ސަރުކާރުގެ އެކި މިނިސްޓްރީތަކުންނާއި، އެ މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ އޮފީސްތަކުން، ރައްޔިތުން އެކި ޚިދުމަތް ހޯދުމަށް އެދި ހުށަހެޅުމަށް ތައްޔާރުކުރައްވާފައި ހުންނަ ފޯމުތައް، ޕްރޮވިންސް އޮފީސްތައް މެދުވެރިކުރައްވައި، މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް 1 މާޗް 2011 އިން ފެށިގެން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވައިފިއެވެ.

 
މިކަން އަންގަވައި، އެ އޮފީހުން ނެރުއްވި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވާފައިވާ މި އަހަރުގެ 5 ނަންބަރު ދެންނެވުމުގައި، ސަރުކާރުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ދެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ލިބެން ނެތުމުންނާއި، އެފަދަ އެކި ޚިދުމަތްތަކަށް އެދި ހުށަހަޅަންޖެހޭ ފޯމުވެސް ރަށުން ލިބެން ނެތުމުން، އެކަމުގެ ޝަކުވާތައް ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ގިނައިން ލިބިވަޑައިގަންނަވަމުންދާކަން ފާހަގަކުރައްވާފައިވެއެވެ.  
 
ލާމަރުކަޒީ އުސޫލުން ކަންކަން ހިންގެވުމަކީ، މި ސަރުކާރުގެ އަމާޒުކަމަށްވުމާއެކު، ރައްޔިތުން ބޭނުންވާ ބައެއް ޚިދުމަތްތައް އަދި ރަށުން ލިބެން ނެތް ނަމަވެސް، ޚިދުމަތަކަށް އެދި ހުށަހަޅަންޖެހޭ ފޯމުތައް އެމީހަކު ދިރިއުޅޭ ރަށަކުން ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮތުމަކީ، ސަރުކާރުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއްކަމަށް ވިދާޅުވެފައިވެއެވެ.
 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު މި ނެރުއްވި ދެންނެވުމުގައި، އެ ޚިދުމަތަކީ، ރާއްޖޭގެ ކޮންމެ ތަނަކުން ލިބެން ހުންނަ ޚިދުމަތެއްކަމުގައިވީ ނަމަވެސް، އެ ޚިދުމަތަކަށް އެދޭ ފޯމު،   މި ދެންނެވި އުސޫލުން ލިބެންވާނެ ކަމަށްވެސް ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައިވެއެވެ.