ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސައުތު އޭޝިޔާ ސެންޓަރ ފޮރ ޕޮލިސީ ސްޓަޑީޒް (ސަސެޕްސް)އިން އިންތިޒާމް ކޮށްގެން، އިންޑިޔާގެ ނިއުދިއްލީގައި ބޭއްވި "ވާރލްޑް ކޮންފަރެންސް އޮން ރިކްރިއޭޓިން ސައުތު އޭޝިޔާ: ޑިމޮކްރަސީ، ސޯޝަލް ޖަސްޓިސް، އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް"ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ މެންދަމުގެ ވަގުތެއްގައި މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މި ފެބްރުއަރީ 24 ވަނަ ދުވަހު ފެށުނު މި ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރެއްވިއެވެ. ފުޅާ ދާއިރާއެއްގައި ދެމެހެއްޓެނިވި ތަރައްޤީއާއި، އިޤްތިޞާދީ ކުރިއެރުން ހޯދޭނީ ހަމައެކަނި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއްގެ ތެރެއިން ކަމުގައި މި ތަޤްރީރުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިނިވަން ޑިމޮކްރަސީއާއި، އިޤްތިޞާދީ މިނިވަންކަމާއި، ހަރުދަނާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމަކީ، ކޮންމެ ޤައުމެއްގެ ތަރައްޤީއަށްޓަކައިވެސް ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުގެ މިހާރުގެ ވިސްނުންފުޅަކީ މިއީ ކަމަށާއި، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ، މި ކަންކަން ފުރިހަމަކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންހާއި، އިންޑިޔާގެ އެކްސްޓަރނަލް އެފެއަޒް މިނިސްޓަރ އެސް. އެމް. ކްރިޝްނާއާއި، ވެރިކަން ހިންގާ ޔުނައިޓެޑް ޕްރޮގްރެސިވް އެލައަންސްގެ ޗެއަރޕަރސަން ސޯނިޔާ ގާންދީއާއި، އިންޑިޔާގެ ތިމާވެށްޓާ ބެހޭ ވަޒީރު ޖައިރާމް ރަމޭޝްއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުންތަކުގައި، މައިގަޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީގޮތުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި، ސާކް ޤައުމުތަކުގެ މެދުގައި ޤާއިމުކުރާ ދަތުރުފަތުރުގެ ނިޒާމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ސާކް އިތުރަށް ހަރުދަނާ ކުރެއްވުމާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ދެއްކެވި ވާކަފުޅުގައި، އެމަނިކުފާނު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ، ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، މި ދަތުރުފުޅުގެ ތެރޭގައި، އިންޑިޔާގެ ވެރިންނާއި އިންޑިޔާ ސަރުކާރާއެކު ވަރަށް ފައިދާހުރި ބިނާކުރަނިވި މަޝްވަރާތަކެއް ބޭއްވެވި ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގަންނަވަމުން، ސްރީލަންކާގައި އިއްޔެ މަޑުކޮށްލެއްވިއެވެ. އެމަނިކުފާނު ސްރީލަންކާގައި މަޑުކޮށްލެއްވި ވަގުތުކޮޅުގެ ތެރޭގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްރީލަންކާއާ ދެމެދުގެ ގުޅުމާއި، ދެ ޤައުމުގެ ސިޔާސީ މަސްރަޙާއި، އިޤްތިޞާދާއި، އަދި މެދުއިރުމަތީގެ ޤައުމުތަކުގައި ޑިމޮކްރަސީއަށް ގޮވާލާ ގޮވާލުންތަކުގެ ސަބަބުން އެސަރަޙައްދުގެ ސިޔާސީ މަސްރަޙަށް އައިސްފައިވާ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.