ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެން.ޑީ.ޓީ.ވީ.ގެ މަޝްހޫރު ޕްރޮގްރާމެއް ކަމަށްވާ "ވޯކް ދަ ޓޯކް"ގައި ބައިވެރިވެވަޑައިގެންފިއެވެ. އިންޑިޔާގެ ނިއުދިއްލީ ޓެލެވިޜަނުން މި ޕްރޮގްރާމް ފޮނުވީ ރާއްޖޭ ގަޑިން ރޭ 9 ޖެހިއިރުއެވެ. ވޯކް ދަ ޓޯކް ޕްރޮގްރާމަކީ، ދުނިޔޭގެ ފާހަގަކުރެވޭ ލީޑަރުންނާއި، އެކިއެކި ޝަޚްޞިއްޔަތުތަކަށް ޚާއްޞަކޮށްފައިވާ ޕްރޮގްރާމެކެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތްތަކާއި، ރާއްޖޭގެ ތިމާވެށްޓާއި، އިޤްތިޞާދާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުންނާއި، މެދުއިރުމަތީގެ މަސްރަޙާބެހޭގޮތުންނާއި، ޕްރޮގްރާމުގެ ހުށަހެޅުންތެރިޔާ ޝޭކަރު ގުޕްތާ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވިއެވެ.

ރާއްޖޭގެ އިޤްތިޞާދަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މިދިޔަ އަހަރު އިޤްތިޞާދީ ރޮނގުން ރާއްޖެ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ކަމަށް ވިދާޅުވިއެވެ.

މެދުއިރުމަތީގެ ބައެއް ޤައުމުތަކުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެކަމަށް ޙައްލު ހޯދޭނީ އެ ޤައުމުތަކުގައި ސިޔާސީ ޕާޓީތައް އުފެދިގެން ސިޔާސީ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެން ކަމުގައި ވިދާޅުވިއެވެ. އަދި ލީބިޔާގެ މަސްރަޙާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ލީބިޔާގެ ރައްޔިތުން އެދުމަށް ލީބިޔާގެ ޒަޢީމް ކާނަލް ޤައްޒާފީ އިޖާބަ ދެއްވައި، މަގާމުން އިސްތިޢުފާ ދެއްވަންޖެހިވަޑައިގަންނަވާނެ ކަމަށާއި، ޑިމޮކްރަސީއަށް އިޙްތިރާމް ކުރުމަކީ، ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ކުރުން ކަމުގައި ވިދާޅުވިއެވެ.