ، އަދި ކޮށްފާނެ އަސަރުތައް މިދަނީ ފެންނަމުންނެވެ.

ނެތިދާނެކަމުގެ ބިރުހީވެފައިވާ، ނުވަތަ ތިމާވެށީގެ ގޮތުން ނާޒުކު ވަރަށްގިނަ ތަންތަން، ރާއްޖޭގެ އެކި ހިސާބުތަކުގައި ޙިމާޔަތް ކުރެވިފައި އެބަހުއްޓެވެ. ސަރުކާރުގެ ބޭނުމަކީ، އެތަންތަނަކީ ހަމައެކަނި ޙިމާޔަތް ކުރެވިފައިވާ ތަންތަނުގެ ބަދަލުގައި، އެތަންތަނުން ދެމެހެއްޓެނިވި ގޮތުގައި، ރައްޔިތުންނަށް ނަފާ ހޯދައިދިނުމެވެ. މިފަދަ އެއް މަސައްކަތެއްގެ ގޮތުގައި، ބ. އަތޮޅަކީ ޔުނެސްކޯ ބަޔޯސްފިއަރ، ރިޒަރވެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު މިވަނީ ގާތްގަނޑަކަށް ނިމިފައެވެ. މިރިޒަރވް ކަނޑައެޅުމާއެކު، އެތަން ބެލެހެއްޓުމާއި، ބޭނުންކުރެވޭނެ ގޮތުގެ އުޞޫލުތައް ކަނޑައެޅިގެންދާނެއެވެ. ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ ބަޔޯސްފިއަރ ރިޒަރވެއް އަޅުގަނޑުމެންނަށް ޤާއިމް ކުރެވިއްޖެނަމަ، އެކަމުން ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބި، އެސަރަޙައްދުގެ މީހުންނަށް ވަޒީފާގެ އިތުރު ފުރްޞަތުތަކާއި، އާމްދަނީ ހޯދާނެ އިތުރު ވަސީލަތްތައް ތަނަވަސް ވެގެންދާނެކަމާމެދު އަޅުގަނޑަށް އެއްވެސް ޝައްކެއްނެތެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި، ތިމާވެށީގެ ރޮނގުން ރާއްޖެ އަދާކުރަމުންދާ ދައުރަކީ، މިއަދު ޤައުމުތަކުން ބަލައިގަނެފައިވާ ދައުރެއް ކަމުގައި މިވަނީ ވެފައެވެ. ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ތިމާވެށްޓާ ގުޅޭގޮތުން ނިންމޭ މުހިންމު ނިންމުންތަކުގައި، ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، މިނިންމުންތަކުގައި ބޮޑު ޙިއްސާއެއް އަދާކުރާ ޤައުމަކަށް މިއަދު ރާއްޖެވެފައިވާކަމީ، މިކަމުގެ އުފަލާއި ފަޚުރު ،ކޮންމެ ދިވެއްސަކަށްވެސް ލިބޭ ކަމެކެވެ.

އަޅުގަނޑު އެދެނީ، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރި ކުރުމަކީ، ހަމައެކަނި ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އަޅުގަނޑުމެން ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި، އަޅުގަނޑުމެންގެ ޢަމަލުތައް، އެމަގަށް ބައްޓަން ކުރަމުން ގެންދިޔުމަށެވެ.