މާލޭ މުނިސިޕަލްޓީގެ ރައީސް ކަމުގެ މަގާމުން މައްޗަންގޮޅީ ގޮމަށިގޭ އާދަމް މަނިކު މިއަދު އިސްތިޢުފާ ދެއްވައިފިއެވެ. އެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޤަބޫލުފުޅު ކުރައްވައި، އާދަމް މަނިކަށް ފޮނުއްވި ސިޓީފުޅުގައި، 11 ޑިސެމްބަރ 2008 އިން ފެށިގެން، މާލޭ މުނިސިޕަލްޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން، ސަރުކާރަށާއި އަދި ވަކިން ޚާއްޞަކޮށް މާލެއަށާއި، ޢާންމުގޮތެއްގައި މުޅި ރާއްޖެއަށް އާދަމް މަނިކު ކޮށްދެއްވި ގިނަގުނަ އަގުހުރި މަސައްކަތްޕުޅުތަކަކީ، ވަރަށް އިޚްލާޞްތެރިކަމާއެކު ފާހަގަކުރައްވާ ކަންތައްތައް ކަމުގައި ވިދާޅުވެފައިވެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، އިޖްތިމާޢީ ބަލިކަށިކަމުން އަރައިގަތުމަށް، ޤައުމީ ތަރައްޤީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން އެކަށައެޅި، އެކުލަވާލެވި އަދި ޢަމަލީ މަސައްކަތަށް މިހާރު ތައްޔާރުވެފައިވާ [ވެށިފަހި މާލެ] ޕްރޮގްރާމަކީ،އާދަމް މަނިކުގެ ވަރަށްބޮޑު ޙިއްޞާއާއި އެއްބާރުލެއްވުން ސަރުކާރަށް ލިބިވަޑައިގެންފައިވާ ކަންކަން ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އަދި އަނެއް ދިވެހިރާއްޖޭގެ ޙަޤީޤީ ތަޞައްވުރެއް ކަމުގައިވާ، [ގްރޭޓަރ މާލެ] މާލެ ސަރަޙައްދުގައި ރުކުރުވާލެވޭ ސިއްރުތަކުގެ ތެރެއިން އެންމެބޮޑު އެއް ސިއްރަކީ، ޚުދު އާދަމްމަނިކު ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ.