ތިލަފުށީ ކެޗްމަންޓްގައި އުފެދޭ ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމް ކުރެއްވުމުގެ މަޝްރޫޢާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައި، އެ މަޝްރޫޢު ކުރިއަށް ގެންދަވަން ނިންމަވައިފިއެވެ. މި މަޝްރޫޢާ ބެހޭގޮތުން މަޝްވަރާ ކުރެއްވީ، މިއަދު ހެނދުނު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައެވެ.

 
ތިލަފުށީ ކެޗްމަންޓްގައި އުފެދޭ ކުނި ނައްތާލުމުގެ ނިޒާމަކީ، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. މިމަޝްރޫޢު އަމާޒު ކުރެވިފައިވަނީ، ތިލަފުށީ ކެޗްމަންޓަށެވެ. ތިލަފުށީ ކެޗްމަންޓްގެ ގޮތުގައި، މިމަޝްރޫޢުގައި މާނަ ކުރައްވާފައިވަނީ، މާލެއާއި، ހުޅުމާލެއާއި، ހުޅުލެއާއި، ވިލިނގިއްޔެވެ. އަދި ކ.އަތޮޅާއި، އއ. އަތޮޅާއި، ވ. އަތޮޅާއި، އދ. އަތޮޅުގައި ހުރި ރިޒޯޓްތަކެވެ.
 
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ތިލަފުށީ ކެޗްމަންޓްގައި އުފެދޭ ކުނި ޓްރީޓް ކުރުމާއި ނައްތާލުމަށްޓަކައި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ނިޒާމެއް ޤާއިމް ކުރުމާއި، ތިލަފުށީ ކެޗްމަންޓްގައި ކުނި އުކާލުމަށާއި، ކުނި ނައްތާލުމަށް ދެވޭ ޚިދްމަތާއި، ޚިދްމަތް ދިނުމަށް ބޭނުންކުރެވޭ އިންފްރާސްޓްރަކްޗަރގެ ފެންވަރު ރަނގަޅު ކުރުން ހިމެނެއެވެ. އަދި ތިލަފުށީގައި ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމެއް ޤާއިމް ކުރުމަށް މަގުފަހިކޮށް، 2020 ވަނަ އަހަރުގެ ކުރިން ކަރބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލުކުރުމުގައި ޙިއްޞާވުމާއި، ޕްރައިވެޓް ސެކްޓަރުން މިދާއިރާގައި 40 މިލިއަން ޑޮލަރާއި، 50 މިލިއަން ޑޮލަރާ ދެމެދު އިންވެސްޓްމަންޓް ކުރުމަށް މަގުފަހިކުރެއްވުމާއި، ޢިމާރާތް ކުރުމުގެ ފިޔަވައްސާއި، ޚިދްމަތް ދިނުމުގެ ފިޔަވަހީގައި، ފަންސާހާއި ސަތޭކައާ ދެމެދުގެ ޢަދަދަކަށް ވަޒީފާ އުފެއްދުން ހިމެނެއެވެ.
 
މި މަޝްރޫޢުގެ ޓްރާންސެކްޝަން އެޑްވައިޒަރެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ، އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން، އައި.އެފް.ސީ. އެވެ.
 
މަޝްރޫޢުގެ ބީލަން ކާމިޔާބުކޮށް، މަޝްރޫޢާ ޙަވާލުވާ އަމިއްލަ ފަރާތުން އަދާކުރަންޖެހޭ ދައުރުގެ ތެރޭގައި، ތިލަފުށީ ސަރަޙައްދުގައި ހުރި ގޭބީސީތަކާއި ވިޔަފާރިތަކުން ކޮންމެ ދުވަހަކު މުނިސިޕަލް ސޮލިޑް ވޭސްޓް އެއްކޮށް، އެރަށެއްގައި ޤާއިމް ކޮށްފައި ހުންނަ ކުނި ކޮށްޓަށް ޖަމާކުރުމާއި، ތިލަފުށީ ސަރަޙައްދުގައި ހިމެނޭ ރަށްރަށުގެ ކުނިކޮށިތަކުގައި ޖަމާކުރެވިފައި ހުންނަ ކުނި، ތިލަފުށްޓަށް ގެންގޮސް، ކުނީގެ އެކި ބާވަތްތައް ވަކިކޮށް، ޓްރީޓްކޮށް ނައްތާލުން ހިމެނެއެވެ. މި މަރްޙަލާތަކުގެ ތެރޭގައި، ވީހާވެސް ބޮޑަށް ރީސައިކްލް ކުރުމަށް އިސްކަން ދިނުމަށް ވަނީ ނިންމަވާފައެވެ. މީގެއިތުރުން، ތިލަފުށީ ސަރަޙައްދުގައި ހިމެނޭ ރިޒޯޓްތަކުގެ ތެރެއިން ތިލަފުށްޓަށް ކުނި އުފުލުމުގެ ޚިދްމަތް ހޯދުމަށް އެދޭ ރިޒޯޓްތަކަށް، އެ ޚިދްމަތް ދިނުމާއި، އަދި އަމިއްލައަށް ކުނި އުފުލުމަށް ޚިޔާރުކުރާ ރިޒޯޓްތަކުން ތިލަފުށްޓާ ހަމައަށް ގެންނަ ކުންޏާ ޙަވާލުވުމާއި، ނައްތާނުލެވި ބާކީ ހުންނަ ކުނި އުކާލުމަށް ތިލަފުށީގައި ސެނިޓަރީ ލޭންޑް ފިލްއެއް ޤާއިމް ކުރުންވެސް ހިމެނެއެވެ.
 

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ރާއްވަވާފައިވާ ވަގުތުގެ ތާވަލާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވައި، އެ ތާވަލުގައިވާ ގޮތަށް މިމަސައްކަތް ކުރިއަށް ގެންދެވުމަށާއި، 2012 ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން ވަގުތީ ޚިދްމަތް ދެއްވަން ފެށްޓެވުމަށް ނިންމެވިއެވެ. އަދި 2013 ވަނަ އަހަރުގެ މާޗް މަސް ނިމުމުގެ ކުރިން ދާއިމީ ޚިދްމަތް ދެއްވަން ފެށްޓެވުމަށްވެސް ނިންމެވިއެވެ.